ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ | ރަސް ފޮޓޯ: ޝާހް
ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ | ރަސް ފޮޓޯ: ޝާހް
ކޯވިޑްގައި މިއަދު ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 8 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ މިއަދު އެންމެފަހުން ނިޔާވި ދެ މީހުންނަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދިޔަ 46 އަހަރުގެ އަންހެނަކާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 83 އަހަރުގެ އަންހެނެއް ކަމަށެވެ. މި މަރުތަކާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ޢަދަދު ވަނީ 169 އަށް އަރާފައެވެ. އަދި މިއީ މިއަދު ނިޔާވި ހަތް ވަނަ މީހާއާއި، އަށްވަނަ މީހާއެވެ.

ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 153 ދިވެހިންނާ 16 ބިދޭސީންނެވެ. މިދިޔަ މެއި މަހަކީ ރާއްޖޭގައި ކޯވިޑް ފެތުރެން ފެށިފަހުން އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއި މަހު ޖުމްލަ 88 މީހުން ވަނީ ނިޔާވެފައެވެ. މިއަހަރު މިހާތަނަށް ރާއްޖެއިން ވަނީ 132 މީހުން ނިޔާވެފައެވެ. އަނެއްކޮޅުން މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ، ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުުރުވެފައެވެ. އެއާއެކު ސަރުކާރުން ރައްކާތެރިކަމަށް ހަރުކަށި ފިޔަވަޅުތަކެއް، އަޅާ މާލެ އާއި އެހެން ބައެއް ސަރަޙައްދުތަކުގައި ދަނީ ކާފިއު ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން