ރައީސް ޞާލިޙް ވެކްސިން ޖައްސަވަނީ
ރައީސް ޞާލިޙް ވެކްސިން ޖައްސަވަނީ
އަންނަ ޖުލައިމަހު ރާއްޖެއަށް ފަސްލައްކަ ޑޯޒް ވެކްސިން ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި އެކަންކަން ހާމަކޮށްދެއްވާފައެވެ. އަދި ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، ވެކްސިން ހޯދުމަށް ކުރާ މަސައްކަތުގެ ތަފްޞީލުވެސް އެމަނިކުފާނު ވަނީ މި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެދެއްވާފައެވެ.

އެގޮތުން ޖުލައި މަހު ރާއްޖެއަށް ލިބޭނީ ސިންގަޕޫރުން ގެންނަ 700،000 ޑޯޒް ވެކްސިންގެ ތެރެއިން 500،000 ޑޯޒްގެ ވެކްސިން ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރަނީ ކޮން ކަހަލަ ވެކްސިނެއް ކަމެއް އަދި ނޭނގޭ ކަމަށާއި އެކަމާ މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ރަޝިއާއާ ދެމެދު ވެކްސިން ގެނައުމަށް އެއްބަސްވުމުގައި ސޮއިކުރާތާ ހަތަރު ހަފްތާއެއްގެ ތެރޭގައި ރާއްޖެއަށް އެ ވެކްސިންގެ 200،000 ޑޯޒު ގެނެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މިބައްދަލުވުުގައި، މިހާތަނަށް ހެދިފައިވާ ދިރާސާތަކުގެ އަލީގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ހަމަސް ދުވަހުގެ ތެރޭގައި ދިނަސް ވެކްސިންގެ ފައިދާ ކުރާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ލަފާދީފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ. އެގޮތުން ކޮވިޝީލްޑް ނުވަތަ އެސްޓްރާޒެނިކާ ވެކްސިންގެ ދެވަނަ ޑޯޒް ދިނުމުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ލަފާ ދެއްވާފައިވާގޮތަށް އަމަލު ކުރަން މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނިޒޭޝަނުން ލަފާދީފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާއިތުވި ހަފްތާގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޯވިޑް-19 ބަލީގައި ކުޑަކުއްޖަކު ދުނިޔެ ދޫކުރުމާއި ގުޅިގެން، އެކަމާ ހިތާމަފާޅުކުރައްވާ ފާޠިމަތު މިޝްކާ މުޙައްމަދުގެ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ މި ޙާދިސާ ހިނގާދިޔަ ގޮތް ބެލުމަށްފަހު މިފަދަ ހިތާމަވެރި ޙާދިސާއެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ސަރުކާރުން އިތުރަށް އަޅުއްވާފައިވާ ފިޔަވަޅުތައް ރައްޔިތުންނަށް ސާފުކޮށްދެއްވައިފައެވެ.

އެގޮތުން، ކޯވިޑް-19 އަށް ފައްސިވާ ފަރާތްތަކަށް އޯޕީޑީގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ އިންތިޒާމް މާލެ، ވިލިނގިލި އަދި ހުޅުމާލޭގައި މިހާރު ހަމަޖައްސާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމްބިއުލާސްގެ ޚިދުމަތް ހަރުދަނާކުރުމަށް އިތުރު އެމްބިއުލާންސް ކޮވިޑަށް ޚާއްޞަކޮށްފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން