ދަނގެތި
ދަނގެތި
އދ.ދަނގެތީގައި ނިޔާވެފައި އޮއްވާ ފެނުނު އުމުރުން ދުވަސްވީ މީހަކު ކޯވިޑް-19 އަށް ޓެސްޓް ކުރަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ބުނެފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ދަނގެތީގައި ނިޔާވެފައި އޮއްވާ ފެނުނީ 79 އަހަރުގެ ފިރިހެނެއް ކަމަށެވެ.

"އދ. ދަނގެތީގައި 79 އަހަރުގެ ފިރިހެނަކު، ނިޔާވެފައި އޮއްވައި ފެނިފައި ވަނީ. އޭނާގެ ސާމްޕަލް ވަނީ ނެގިފައި. އޭނާގެ ނަތީޖާއެއް ނުލިބޭ. އަދި 79 އަހަރުގެ މީހަކު ނިޔާވެގެން އައިޖީއެމްއެޗަށް ވަނީ ގެނެސްފައި. އޭނާގެ ސާމްޕަލްގެ ނަތީޖާ ނެގެޓިވް." ޑރ.އަފްޒަލް ވިދާޅުވިއެވެ.

ދަނގެތީގައި ނިޔާވި މީހަކީ ބަލިވެ އުޅުނު މީހެއް ކަމެއް ނުވަތަ ނޫން ކަމެއް ޑރ.އަފްޒަލް ވިދާޅެއް ނުވެއެވެ.

ރާއްޖެ އިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 481 އަށް މިހާރު ވަނީ އަރާފައެވެ. ރާއްޖެ އިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އަދި މިހާތަނަށް ބަލިން ރަނގަޅުވީ 17 މީހެކެވެ. މިހާރު ބަލި ޖެހިފައި 464 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން ހަ މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. ރާއްޖެ އިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެކަކު މިހާރު ވަނީ ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން