ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މިސްކިތްތަކުގައި ނަމާދުކުރެވެންވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މާލޭގެ މިސްކިތްތައް މުޅިން ބަންދު ކޮށްފައިވަނީ، ބައެއް ފަރާތްތަކުން މިނިސްޓްރީގެ ނިންމުމަށް އިޙްތިރާމްނުކޮށް މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރަމުން ދާތީއެވެ. އިސްލާމިކް މިނިސްޓްރީން މާލޭގެ މިސްކިތްތައް އެއްކޮށް ބަންދު ކޮށްފައިވަނީ މި މެއި މަހުގެ 26 ވަނަ ދުވަހުއެވެ.

އެކަމާ ގުޅިގެން ޑރ. އަޙްމަދު މިއަދު ވިދާޅުވީ، އިސްލާމީ ވެރިއެއްގެ އަސާސީ މަސްއޫލިއްޔަތަކީ ދީން ޙިމާޔަތްކޮށް، ދީނުގެ ޙުކުމްތަކާ ޚިލާފުނުވާނޭ ގޮތެއްގެ މަތިން ދުނިޔަވީ ސިޔާސަތު ރާވައި ހިންގުން ކަމަށެވެ. އެހެންކަމުން ބަލިމަޑުކަމުގެ ޙާލަތުގައިވިއަސް މިސްކިތްތައް އެއްކޮށް ބަންދުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޑރ. އަޙްމަދު ވިދާޅުވިއެވެ.

ޑރ. އަޙްމަދު ވަނީ، "ތަބާވާންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންފޯސް ކުރުމާއެކު މިސްކިތްތަކުގައި ނަމާދުކުރެވެންވާނެ" ކަމަށް ވިދާޅުވެފައެވެ.



ކޮވިޑާއި ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ފަރުޟު ނަމާދު ކުރުން ހުއްޓާލާފައިވަނީ މި މެއި މަހުގެ 19 ވަނަ ދުވަހުއެވެ. އެކަމާ ގުޅިގެން ދީނީ ގިނަ ޢިލްމުވެރިން ދަނީ ނުރުހުން ފާޅުކޮށް މިސްކިތްތަކުން ފެނާއި ކަރަންޓް ކަނޑާލައި މިސްކިތްތައް މުޅިން ބަންދު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވަމުންނެވެ. މާލޭގައި ގޭގައި ނަމާދުކޮށްލޭނެ ފަދަ ނެތް މީހުން ވެސް އުޅޭ ކަމަށާއި ގަވާޢިދުން ހުއްދަ ނަގައިގެން އުޅޭމީހުން މިސްކިތުގައި ވަކިވަކިން ނަމާދުކޮށްލުމަށް ފުރުސަތު އޮންނަންވާނެ ކަމަށް ބައެއް ދީނީ ޢިލްމްވެރިން ވިދާޅުވެއެވެ.

މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަ ގިނައިން ދުޢާކޮށް، އިސްތިޣުފާރު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުރިހާ ފަރާތްތަކަށް ނަސޭހަތްތެރި ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން