އއ. ހިމަންދޫ
އއ. ހިމަންދޫ
އއ. ހިމަންދޫއަށް އަރައި ފޭބުން މަނާކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ ހިމަންދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީ އެ ރަށް މޮނިޓަރިންއަށް ގެނެސްފައިވާ ކަމަށެވެ. އަދި މި ކަމާގުޅިގެން އެރަށުގައި ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެހެންކަމުން ވަކިގޮތެއް އަންގަންދެން އެރަށަށް މީހުން އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.

ހިމަންދޫން ޕޮޒިޓިވް ބަޔަކު ފެނުމާ ގުޅިގެން ޒަރޫރީ ބޭނުމަކު ނޫނީ ގެއިންބޭރަށް ނުނިކުތުމަށާއި ގެއިން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައިވެސް މާސްކު އަޅައިގެން އުޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިމަންދޫ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާއިރު، އެއަތޮޅު މަތިވެރިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ޢަދަދު ވަނީ 232 އަށް އަރައިފައެވެ.

މަތިވެރީ ސިއްޙީ މަރުކަޒުން މިއަދު ބުނީ އެރަށުން ނެގި ސާމްޕަލް ތަކުގެ ތެރެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 232 މީހުން ކަމަށެވެ. މިއަދު އެރަށުން 9 މީހުން ޕޮޒިޓިވް ވެފައިވާއިރު، މިވަގުތު އެރަށުގައި އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 219 މީހުންނެވެ. އަދި ނަތީޖާ ނުލިބޭ 30 ސާމްޕަލް އެބައޮތްކަމަށާއި، 13 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް މަތިވެރީ ސިއްޙީ މަރުކަޒުން ހާމަކޮށްފައިވެއެވެ.

މަތިވެރިން ކޯވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި ބައެއް މީހުންނަކީ އއ. ބޮޑުފުޅަދޫ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓްސްއެވެ. އެރަށުން ގިނައިން ޕޮޒިޓިވް ވެފައި ވަނީ ތަރުތީބެއް ނެތި ނެގި ސާމްޕަލް ތަކުން ޕޮޒިޓިވްވި މީހުންނެވެ. އެޗްޕީއޭއިން ވަނީ ވަކި ގޮތެއް އަންގަންދެން އެރަށުން ފޭބުމާއި އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށްފައެވެ.

ކޮވިޑް ކޭސްތަކެއް ފެނިފައިވާތީ މިވަގުތުވެސް އަތޮޅުތެރޭގެ 25 ރަށަކަށް ވަނީ އަރައިފޭބުން މަނާކޮށްފައެވެ. އެގޮތުން މިއަދު ވަނީ ކުޅުދުއްފުއްޓާއި ފީއަލީ ވެސް މޮނިޓަރިންއަށް ގެންގޮސްފައެވެ. މާލެ އަށްވުރެ ބޮޑަށް ކޮވިޑް މިހާރު ފެތުރެން ފަށާފައިވަނީ ރާއްޖޭގެ އަތޮޅުތަކުގައެވެ. މިވަގުތުވެސް އަތޮޅުތަކުގައި ކޮވިޑްގެ 1600 އެކްޓިވް ކޭސް އުޅޭކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެޗްޕީއޭ އިން މިއަދު ވަނީ އަތޮޅުތެރޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުންވެސް މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން