ކެނެޑާއިން ވެސް ރާއްޖެއަށް ކޯވިޑް-19 ވެކްސިން ފޯރުކޮށްދޭން ނިންމައިފިއެވެ.

ކެނެޑާއިން ސްރީލަންކާއަށާއި ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ހައި ކޮމިޝަނަރު ޑޭވިޑް މެކިނޮން ވަނީ ކެނެޑާއިން ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ވެކްސިން ފޯރުކޮށްދިނުމުގައި އެހީތެރިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ވިދާޅުވެފަ އެވެ. ކޯވެކްސްއަކީ، ފަގީރު އަދި މުއްސަނދި ޤައުމުތަކުގެ މެދުގައި ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް މިދިޔަ އަހަރުގެ އެޕްރީލް މަހު އުފެއްދި އިނީޝިއެޓިވްއެކެވެ.

އެގޮތުން ކެނެޑާއިން ކޯވެކްސް ފެސިލިޓީއަށް 220 މިލިއަން ކެނޭޑިއަން ޑޮލަރު ވެކްސިން ގަތުމަށް ހަދިޔާކޮށްފައިވާކަމަށް މެކިނޮން މިއަދު ވިދާޅުވިއެވެ. ހަމައެއާއެކު ކެނެޑާއިން ފޯރުކޮށްދިން އެހީ އިން ރާއްޖެއަށާއި ސްރީލަންކާއަށް ވެކްސިން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.



ކެނެޑާގެ އިތުރުން ކޯވިޑުން އަރައިގަތުމަށް ކުރާ މަސައްކަތަށް އެމެރިކާއިން ވެސް ވަނީ ރާއްޖެއަށް 9.1 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެއިތުރުން އެމެރިކާއިން އެންމެ ފުރަތަމަ ވެކްސިން ފޯރުކޮށްދޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމަނާފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް 7 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެކަމަށް އެމެރިކާއިން އިއުލާނުކޮށްފައިވާ ކަމަށެވެ. ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒު 310،834 މީހުން ޖަހާފައިވާއިރު، ދެވަނަ ޑޯޒު ވަނީ 170،105 މީހުން ޖަހާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން