ހަނިމާދޫ އެއާޕޯޓް އޮންނާނެ ގޮތުގެ ކުރެހުމެއް
ހަނިމާދޫ އެއާޕޯޓް އޮންނާނެ ގޮތުގެ ކުރެހުމެއް
ހދ. ހަނިމާދޫ އެއަރޕޯޓް ސަރަޙައްދަށް ބިން އިތުރުކުރާ މައްސަލާގައި ހަނިމާދޫގެ ޖަމިއްޔާތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަށް ސިޓީއެއް ހުށައަޅައިފިއެވެ.

ރައީސް ޞާލިޙަށް އެޑްރެސްކޮށް ފޮނުވާފައިވާ އެ ސިޓީގައި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި އެއަރޕޯޓް ސަރަޙައްދަށް އިތުރުކުރާ 853،937 އަކަފޫޓްގެ ބިން ނުހިމެނޭ ގޮތަށް އެއަރޕޯޓް ތަރައްޤީ ކުރުމަށް އެދިފައިވެއެވެ. އެގޮތުން 1990 ވަނަ އަހަރުން ފެށިގެން ވެސް، އާންމުން ދިރިއުޅޭ ބިމާއި އެއާޕޯޓުގެ ބިން އޮންނަނީ ފެންސް ޖަހާ ވަކި ކޮށްފައި ކަމަށާއި، އެހެންކަމުން އެއާޕޯޓް ތަރައްގީކުރުމަށް ރަށުގެ މީހުން ދިރިއުޅޭ ބިމުން އެހާ ބޮޑު ސަރަހައްދެއް ނެގުމަކީ ރަށުގެ އެންމެހާ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އަދި އެބިން ނުނެގި ނަމަވެސް މިހާރުވެސް އެއާޕޯޓަށް ކަނޑައަޅާފައިވާ ބިމުގައި ތަރައްޤީގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށާއި، ހަނިމާދޫ ފަޅަކީ ބޮޑު ފަޅެއް ކަމަށްވުމާއެކު ބޭނުންވެއްޖެ ހިނދެއްގައި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތަށް އެ ބޮޑު ފަޅުގެ ބޭނުން ހިފޭނެ ކަމަށްވެސް ޖަމިއްޔާތަކުން ބުނެފައިވެއެވެ. މީގެ އިތުރުން އެއާޕޯޓަށް ނަގާ ސަރަހައްދުގެ ގޮނޑު ދޮށަކީ މިހާރުވެސް ރަށުގެ ރައްޔިތުންގެ ހިތްހަމަ ޖެހުމަށް ބޭނުންކުރަން އޮތް ހަމައެކަނި ބިން ކަމަށާއި، އެބިން އެއާޕޯޓަށް ނެގުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތާމައަކަށް ވާނެ ކަމަށްވެސް ޖަމިއްޔާތަކުން ވަނީ ބުނެފައެވެ.

ބިން ނެގުމުގެ ސަބަބުން ބޯހިޔާވަހިކަމުގެ އުންމީދުގައި ތިބި 300 އެއްހާ އާއިލާގެ އުންމީދަށް ހިޔަނި އެޅިގެންދާ ކަމަށާއި، އެހެންކަމުން، ރަނގަޅު ޕްލޭނަކާއެކު މިހާރު ވެސް އެއާޕޯޓަށް ނަގާފައިވާ ބިމުގައި، ރައީސުލްޖުމްހޫރިއްޔާގެ ވައުދާ އެއްގޮތަށް އެއާޕޯޓް ތަރައްގީ ކުރުން ވެގެންދާނީ ރަށަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ޖަމިއްޔާތަކުން ބުނެފައިވެއެވެ.

މިއަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހު ޕްލޭނިން މިނިސްޓްރީން ހަނިމާދޫ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރުކުރުމަށް ނިންމާފައިވާތީ އެ ބިން ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ހިމަނަން ވަނީ ހުށައަޅާފައެވެ. އޭގެ އިތުރުން އެއާޕޯޓަށް އިތުރު ކުރާ ބިމުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ނޮދަން އޭރިއާގެ ހެޑްކުއާޑާސް ގާއިމު ކުރަން ބޭނުންވާ ބިން ވެސް ކަނޑައެޅުމަށް ނިންމާފައިވާތީ ރަށުގެ ލޭންޑް ޔޫސް ޕްލޭނާއެކު ކައުންސިލަށް ފެންނަ ގޮތެއް އަންގައި ދޭން އެދޭ ކަމަށާއި، ރަށުގެ ޕިކްނިކް ސަރަޙައްދު އެހެން ސަރަޙައްދަކުން ފާހަގަ ކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2,460 މީޓަރުގެ އާ ރަންވޭއަކާއި 111,000 އަކަފޫޓުގެ ޒަމާނީ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. މީގެއިތުރުން 624,000 އަކަފޫޓުގެ އޭޕްރަންއަކާއި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް މިމަޝްރޫޢުގެ ދަށުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޤާއިމުކުރެވިގެންދާނެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމުން ބޮޑެތި އެއަރކްފާރްޓްތަކަށް އެއަރޕޯޓް ބޭނުންކުރެވި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ. 1.3 މިލިއަން ފަސިންޖަރުންނަށް އަމާޒުކޮށް އަލަށް ތަރައްޤީކުރާ ހަނިމާދޫ އެއަރޕޯޓުގެ ޓަރމިނަލް ފަރުމާކުރެވިފައިވަނީ ދިވެހި ކަނޑުތަކުގައި ދިރިއުޅޭ "މަޑި" ސިފަވާނެފަދަ ދިވެހިވަންތަ ފަރުމާއަކަށެވެ.

ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުންވާ ވިސްނުންފުޅުގެ ދަށުން ހަނިމާދޫ އެއަރޕޯޓް ތަރައްްޤީކުރެވެމުންދާއިރު އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން