ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންތިޚާބުވެ ވަޑައިގެންފިއެވެ.

މިއީ ރާއްޖެއިން އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ ގޮނޑި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ޝާހިދު މި ގޮނޑި ކާމިޔާބު ކުރެއްވީ 74 އިންސައްތަ ވޯޓު ކާމިޔާބު ކުރަށްވައިގެންނެވެ.

އިންތިހާބުގައި މިނިސްޓަރ ޝާހިދާއި ވާދަކުރެއްވީ އަފްޣާނިސްތާނުގެ ފަރާތުން އެގައުމުގެ ފޮރިން މިނިސްޓަރ ޑރ. ޒަލްމައި ރަސޫލެވެ. މިރޭ ނެގި ވޯޓްގައި އާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ގައުމަކުން ވޯޓު ލާފައިވާއިރު، މިނިސްޓަރު ޝާހިދަށް ލިބިވަޑައިގެންނެވީ 143 ވޯޓެވެ. ޑރ. ޒަލްމާއި ރަސޫލަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، އދގެ މަޖިލީހުގައި، މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އިންތިޚާބުވި ރައީސްގެ ގޮތުގައި ހުރެ، ދިވެހިންގެ ފަޚުރުވެރި ބަހުން، މިއަދު މި އުފުލަނީ ދިވެހި ރައްޔިތުންގެ ފަޚުރުވެރި އަޑު ކަމަށެވެ.

"މިއަދު ދުނިޔޭގެ ހުރިހައި ޤައުމުތަކެއްގެ އިތުބާރާއި ޔަގީންކަން ދިވެހިރާއްޖެއަށް ލިބިގެން ދިއުމުން، ސާބިތުވެގެން މި ދިޔައީ، މުޅި ދުނިޔެ، މިއަދު ރާއްޖެ ބަލައިގެންފައިވާކަން. ރައީސް ޞާލިހުގެ ޚާރިޖީ ސިޔާސަތު ދުނިޔެ ޤަބޫލުކޮށްފައިވާކަން." މިނިސްޓަރ ޝާހިދު ވިދާޅުވެފައިވެއެވެ.

އެއްއަހަރުގެ ދައުރަކަށް އިންތިހާބުކުރާ އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ވަޑައިގަތުމަށް ޝާހިދު ކެމްޕެއިން ކުރައްވާތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، މި އިންތިހާބު ރާއްޖެއިން ކާމިޔާބުކުރާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލުން ގަބޫލުކުރައްވައެވެ. މި ކެމްޕޭނަށް ޚާރިޖީ ވަޒީރު ގިނަ ދަތުރުތަކެއް ކުރަށްވާފައި ވާއިރު މިހާރުވެސް ނިއުޔޯކްގައި ވަޑައިގެން ހުންނަވާތާ މަހެއްހާ ދުވަސް ވެއްޖެއެވެ.

ކޮންމެ އަހަރަކުވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރާނީ ދުނިޔޭގެ ޖިއޮގްރަފިކް ފަސް ބައްރުގެ ތެރެއިން ކޮންމެވެސް އެއް ބައްރެއްގެ ގައުމަކުންނެވެ. އެއީ އެފްރިކާ، އޭޝިއާ-ޕެސެފިކް، އީސްޓާން ޔޫރަޕިއަން، ލެޓިން އެމެރިކާ އެންޑް ކެރިބިއަންގެ އިތުރުން ވެސްޓަން ޔޫރަޕިއަން ސަރަހައްދެވެ.

މިހާރު ހިނގަމުންދާ 75 ވަނަ އދ. ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުންދަނީ ވެސްޓާން ޔޫރަޕިއަން ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ތުރުކީވިލާތުގެ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން