މާލޭ ލޮކްޑައުން ކުރުމުން ގިނަ ބަޔަކަށް ވަނީ ރަށަށް ނުފުރި މާލޭގައި ތާށިވެފައި
މާލޭ ލޮކްޑައުން ކުރުމުން ގިނަ ބަޔަކަށް ވަނީ ރަށަށް ނުފުރި މާލޭގައި ތާށިވެފައި
މާލެ އައިސް ރަށްރަށަށް ނުދެވި ތިބި ފަރާތްތަކަށް ދަތުރުކުރެވޭނެ ގޮތްތައް ހާމަކޮށް މާދަމާ ޖެންޑާ މިނިސްޓްރީގެ ފަރާތުން އިއުލާނެއް ނެރޭނެ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ މާލޭގައި ތިބި ރަށްރަށުގެ މީހުން ރަށްރަށަށް ދިޔުމާ ގުޅޭގޮތުން އެކުލަވާލާފައިވާ އުސޫލު މާދަމާ ޖެންޑަރ މިނިސްޓްރީން ހާމަކުރާނެ ކަމަށެވެ. އަދި އެމީހުންގެ މައުލޫމާތު ޖެންޑަރ މިނިސްޓްރީން އެއްކޮށްފައިވާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

"ކުރު މުއްދަތަށް މާލެ ވަޑައިގެންނެވި ބޭފުޅުން މާލޭގައި ލޮކްޑައުންއާ ގުޅިގެން ތާށިވެފައި ތިބި މައްސަލައަކީ ތިޔަބޭފުޅުން ފާހަގަކުރައްވާ ބޮޑު މައްސަލައެއް. އެބޭފުޅުންނަށް މާލޭގައި ތިބުމުގެ ދަތިތައް ދިމާވާތީ. އެބޭފުޅުންނަށް އެބޭފުޅުންގެ ރަށްރަށަށް އަނބުރާ ދިއުމަށް އުސޫލުތަކެއް ކަނޑައަޅައި، އެ އުސޫލުގެ ދަށުން ރަށްރަށަށް ދެވޭނެ އިންތިޒާމު ރާވައިދިނުމުގެ މަޝްވަރާތައް ކުރިއަށްދާ ވާހަކަ އަޅުގަނޑުމެން ތިބޭފުޅުންނަށް ރޭގެ ޕްރެސްގައި ދަންނަވާލިން. މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ފަރާތުން މާދަމާ އިއުލާނެއް ނެރުއްވާނެ،" އޭނާ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީން ގެންދަނީ މާލޭގައި ރަށަށް ނުދެވި ތާށިވެފައި ތިބި މީހުންނަށް ބޯހިޔާވަހިކަމާއި، ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެގޮތުން އިމާދުއްދީން ސްކޫލާއި، ހިރިޔާ ސްކޫލްގައި ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖައްސައިދީފައެވެ.

މީގެ ކުރިން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ދިރިއުޅޭ ރަށަށް އެނބުރި ނުދެވި ތިބި ފަރާތްތަކާއި ރަށުން އެނބުރި މާލެ ނާދެވިފައި ތިބި މީހުންގެ މައުލޫމާތު ހިއްސާކުރަން ކައުންސިލްތަކަށް ސިޓީއަކުން ދަންނަވާފައެވެ.

އެ ސިޓީގައި ބުނެފައިވަނީ ކޯވިޑް-19 ރާއްޖޭގައި ފެތުރެމުން ދިއުމާއި ގުޅިގެން ޒަރޫރީ ބޭނުންތައް ފިޔަވައި އެހެނިހެން ދަތުރުތައް ކުރުން ހުއްޓާލާފައިވާތީ، މާލެއިން، ދިރިއުޅޭ ރަށަށް ނުދެވިފައި ނުވަތަ ރަށުން އެނބުރި މާލެ ނާދެވިފައި ތިބި މީހުންގެ މައުލޫމާތު ހޯދަން ބޭނުންވާ ކަމަށެވެ.

އެގޮތުން ހުރިހާ ސިޓީ އަދި ރަށެއްގައި ތިބި އެފަދަ މީހުންގެ މައުލޫމާތު ހޯދައި، ފޮނުވައި ދިނުމަށް އެލްޖީއޭއިން ވަނީ އެދިފައިވެއެވެ.

މީގެ ކުރިން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު ވިދާޅުވީ، ރިސޯޓްތަކުން މާލެ އައިސް ތިބި މީހުންނާއި، ޒަރޫރީ ބޭނުންތަކަށް މާލެއަށް އައިސް ލޮކްޑައުންއާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި މީހުންނަށް ސޯޝަލް ކައުންސިލުން އެހީތެރިވަމުން އަންނަ ކަމަށެވެ.

ރިސޯޓުތަކުގައި ތާށިވެފައިތިބި މުވައްޒަފުންނާއި، ކަރަންޓީން ނުވަތަ އައިސޮލޭޝަން ފެސިލިޓީތަކުގައި 14 ދުވަސް ފުރިހަމަކޮށް، ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވާ ފަރާތްތައް، އެމީހެއްގެ ރަށަށް ގެންގޮސް ދޭނެ ކަމަށް އެމްއެންޑީއެފުން ވެސް ވަނީ ބުނެފައެވެ.

ކޯވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުންކޮށް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައި ވުމާއެކު، ރިސޯޓުތަކުގައި ތިބި މުވައްޒަފުންނަށް ވަނީ ރަށަށް ނުދެވި ރިސޯޓުގައި ތާށިވެފައެވެ. އަދި މާލޭގައިވެސް އަމިއްލަ ރަށަށް ނުދެވި ގިނަ ފަރާތްތަކެއް ތިބިކަން ވަނީ ފާހަގަ ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން