ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
މިއަހަރުގެ ފުރަތަމަ ހަތަރުމަހު ރާއްޖެއަށް 389770 ފަތުރުވެރިން ޒިޔާރަތްކޮށްފި ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މަޢުލޫމާތު ހާމަކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އޭޕްރީލް މަހު 91200 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ޖެނުއަރީމަހު ރާއްޖެއަށް 92103 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ފެބްރުއަރީމަހު 96882 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އަދި މާރޗް މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 109،585 ފަތުރުވެރިންނެވެ.

މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އެޤައުމުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 22.2 އިންސައްތަ އިންޑިއާއިން ޙިއްސާކުރެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއިން ވެސް ޙިއްސާކުރަނީ 22.2 އިންސައްތައެވެ. މިއަހަރު އެވްރެޖްކޮށް ރާއްޖެއަށް ދުވާލަކު ޒިޔާރަތް ކޮށްފައިވަނީ، 3248 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ 724 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން 154 ރިސޯޓަކާއި، 137 ސަފާރީގެ އިތުރުން 11 ހޮޓަލަކާއި، 422 ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެެވެ. މިއީ 47475 ބެޑް ކެޕޭސިޓީއެވެ. އަދި ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީއަކީ 35640 އެވެ.

ރާއްޖެއަށް މިހާރު 30 އެއާލައިނަކުން ވަނީ ދަތުރުތައް ފަށައިފައެވެ. ސަރުކާރުން ލަފާކޮށްފައިވަނީ، މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށެވެ. މީގެއިތުރުން މިއަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް ފަތުރުވެރިކަމުގެ ވުޒާރާއިން ވަނީ އަންދާޒާކޮށްފައެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. މައުސޫމް ވިދާޅުވެފައިވަނީ، ދިވެހިންނަށް ވެކްސިން ޖަހައިދީ ނިމުމުން ފަތުރުވެރިންނަށް ވެކްސިން ޖަހައިދިނުމަށް ބޭނުންވާ ވެކްސިން ސަޕްލައި ސިންގަޕޫރުން ހޯދުމަށް މިހާރު އޯޑަރު ދީފައިވާނެ ކަމަށާއި، މި ވެކްސިން ސަޕްލައިން ލިބުމުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެކްސިން ޖެހޭ ވަރަށް ވެކްސިން ހުންނާނެ ކަމަށެވެ. އަދި މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތްކުރާ 90 އިންސައްތަ މުވައްޒަފުން ވެކްސިން ޖަހާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑް-19އާ ގުޅިގެން 2020 ވަނަ އަހަރުގެ މާޗު 27 ގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ތިން މަހަށްވުރެ ދިގު އިންތިޒާރަކަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު އެވެ. ފުރަބަންދަށްފަހު ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން އައި ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ، ޖުލައި 15 ވަނަ ދުވަހު ހެނދުނު 8:27 ގައެވެ. ގަތަރު އެއާވޭސްގެ ފްލައިޓު ވީއައިއޭގައި ޖެއްސުމާއެކު މަޑުޖެހިފައި އޮތް ރާއްޖޭގެ އިޤްތިޞާދު އަލުން ވަނީ ހިނގައިގަނެފައެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު، ސަރުކާރުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެމަސައްކަތްތަކާއެކު ފަތުރުވެރިކަމާ ގުޅޭ ބައިނަލްއަޤްވާމީ ގިނަ އެވޯޑްތަކެއްވެސް ރާއްޖެއަށް ދަނީ ލިބެމުންނެވެ. އެގޮތުން 2020 ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން"ގެ އެވޯޑާއި، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގެ 19 އެވޯޑެއް ވަނީ ރާއްޖެއަށް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން