ކުދި ވިޔަފާރިތަކަށް އެހީވުމަށް 375 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިރޭ އިޢުލާނު ކުރަށްވައިފިއެވެ.

މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ސަރުކާރުން އަޅާ ފިޔަވަޅުތަކާގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 375 މިލިއަން ރުފިޔާގެ ސްޓިމިއުލަސް ލޯން ޕެކޭޖެއް ތައާރަފް ކުރުމަށް ނިންމައިފި އެވެ.

އެގޮތުން ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސޮފްޓް ލޯން ދިނުމަށް ހަމަޖައްސާފައިވަނީ ކެފޭ، ރެސްޓްރޯނަންޓް، ވޯކްޝޮޕް، ސެލޫން ޖިމް ފަދަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން 20 މިލިއަން ޔޫރޯ ހޯދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، ސޮފްޓް ލޯން ދިނުމަށްޓަކައި 375 މިލިއަން ރުފިޔާ ނުވަތަ 20 މިލިއަން ޔޫރޯގެ ސްޓިމިއުލަސް ލޯން ޕެކޭޖެއް ތައްޔާރުކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ޖޫން މަހު ލޯންތައް ދޫކުރަން ފެށޭވަރުވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރު އެކަނި ލޯނާއި، އެހީގެ ގޮތުގައި 1.34 ބިލިއަން ޑޮލަރު ލިބުނު ކަމަށާއި އޭގެ ތެރޭގައި އެހީގެ ގޮތުގައި 872 މިލިއަން ޑޮލަރާއި ލޯނުގެ ގޮތުގައި 466 މިލިއަން ޑޮލަރު ލިބުނު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާލީ ގޮތުން ދިމާވި ދަތި އުނދަގުލުން އަރައިގަނެވުނީ ފިނޭންސް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީގެ މަސައްކަތުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، މި ލޯން ޕެކޭޖްގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްސާކުރުމަށް ފިނޭންސް މިނިސްޓަރ ދެ ދުވަހެއްގެ ތެރޭގައި ނޫސްވެރިންނާ ބައްދަލުކުރަށްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން