އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާ، ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް ލިބިވަޑައިގެންފައިވާކަން އޭސީސީގެ ތަހުގީގުން ސާބިތުވެ މަހުލޫފްގެ މައްޗަށް ދަޢުވާ ކުރުމަށް އޭސީން ޕީޖީއަށް ފޮނުވާފައިވާތީ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން މަހްލޫފް މަސައްކަތުން އެކަހެރި ކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއަދު ވިދާޅުވީ މަހުލޫފް ވަޒީރުކަމުގެ މަސައްކަތްތަކުން އެކަހެރި ކުރަން އެންގީ މަހްލޫފްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާތީ ޕްރޮސިކިއުޓަރ ޖެނެރަލް، ޕީޖީ ގޮތެއް ނިންމަވަންދެން ކަމަށެވެ.

އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީން މިއަދު ބުނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން މަހުލޫފް ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވާފައިވާކަން އެކޮމިޝަންގެ ތަހުގީގުން ސާބިތުވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނަވައިގެން އޭރުގެ ސަރުކާރުން މަޖިލީހަށް ހުށައެޅި ސްޕެޝަލް އިކޮނަމިކް ޒޯނާބެހޭ ބިލު ފާސްކުރުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓު ދެއްވުމަށާއި ޕީޕީއެމްގައި ދެމިހުންނެވުމުގެ މުގާބިލުގައި ރިޝްވަތުގެ ގޮތުގައި ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު މެދުވެރިވެގެން 33 ހާސް އެމެރިކާ ޑޮލަރު ނަންގަވާފައިވާކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ ގުޅިގެން ކުރިއަށް ގެންދާ މި ތަހުގީގުގުން ހާމަވެފައިވާ ގޮތުގައި އެ ބިލް ފާސްކުރުމަށް ވޯޓު ދިނުމުގެ ގޮތުން 27 އޮގަސްޓް 2014 ގައި އަޙްމަދު މަޚްލޫފް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެވަޑައިގެންފައިވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އަޙްމަދު މަޚްލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސް.އޯ.އެފްގެ ޗެކަކުން އަޙްމަދު މަޚުލޫފުގެ އެކައުންޓަށް 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙްޤީޤުން އެނގެންއޮތްކަމަށް އޭސީސީން މިއަދު ބުނެފައި ވެއެވެ.

އެ ވޯޓަށްފަހު ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި އަޙްމަދު މަޚްލޫފާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސް.އޯ.އެފްގެ ޗެކް އަޙްމަދު މަޚްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާއި ގުޅުވުމުން، އަޙްމަދު މަޚްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ، އަޙްމަދު އަދީބު، މަޚުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަޙްޤީޤުން އެނގޭކަމަށްވެސް އޭސީސީން ބުނެވައި ވެއެވެ.

އޭސީސީގެ ތަހުގީގަށްފަހު މިއަދު މަހްލޫފް މަސައްކަތުން އެކަހެރި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާއިރު އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ލިސްޓް އެންމެ ފުރަތަމަ ނުކުތް ދުވަސްވަރު ވެސް މަހުލޫފްގެ ނަން ލިސްޓުގައި ހިމެނިފައިވާތީ އޭނާ މަގާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށް ގޭގައި ބެހެއްޓިއެވެ. ނަމަވެސް ދުވަސް ކޮޅަކަށްފަހު އޭނާގެ އެފަދަ މައްސަލައެއް ނެތް ކަމަށްބުނެ ފުލުހުން ދިން ކަމަށް ބުނާ ރިޕޯޓެއްގެ މައްޗަށް ބިނާކޮށް މަހްލޫފް އަލުން ވަނީ މަސައްކަތަށް ނެރެފައެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔަނާތުގައި އެކި ގޮތްގޮތުން ފައިސާ ލިބިފައިވާ ކަމަށް ބުނާ މީހުންގެ ލިސްޓު އާންމުކޮށް ރައްޔިތުންގެ މަޖިލީހުން އެމައްސަލަ ބެލި ކޮމިޓީން ވަނީ އެލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި މިހާރު ތިއްބެވި ފަރާތްތަކުގެ ތެރެއިން ވަޒީފާއިން އެކަހެރި ކުރެވެން ތިބި މީހުން ވަޒީފާއިން އެކަހެރިކޮށް ފިޔަވަޅު އެޅުމަށް ލަފާ ދީފައެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނީ ތަހުގީގަށް ފަހުގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން