ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމަށް 4 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން މިރޭ ޢާއްމު ކުރި ބަޔާނެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، 8 މެއި 2021 ވަނަ ދުވަހު ބޭއްވި ޤައުމީ ސަލަމާތާބެހޭ މަޖިލީހުގެ 7 ވަނަ ބައްދަލުމުގައި ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން މަސައްކަތްކޮށްފައިވާ ގޮތުގެ އޮޑިޓެއް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ކަމަށް ބުނެފައި ވެއެވެ.

އަދި އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމަށްޓަކައި ރައީސް އޮފީހުގެ ބޭފުޅުންނާއި އެޓަރނީ ޖެނެރަލް ހިމެނޭ ގޮތަށް ރައީސުލްޖޫމްހޫރިއްޔާވަނީ 4 މެންބަރުންގެ ކޮމިޓީއެއް 11 މޭ 2021 ވަނަ ދުވަހު އުފައްދަވާފައިވާ ކަމަށާއި، މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިކޮމިޓީގެ މައިގަނޑު މަޤްޞަދަކީ، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މަޢުލޫމާތު ރައްކާތެރިކަމާއެކު ޙިއްޞާކުރުމާއި ޤާނޫނުގައިވާ ގޮތުގެ މަތިން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން ޢަމަލުކޮށްފައިވާ ގޮތް ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި، އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ޙިއްޞާކުރުމުގައި ވިލަރެސްކުރެވިފައިވާ މިންވަރު ދެނެގަތުމެވެ.

މީގެ އިތުރުން، ޓެރަރިޒަމްގެ ޢަމަލުތައް ހިމެނޭ މައްސަލަތަކުގައި އިންޓެލިޖެންސާއި މަޢުލޫމާތު ޙިއްޞާކުރެވިފައިވާ މިންވަރު ބެލުމާއި، އިންޓެލިޖެންސް އިދާރާތަކަށް ބޭނުންވާ ވަޞީލަތްތައް ހުރި މިންވަރާއި، ތަންފީޛުކުރުމުގައި ގޮންޖެހުންތަކާއި، އަދި މި ނިޒާމުގައި އިޞްލާޙުކުރަންޖެހޭ ކަންކަން ދެނެގަތުން ހިމެނޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ކޮމިޓީގެ މަސައްކަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައި، މަސައްކަތުގެ ދިރާސާ ރިޕޯޓަކާއި ކޮމިޓީގެ ރިކޮމެންޑޭޝަން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމަށްވަނީ ހަމަޖެހިފައެވެ. ކޮމީޓީއަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ކަމާބެހޭ އިދާރާތަކުން މިހާރުވެސް ގެންދަނީ ފޯރުކޮށްދެއްވަމުން ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން