ހުޅުމާލޭ މިސްކިތް
ހުޅުމާލޭ މިސްކިތް
މާލެ ސަރަހައްދުގައި 37 މިސްކިތެއްގައި ފެން ކަނޑާ ނުލާ ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނީ، ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް، ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުން ދާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އިތުރަށް މި ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މި ދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ މެދުކަނޑާލެވިފައެވެ.

ނަމަވެސް ބައެއްފަރާތްތަކުން މިސްކިތްތަކުގައި ގައިދުރުކަމެއް ނެތި، ޖަމާޢަތް ހަދައިގެން ނަމާދުކުރަމުން ދާތީ، އާންމު މަސްލަހަތަށް ރިއާޔަތްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދު ކުރި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިސްކިތްތައް ބަންދުކުރަން ނިންމި ކަމުގައި ވިއަސް ބައެއް އާންމު ފަރާތްތަކުން ހާއްސަ ހާލަތްތަކުގައި މިސްކިތްތައް ބޭނުން ކުރަމުން ދާތީ، މާލެ ސަރަހައްދުގައި ހިމެނޭ 40 މިސްކިތުގެ ތެރެއިން 37 މިސްކިތުގައި ނަމާދު ކުރުމާއި، ފާހާނާކުރުމާއި، ވުޟޫ ކުރެވޭނެ އިންތިޒާމު މިހާރު ވެސް ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ވަނީ މި ހާލަތުގައިވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާ ކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، އިސްތިޣްފާރު ކުރުމަށާއި، މި ބަލިމަޑު ކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުން އެދި ގިނަގިނައިން ދުއާކޮށް އުޅުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން