ޖޭއެސްސީގެ ބައެއް މެމްބަރުން
ޖޭއެސްސީގެ ބައެއް މެމްބަރުން
އަށް ރަށެއްގެ ކޯޓުތަކަށް މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާން ކޮށްފިއެވެ.

ޖޭއެސްސީ އިން ކޮށްފައިވާ އިއުލާނެއްގައި ވަނީ އުމުރުން 25 އަހަރު ފުރިފައިވާ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު؛ ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި ނުވަތަ ޝަރުއީ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށް އެ މަގާމަށް ކުރިމަތިލެވިދާނެ ކަމަށެވެ.

ޖޭއެސްސީން މެޖިސްޓްރޭޓުން ހޯދުމަށް އިޢުލާނު ކޮށްފައިވާ ކޯޓުތަކަކީ، ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓާއި، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓާއި، ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓާއި، ވ. ކެޔޮދޫ މެޖިސްޓްރޭޓް ކޯޓާއި، ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓާއި، ގއ. ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓާއި، ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓާއި، ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުމާއި، ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުމާއި، ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުމާއި، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

އޭގެ އިތުރުން ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުމާއި، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުމާއި، ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛު ކުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

މެޖިސްޓްރޭޓަކަށް އަސާސީ މުސާރައިގެ ގޮތުގައި 18،850 ރުފިޔާ ލިބޭއިރު އިސް މެޖިސްޓްރޭޓެއްގެ އަސާސީ މުސާރައަކީ 21،000 ރުފިޔާއެވެ. މީގެއިތުރުން ލިވިން އެލަވަންސްގެ ގޮތުގައި 4،000 ރުފިޔާ ލިބެއެވެ. އަދި ރިސްކު އެލަވަންސްގެ ގޮތުގައި 600 ރުފިޔާ ލިބޭއިރު ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން އިންޝުއަރެން ވެސް ލިބޭނެއެވެ.

ޖޭއެސްސީ އިން ބުނީ މި މަހުގެ 30 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ކޮމިޝަނުގެ ރަސްމީ އީމެއިލް އެޑްރެހަށް ފޮނުއްވުމުން ފޯމް ބަލައިގަންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން