މާލެތެރެ ބެލެހެއްޓުމުގައި ފުލުހުން ޙަރަކާތްތެރިވަނީ | ރަސް ފޮޓޯ: ޝާހް
މާލެތެރެ ބެލެހެއްޓުމުގައި ފުލުހުން ޙަރަކާތްތެރިވަނީ | ރަސް ފޮޓޯ: ޝާހް
ޒަަރޫރީ ބޭނުންތަކަށް ފިޔަވައި މާލެއިން އަތޮޅު ތަކަށް ދަތުރުކުރުން މަނާކޮށްފި އެވެ.

އެޗްޕީއޭއިން މިރޭ ނެރެފައިވާ އެންގުމުގައި ވަނީ، މާލޭގައި ކޮވިޑް-19 ފެތުރުން އިތުރުވެގެން ދިއުމާއި އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ބަލިފެތުރެމުންދާ ދަނޑިވަޅުގައި ބަލިފެތުރުން ކޮންޓްރޯލު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުންތަކަށް ފިޔަވައި މާލެއިން އަތޮޅު ތަކަށް ދަތުރުކުރުން ވަނީ މިވަގުތު ހުއްޓާލެވިފައިވާ ކަމަށެވެ.

މިގޮތުން މާލެއިން އަތޮޅުތެރެއަށް ދަތުރުކުރުމުގައި ޒަރޫރީ ޙާލަތެއް ކަމަށް ބަލާނީ ޞިއްޙި ފަރުވާ ހޯދުމަށް މާލެއަށް އައިސް އެނބުރި ދާންޖެހުމާއި އެފަދަ މީހަކާ އެކުގައި ކޮންމެހެން ދާންޖެހުމާއި، މާލޭގައި އަދާކުރަމުންދާ ވަޒީފާ ނުވަތަ މަސައްކަތް ހުއްޓާލަންޖެހުން ފަދަ ކަންކަން ދިމާވެގެން މާލޭގައި އިތުރަށް ތިބުން ދަތިވެފައިވުމާއި، އެފަދަ މީހުންގެ އާއިލާއިން އެކުގައި ކޮންމެހެން ދާންޖެހުމުގެ އިތުރުން މާލޭގައި ދިރިއުޅެވެން ނެތުމުގެ ސަބަބަން ރަށަށް ދިރިއުޅުން ބަދަލު ކުރަންޖެހުމާއި، މާލެއަށް ތައުލީމު ޙާޞިލުކުރުމަށް އައިސް ތައުލީމު ޙާޞިލުކުރުން މުޅިން ނިމިފައިވުމުން ރަށަށް އެނބުރި ދާންޖެހިފައިވާ ފަރާތްތަކަށް ކަމަށެވެ. މީގެ އިތުރުން މައިންބަފައިން ބަލިވުމާއި އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން ރަށަށް ދާންޖެހުންވެސް ވަނީ ހިމަނާފައެވެ.

އެޗްޕީއޭއިން ބުނީ ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކުން ދަތުރު ކުރުމަށް އެދި 2021 ޖޫން 6 ވަނަ ދުވަހުން ފެށިގެން ހުށަހަޅާނީ 'ހާލުބެލުން ޕޯރޓަލް' މެދުވެރިކޮށް ކަމަށެވެ. މިގޮތަށް އެދި ހުށަހަޅާއިރު އެމީހަކު ދަތުރުކުރާ ކައުންސިލުގެ ފަރާތުން ދޫކޮށްފައިވާ، ދަތުރުކުރަނީ ޒަރޫރީ ބޭނުމުގައިކަން އަންގައިދޭ ލިޔުން ކައުންސިލް މެދުވެރިކޮށް ހާލުބެލުމުގެ ޕޯޓަލްއަށް އަޕްލޯޑް ކުރަންވާނެ ކަމަށްވެސް ވަނީ އަންގާފައެވެ.

މީގެ އިތުރުން ޒަރޫރީ ޙާލަތްތައް ދިމާވެގެން ދަތުރުކުރާ މީހުން މިހާރުވެސް ކަނޑައަޅާފައިވާ ގޮތުގެ މަތިން 14 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށާއި، ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަހަށްފަހު ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވުމުން ކަމަށް އެޗްޕީއޭގެ އެންގެވުމުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން