މާލޭގެ ކާރޫބާރު ބޮޑު މަގެއް
މާލޭގެ ކާރޫބާރު ބޮޑު މަގެއް
ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން މުޅިން އަލަށް އެއްގަމު ލައިސަންސަށް އެދޭ ފަރާތްތަކަށް އެ ޚިދުމަތް ދިނުން ހުއްޓާލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ، ކޯވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ޑްރައިވިންގ ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް މި ޚިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

ނަމަވެސް މުއްދަތު ހަމަވެފައިވާ ލައިސަންސް ކާޑު އައު ކޮށްދިނުމާއި، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންދާ އެހެނިހެން ޚިދުމަތްތައް އޮންލައިންކޮށް ދެމުންގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލޭ ސަރަޙައްދުގައި ކޯވިޑް-19 ހަލުވި ދުވެލީގައި ފެތުރެމުންދާތީ ސަރުކާރު އޮފީސްތައް ބަންދުކޮށް މުވައްޒަފުން ގޭގައި ތިބެގެން އޮންލައިންކޮށް ޚިދުމަތް ދިނުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. މިއެންގުން ތަންފީޒު ކުރަށްވައި ރައީސުލްޖުމްހޫރިއްޔާވަނީ މިއަދުން ފެށިގެން ސަރުކާރުގެ އޮފީސްތަކަށް މުވައްޒަފުން ހާޒިރު ނުކޮށް އޮންލައިންކޮށް ޚިދުމަތް ދިނުމަށް ސަރުކާރުގެ އިދާރާތަކުގެ ވެރިންނަށް އަންގަވާފައެވެ. މި ފިޔަވަޅު އަޅާފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މިރެއިން ފެށިގެން ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް ވެހިކަލް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން