މާލޭ މަގުމަތިން ޖަހައިގަނެ، ގަދަކަމުން އަންހެންމީހާ ގެއަކަށް ވައްދަނީ
މާލޭ މަގުމަތިން ޖަހައިގަނެ، ގަދަކަމުން އަންހެންމީހާ ގެއަކަށް ވައްދަނީ
މިމަހުގެ 16 ވަނަ ދުވަހު މާލޭ މަގުމަތިން ޖަހައިގަނެ، ގަދަކަމުން ގެއަކަށް ވައްދައި ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާ ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރަށް ގެންގޮސްފިއެވެ.

އެރޭގެ ޢަމަލާ ގުޅިގެން ރޭޕްގެ ޝިކާރައަކަށް ވެފައިވަނީ މަސްތުވާތަކެތީގެ ބޭނުން ކުރާ ޢުމުރުން 20 އަހަރުގެ އަންހެނެކެވެ. އަދި އޭނާ މިއަދު ވަނީ މަސްތުވާތަކެއްޗަށް ފަރުވާ ހޯދުމަށް ޖެންޑާ މިނިސްޓްރީއާއި، ނޭޝަނަލް ޑްރަގް އޭޖެންސީ ގުޅިގެން ހިންމަފުށީ ރިހެބަށް ގެންގޮސްފައެވެ.

އެ އަންހެންމީހާ ރޭޕް ކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ހދ. ނޭކުރަންދޫ، ވިނަރެސް، އާދަމް ވިޝާން، 18، އާއި ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު، 23، އެވެ. މާލޭގެ މަގުމަތިން، މީހުން ބަލަހައްޓައިގެން ތިއްބާ، އެއްވެސް ޖެހިލުމެއްނެތި އަންހެން މީހާ ޖަހައިގަނެގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ.

އެ ދެމީހުންގެ މައްޗަށް ފުލުހުން ކުރަނީ މާރާމާރީއާއި ކިޑްނެޕް އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތެވެ. އެ މައްސަލާގައި ހައްޔަރުކުރި އުމުރުން 18 އަހަރުގެ މީހާއަކީ މީގެކުރިން ހައްޔަރުގެ ތިން ރެކޯޑެއް އޮތް މީހެކެވެ. ދެވަނަ މީހާގެ ހައްޔަރުގެ ހަތަރު ރެކޯޑު އެބަ އޮތް ކަމަށް ފުލުހުން ބުނެ އެވެ. އަންހެން މީހާއަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ދީފައިވާ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް މުއްދަތު މަޖިލީހުގައި ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ކޯޓުގައި ބުނީ އަންހެން މީހާއަށް ޖިސްމާނީ އަނިޔާ ދިނުމުގެ ގޮތުން، އޭނާގެ ގައިގައި ހިފައި، މައްޗަށް ނަގައި ތިން ފަހަރު ވައްޓާލި ކަމަށް އަންހެން މީހާ ބުނެފައިވާ ކަމަށެވެ. އަދި އަންހެން މީހާގެ އަނގަޔަށް ފޮތި ކޮއްޕައި، ޖިންސީ އަނިޔާ ދިންކަމުގެ މައުލޫމާތު ހުށަހަޅާފައިވާ ކަމަށް ވެސް ފުލުހުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން