ޝިފްލާ އިބްރާހީމް (ވ)
ޝިފްލާ އިބްރާހީމް (ވ)
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް، ގ. މަސްއޮޑިގެ، ޝިފްލާ އިބްރާހީމް މިއަދު ޢައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޝިފްލާ އިބްރާހީމް މަޤާމަށް ޢައްޔަންކުރައްވައި، މަޤާމުގެ ލިއުން ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ޝިފްލާ އިބްރާހީމްއަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް އަރޓްސް އިން ޖަރނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ. ޝިފްލާ ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގަތީ 1999 ވަނަ އަހަރު ޓެލެވިޒަން މޯލްޑިވްސްގެ އެނައުންސަރ ޓްރެއިނީއެއްގެ ގޮތުގައެވެ. ޝިފްލާ އިބްރާހީމް މި މަޤާމަށް ޢައްޔަނުކުރެއްވުމާހަމައަށް މަސައްކަތްކުރައްވަމުން ގެންދެވީ ސަންގު ޓީވީގެ ނިއުސް އެންކަރއެއްގެ މަޤާމުގައެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ޝިފްލާ ޢައްޔަނުކުރަށްވާފައި މިވަނީ އެ ކޮމިޝަންގެ މެމްބަރު އައިމިނަތު ސަހާރަތު އިއްޒަތުގެ ދައުރު ހަމަވުމުންނެވެ. ބްރޯޑްކޮމްގެ މެމްބަރުކަމަށް ޝިފްލާ އައްޔަނުކުރުމަށް މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް 71 މެމްބަރަކު ވޯޓު ދެއްވި އެވެ.

ފަސް އަހަރުގެ ދައުރަކަށް އެކުލަވާލާ ބްރޯޑްކޮމްގެ މިދައުރުގެ ރައީސަކީ މަރިޔަމް ވަހީދާ އެވެ. އަދި ކޮމިޝަންގެ ނައިބް ރައީސަކީ އަހުމަދު ގައިސް އެވެ. ކޮމިޝަންގައި ތިއްބެވި އިތުރު މެންބަރުންނަކީ އަލީ ޔޫސުފު، އައިމިނަތު އަމީނާ، އަމްޖަދު ވަހީދުގެ އިތުރުން މުހައްމަދު ފަޒީނެވެ. މި ކޮމިޝަނުގައި ހަތް މެންބަރުން ތިއްބަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން