މާލޭގެ މަގުމަތީގައި ފުލުހުން ޙަރަކާތްތެރިވަނީ | ރަސް ފޮޓޯ - ޝާހް
މާލޭގެ މަގުމަތީގައި ފުލުހުން ޙަރަކާތްތެރިވަނީ | ރަސް ފޮޓޯ - ޝާހް
ސްރީލަންކާއަށް ދާ ދިވެހިންވެސް 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިސްޓްރީން ބުނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައްޔާއި ސްރީލަންކާގައި އަނެއްކާވެސް ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސްރީލަންކާގެ ސަރުކާރުން އަޅަމުންދާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނިގެން، އެ ޤައުމަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުކުރުމުގެ އުޞޫލަށް ސްރީލަންކާގެ ސަރުކާރުން ބަދަލުތަކެއް ގެންނަވާފައިވާ ކަަމަށެވެ.

އެގޮތުން، 11 މެއި 2021 ވަނަ ދުވަހުން ފެށިގެން 31 މެއި 2021 ގެ ނިޔަލަށް، އެ ޤައުމަށް ދަތުރުކުރާ އެންމެހާ ފަރާތްތައް އެ ޤައުމުގެ ސަރުކާރުން ކަނޑައަޅާ ކަރަންޓީނު ހޮޓަލެއް، ނުވަތަ ކަރަންޓީނު ސެންޓަރެއް، ނޫންނަމަ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ލެވެލް 1 ގެ ހޮޓަލެއްގައި 14 (ސާދަ) ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެކަމަށް ވަނީ އަންގާފައެވެ.

އަދި އެ ޤައުމަށް ދަތުރުކުރާ 12 (ބާރަ) އަހަރުން މަތީގެ މީހުން 14 (ސާދަ) ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ދޫކުރެވޭނީ، އެ ޤައުމަށް ދަތުރުކުރާ ފުރަތަމަ ދުވަހު ހަދާ "އޮން އެރައިވަލް" ޕީސީއާރު ޓެސްޓާއި، ކަރަންޓީނުގެ 11 ވަނަ ދުވަހާއި 14 ވަނަ ދުވަހާ ދެމެދު ހަދާ "އެގްޒިޓް" ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން ކަމުގައިވެސް ވަނީ އަންގާފައެވެ. މިގޮތުން، އެރައިވަލް އަދި ކަރަންޓީނުން ވީއްލާއިރު ހަދާ ޕީސީއާރު ޓެސްޓު ހެދުން އިސްތިސްނާވާނީ ދެ އަހަރުން ދަށުގެ ކުދީން އެކަންޏެވެ.

ކަރަންޓީނު ކުރުމުގެ އުޞޫލަށް މިގޮތަށް ބަދަލު ގެނެސްފައިވީނަމަވެސް، ކްރިޓިކަލް ފަރުވާއަށް ގޮސް ހޮސްޕިޓަލުގައި ކަރަންޓީނުވާން އެދޭ ފަރާތްތަކުން، ހޮސްޕިޓަލާއި ސްރީލަންކާގެ ހެލްތް މިނިސްޓްރީގެ ޚާއްޞަ ހުއްދައިގެ ދަށުން، ބޭސްފަރުވާއަށް ދަތުރުކުރުމުގެ ފުރުޞަތު ކުރިއެކޭ އެއްގޮތަށް މި މުއްދަތުގައިވެސް ފަހިވެފައި އޮންނާނެ ކަމަށް އެ ޤައުމުން އަންގަވާފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ސްރީލަންކާއަށް ދަތުރުކުރަން ޤަޞްދުކުރާ ދިވެހިން މިކަމަށް ސަމާލުކަން ދިނުމަށާއި، މި ފިޔަވަޅުތަކަށް ބަދަލު އައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މަޢުލޫމާތު ސާފުކުރުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން