ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ސަރުކާރުން ކޯވިޑްގެ މިޙާލަތަށް އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނެތް ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިން" އާއި ވާހަކަ ދައްކަވަމުން ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް މިއަދު ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން މިވަގުތު ކުރިމަތިވެފައި ވަނީ ޤައުމީ ހާލަތެއް ކަމަށާއި، މި ޙާލަތު ބަދަލު ކުރެވޭނީ ހުރިހާ އެންމެންގެ ބައިވެރިވުން ލިބިގެން ކަމަށެވެ. އަދި ރާއްޖެ ހަލާކުވެގެން ދާއިރު އާބާދީގެ ކަމުވޮށިގެންވާ ހުރިހައި މީހުން ތިބެން ޖެހިފައިވަނީ ކުޅިބަލަން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކޮވިޑްގެ ޙާލަތު ދިމާވިތާ 16 މަސް ވެއްޖެ ކަމަށާއި، ރައްޔިތުން ބަސްނާހާކަމަށް ސަރުކާރުން ބުނާ ކަމަށެވެ. އަދި ސަރުކާރުގެ ހިންގުންތެރިކަމެއް ނެތި ކަންކަން ބޮއްސުންލައިގެން ގޮސް ކޮރަޕްޝަން ބޮޑުވާ ކަމުގެ ޝަކުވާ ރައްޔިތުން ކުރަމުން ދާކަމަށް ޝަރީފް ވިދާޅުވިއެވެ.

ކޮންމެ މީހަކަށްވެސް ހާލަތު އިހްސާސްވާނީ ހާލަތު އައިސް ދޮރުގައި ޓަކިޖެހުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރަށް ވަގުތު ލިބިއްޖެ ކަމަށާއި، ވަގުތު އޮވެގެން މި ޙާލަތަށް ތައްޔާރުވާން ފުރުސަތުވެސް ލިބުނު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ދިވެހިރާއްޖެއަށް ކީއްވެގެންތޯ ކޮވިޑް ޕޭޝަންޓުންނަށް 1000 އެނދު ތައްޔާރު ކޮށްނުލެވުނީ؟ 200 ނަރުހުން ވަގުތީ ހާލަތަށް ތަމްރީންކޮށް ނުލެވުނީ؟ ކީއްވެގެންތޯ ރާއްޖޭގެ މުޅި އާބާދީއަށް ބޭނުންވާ ވެކްސިން ނުހޯދުނީ؟" ޝަރީފްގެ ސުވާލުތައް ބަންޑުންކޮށްލެއްވިއެވެ.



މީގެ އިތުރުންވެސް ރައްޔިތުންގެ އެތައް ސުވާލެއް އެބަހުރި ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ކައުންސިލް އިންތިހާބަށް ލުއިދިނުމުގައި ޢަމަލުކުރި ގޮތާއި، އިންޑިއާގެ ޓޫރިސްޓުންނަށް ގެސްޓް ހައުސްތައް ހުޅުވާލައި، އިންޑިއާއިން މެދުއިރުމައްޗަށް ދަތުރުކުރި މަސައްކަތު މީހުންނަށް ރާއްޖެ ޓްރާންސިޓް ޑެސްޓިނޭޝަނަކަށް ހެދުމަށް ނިންމި ނިންމުމާމެދު ރައްޔިތުން ސުވާލު އުފައްދާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މިހާރުގެ ޙާލަތަށް ޙައްލެއް ލިބެން އޮތީ މުޅި ރާއްޖެއަށް އަމާޒްކޮށް މަދުވެގެން 1000 އެނދު އެކި ދިމަދިމާގައި ހަމަޖައްސައިގެން ކަމަށެވެ. އެކަމަކީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރަށްވައި ޝަރީފް ވިދާޅުވީ، ރާއްޖޭގެ ހުރިހައި ޕްރައިވަޓް އަދި ޕަބްލިކް ހޮސްޕިޓަލްތަކާއި ކުލިނިކް ތަކުގައި ކޮވިޑް ޕޭޝަންޓުން އެޑްމިޓް ކުރެވޭގޮތަށް ހަމަޖައްސަން ޖެހޭ ކަމަށާއި، އެތަންތަނަށް ބޭނުންވާ ވަސީލަތް ހޯދުމަށް ލޯނު ލިބޭނެގޮތް ހުޅުވާލަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން ޔުނިވަސިޓީތަކާއި، ކޮލެޖުތަކުގައި ކިޔަވާކުދިންނަށް ހުޅުވާލައިގެން 15 ވަރަކަށް ދުވަހުގެ ނަރުހުން ތަމްރީންކުރެވޭނެ ކޯހެއް ފަރުމާކޮށް، ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި ރަޖިސްޓްރީކޮށް އެމީހުން ޚިދުމަތަށް ނެރެންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ހަމައެއާއެކު ރަށްރަށާއި، އަވަށްތަކުގައި ކޯލް ސެންޓަރު ޤާއިމުކޮށް، ކޯލް ސެންޓަރު ތަކުގައި ވެހިކަލް ރަޖިސްޓްރީކޮށް، ވޮލަންޓިއަރުން ރަޖިސްޓްރީކޮށް، އެ އަވަށެއްގެ ޑެލިވަރީ ފިހާރަތަކާއި ފާމަސީތައް ރަޖިސްޓްރީކޮށް، ގޭގެއިން މީހުން ބޭރަށް ނުނިކުމެ ކޯލްސެންޓަރ މެދުވެރިކޮށް ޑެލިވަރީގެ ކަންކަން ރާވައި ހިންގަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، މިހާރު ކޮންމެ ދުވަހަކު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގެ އިޤްތިޞާދީ ސިނާޢަތްތަކުގެ މީހުންނަށް ފުރުސަތުދީ، ސަރުކާރުގެ ޚިދުމަތްތައް ކުރިއަށް ގެންދާގޮތްވެސް މިހާރަށް ވުރެ ބޮޑަށް ރައްޔިތުންނަށް ބުނެދޭންޖެހޭ ކަމަށެވެ.

ކޯވިޑް-19ގެ ޙާލަތު ރާއްޖޭގައި އިތުރަށް ގޯސްވެ މިހާރުވަނީ މާލޭ ސަރަޙައްދުގައި ބޭރަށް ނުކުމެ އުޅުން މަނާކޮށްފައެވެ. އަދި ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ފަގީރުކޮއި

27-May-2021

ކިތަންމެ ރަނގަޅު ވާހަކައެއް ބުންޏަސް މި ނާގާބިލް ސަރުކާރު އަޑެއް ނާހާނެ، މިރޭ އަނގައިންވެސް އެބުނީ މިއަދު އިންޑިޔާ އިން އައްޑޫގައި ކޮންސުލޭޓް ހަދަން ފާސްކުރީމާ ރައްޔިތުންގެ އަނގައިގައި ޓޭޕް އަޅަން ވެގެން. ކިތަންމެވަރަކަށް މަތި އޮއްބަން އުޅުނަސް އަހަރެމެން އެކަމާ އަޑު އުފުލާނަން.މަގޭ ގައުމާ ނުކުޅޭތި.



ޓްރެންޑިން