ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
އައްޑޫ އިންޑިއާ ކޮންސިއުލޭޓަކީ މުޅި ޤައުމުގެ މިނިވަންކަމަށް އޮތް ގޮންޖެހުމެއް ކަމަށް ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު މިއަދު ވިދާޅުވީ، އިންޑިއާއިން އައްޑޫގައި ޤާއިމްކުރާ ކޮންސިއުލޭޓަކީ މުޅި ޤައުމުގެ މިނިވަން ކަމަށް އަންނަ ގޮންޖެހުމެއް ކަމަށެވެ. އަދި މިއީ އައްޑޫގެ އިޤްތިސާދަށް ލިބޭ ގެއްލުމެއް ކަމަށާއި، މިއީ ދުރުރާސްތާގެ ޕްލޭނެއްގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުގައި، އެކިއެކި ނަންނަމުގައި އިންޑިޔާގެ މިލިޓަރީ ބޭސްތައް ޤާއިމް ކުރުމަށް ހިންގޭ ފުޅާ ޕްރޮގްރާމެއް ކަމަށް އުމަރު ވިދާޅުވިއެވެ.

އައްޑޫ ގައި އިންޑިޔާއިން ގާއިމް ކުރާ މިލިޓަރީ މަރުކަޒު ސިފަކުރެވެނީ ކަސްޓަމްސަށް އޮޅުވާލުމަށް ޓަކައި ސައިކަލެއް ރޫޅާލައިގެން ފަހަރަކު ބަޔެއް އެތެރެ ކުރާ ގޮތަށް ކުރާ ކަމެއްގެ ގޮތަށް ކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން އެކަން އޭނާ ސިފަކުރެއްވީ ދިވެހިންނަށް އޮޅުވާލުމަށްޓަކައި، އެކި ފަހަރު އެކި ބައި ގެނެސްގެން އައްޑު އަތޮޅުގައި މިލިޓަރީ މަރުކަޒެއް އިންޑިޔާއިން ރާވަމުންދާ ގޮތަށެވެ.

"ފުރަތަމަ އައްޑޫ އަށް ގެނައީ ހެލިކޮޕްޓަރަކާ ސިފައިން. ދެން ގެނައީ ރާޑަރު ސްޓޭޝަން. ދެން އެޅީ މިލިޓަރީ ބޭސް އަކަށް ބޭނުން ކުރެވޭ ވަރުގެ ވަރުގަދަ އިމާރާތެއް. ޑިޕްލޮމެޓިކް ކަވަރު ދިނުމަށް ޓަކައި މިހާރު މި ގެންނަނީ ކޮންސިއުލޭޓް އޮފީހެއް." ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ، ސަރުކާރަށް ނިސްބަތްވާ ސިޔާސީ ބައެއް ބޭފުޅުންނަށް އިންޑިޔާގެ ކޮންސިއުލޭޓަކީ ވިޔަފާރިއަށް ފަހިކޮށްދޭނެ މަގަކަށް ވާނެކަމަށް ހީފުޅުވާ ކަމަށާއި، ނަމަވެސް އިންޑިއާއަކީ މުއްސަދި ޤައުމަކަށް ނުވާތީ މިކަމުގެ ސަބަބުން އިގިރޭސިން ތިބިއިރު ކުރިކަހަލަ އެއްވެސް ފައިދާ އައްޑޫގެ އިޤްތިސާދަށް ނުކުރާނެކަމަށެވެ.

އައްޑު އަތޮޅުގެ ގަމާއި، ޝަންގްރިއްލާއާއި، އަދި ކެނެރީފް ބަންދުވެ އައްޑޫ ރައްޔިތުންގެ ވަޒީފާ ގެއްލިފައިވާ މި ދަނޑިވަޅު ބަލާފައި ތަރައްޤީ ކުރަން ވަޢުދުވި 8000 އެދު ތަރައްޤީ ނުކޮށް، އިންޑިއާގެ މިލިޓަރީ ބޭހެއް ގާއިމް ކުރުން ވެގެންދާނީ އިންވެސްޓަރުން އައްޑު އަތޮޅަށް އައުމަށް ޖެހިލުންވާ ކަމަކަށް ކަމުގައި ޢުމަރު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ޓޫރިޒަމާއި އެނޫންވެސް ވިޔަފާރި ތަކަށް ލިބޭ ހީނަރުކަން ބޮޑުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އުތުރު ތިލަފަޅުގައި އިންޑިޔާއިން ހަދާ އިމާރާތްތަކާ، ހދ. ހަނިމާދޫ ގައި ތިބި އިންޑިއާގެ ސިފައިންނާ އެމީހުންގެ ޑޯނިޔާ މަތިންދާ ބޯޓާ، ލ. ގަމުގައި ތިބި އިންޑިއާގެ ސިފައިންނާ އެމީހުންގެ ހެލިކޮޕްޓަރާ، އައްޑޫގައި ޤާއިމް ކުރެވިފައިވާ އެމީހުންގެ ވަސީލަތަތަކަށް ބަލާލުމުން މި ހިނގަނީ ކޮންކަމެއްކަން ވަރަށް ސާފު." ޢުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މިއީ ދިވެހި ދައުލަތުގެ ވެރިންގެ ތިލަ ވިސްނުމުގެ ސަބަބުން ދިމާވަމުންދާ ކަމެއް ކަމަށެވެ. އަދި މީގެ ނޭދެވޭ އަސަރު ދިވެހިންގެ މިނިވަންކަމަށް ކުރާނެކަމަށާއި، މާތްﷲގެ ވާގިފުޅާއެކު ދިވެހިންގެ މިނިވަންކަން ސަލާމަތް ކުރުމަށް ކުރަން ޖެހުނު ކޮންމެ ޖިހާދެއް ދިވެހިން ކުރާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

އޭގެ އިތުރުން ޢުމަރު ވަނީ ދިވެހި ޤައުމު އަނބުރާ ދިވެހިންނަށް ހޯދާދިނުމުގެ މަތިވެރި ޒިންމާ 2023 ވަނަ އަހަރު، ދިވެހި ރައްޔިތުން ޑީ،އެން،އޭއާ ހަވާލު ކުރަށްވައިފިނަމަ، ﷲގެ ވާގިފުޅާއެކު، އިންޑިއާގެ ސިފައިން ތިބިތިބުމަށް ނިމުމެއް ގެންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ފުރުސަތެއް ލިބިއްޖެނަމަ ދިވެހިންގެ މިނިވަންކަމާ އަމިއްލަ ވަންތަކަން ކަށަވަރު ކުރާނެ ކަމަށްވެސް ޢުމަރު މިއަދު ވިދާޅުވިއެވެ.

ޑީއޭންއޭއަކީ ސިޔާސީ އިސްލާހީ މަސައްކަތްތަކެއް ކުރުމަށް އުމަރު ނަސީރާއި ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން އިސްކޮށް ތިއްބަވައިގެން އުފައްދާފައިވާ ހަރަކާތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން