އައްޑޫ ފްލައިންގ ސްކޫލް (ފޮޓޯ: ސޯޝަލް މީޑިއާ)
އައްޑޫ ފްލައިންގ ސްކޫލް (ފޮޓޯ: ސޯޝަލް މީޑިއާ)
އޭޝިއަން އެކެޑެމީ އޮފް އޭރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިންގެ މަގާމުގައި ހުރި ސުރަންޖަން ޑީ-ސިލްވާއަށް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ދޫކޮށްފައިވާ ހުއްދަ އަތުލުމަށް ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިރޭ ނެރެފައިވާ ބަޔާނެއްގައި ވަނީ، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސްގެ ފަރާތުން ސ. ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގައި ތައުލިމް ހާސިލްކުރަމުން ގެންދާ ދަރިވަރުންގެ ތައުލީމް ކުރިޔަށް ނުގެންދެވި ސްކޫލްގެ މެނޭޖްމެންޓުން އިހުމާލުވެފައިވާތީ ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިންގެ މަގާމުގައި ހުރި ސުރަންޖަން ޑީ-ސިލްވާ މަގާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ދޫކޮށްފައިވާ ހުއްދަ 23 މެއިން ފެށިގެން އަތުލުމަށް ނިންމާފައިވާކަމަށެވެ.

އޭގެއިތުރުން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ހައްލު ކުރެވެމުން ނާންނަނަމަ އެކަމަށް ޒިންމާ އުފުލަން ޖެހޭނީ މެނޭޖަރ އަލީ އަކުބަރު ޖީވަންޖީ ކަމަށާއި، އިތުރު ހެޔޮ ބަދަލެއް ނާންނަނަމަ އޭނާގެ ހުއްދަ ވެސް އަތުލާނެކަމުގެ އިންޒާރު ސިވިލް އޭވިއޭޝަނުން ވަނީ ދީފައެވެ.

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) ނުވަތަ ‎އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވަން ނައިބް ރައީސް ފައިސަލް ނަސީމް ވެސް ވަނީ ދާދިފަހުން ގޮވާލައްވައިފައެވެ. އަދި އައްޑޫ ފްލައިން ސްކޫލްގައި ޑޮލަރުން ފީ ނަގާ މައްސަލަ އެމްއެމްއޭއާއި ފުލުހުންނަށް ޑިސެމްބަރު މަހުގެ ކުރީކޮޅު ވަނީ ހުށަހަޅާފައެެވެ. އައްޑޫ ފްލައިންގ ސްކޫލް ކުދިން އަތުން ޑޮލަރުން ފީ ނަގާ މައްސަލަ އެމްއެމްއޭއާއި ފުލުހުންނަށް ހުށަހަޅާފައި ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންނެވެ.

ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ޝަކުވާތަކުގެ ތެރޭގައި ދަރިވަރުންތަކެއް ކަނޑާލުމާއި، ދަރިވަރުން ފްލައިން އަވާސް ހަމަކުރަން އެކަށީގެންވާ ފުރުސަތު ނުލިބޭ މައްސަލަތައް ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި އެހެން މުއައްސަސާތަކުގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އައްޑޫ ފްލައިން ސްކޫލްގެ ގިނަ މައްސަލަތަކެއް ދަރިވަރުން ފެންމަތިކުރަމުން އަންނަތާ މިހާރު އެތައް ދުވަހެއް ވެފައި ވީ ނަމަވެސް އެކަމަށް އެކަށީގެންވާ ހައްލެއް ލިބޭގޮތްވަނީ ނުވެފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންވަނީ ފްލައިން ސްކޫލްގައި ހުރި މައްސަލަތައް ހައްލުނުކޮށް އިތުރު ދަރިވަރުން ނެގުން މަޑުޖައްސާލަން ފްލައިން ސްކޫލަށް އަންގާފައެވެ. އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބެލެނިވެރި ވުޒާރާ ކަމުގައިވާ ޓްރާންސްޕޯޓް މިނިސްޓްރީންވެސް ވަނީ މައްސަލަތައް ހައްލުނުކޮށްފިނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފައެވެ. އައްޑޫ ފްލައިންގް ސްކޫލްގައި މިވަގުތުވެސް 170 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދެއެވެ. ނަމަވެސް އެކުދިން ތަމްރީންކުރުމުގައި މި ވަގުތު ހަރަކާތްތެރިވަނީ އެންމެ 12 އިންސްޓްރަކްޓަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން