އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ކ) އާއި، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން (ވ)
އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ކ) އާއި، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން (ވ)
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން "ދަންޖައްސަންޖެހޭ'" ކަމަށް، މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް ވިދާޅުވާ އޯޑިއޯގެ މައްސަލައިގައި މެންބަރު ސިޔާމް، މެންބަރު ހިސާންގެ ކިބައިން މާފަށް އެދިވަޑައިގެންނެވުމަށް އެމައްސަލަ ނިންމެވި މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން އަންގައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ، ސިޔާމްގެ މައްސަލަ ހިސާން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށެވެ. އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެކަން ކުށްވެރިކުރަށްވާ ކަމަށް އަފީފު ވިދާޅުވިއެވެ. އެ މައްސަލަ ބަލައި ދިނުމަށް އެދި، ފުލުހުންގެ އިތުރުން ޑިފެންސް މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށް އަފީފް ވިދާޅުވިއެވެ. އަދި އެމައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށްވެސް ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލާގައި މިއަދު ބޭއްވި މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީގައި، މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ހުށަހެޅުއްވީ ސިޔާމަށް ނަސޭހަތްތެރިވުމަށާއި މާފަށް އެދިވަޑައިގަތުމަށެވެ. އަދި ކޮމިޓީން ވަނީ އެގޮތަށް އެމައްސަލަ ނިންމާފައެވެ.

މިދިޔަ އާދީއްތަ ދުވަހު ސިޔާމް ބައިވެރިވެވަޑައިގެންނެވި ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ ބައްދަލުވުމަށްފަހު އެ ކޮމިޓީން ނުކުމެވަޑައިގެން ބޭރުގައި ތިއްބެވި މެންބަރުންނާ ވާހަކަ ދައްކަވަމުން ހިސާން "ދަންޖައްސަންޖެހޭ" ކަމަށާއި، "އެކަންކޮށްގެން ފާފަވެރިވެސް ނުވާނެ" ކަމަށް ސިޔާމް އެ އޯޑިއޯގައި ވިދާޅުވެއެވެ. ފަހުން ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ސިޔާމް ވިދާޅުވީ ހިސާނާ ދެމެދު ކުރި ޒުވާބުގެ ތެރެއިން އެކަހަލަ އެއްޗެއް ވިދާޅުވެވިފައި އޮވެދާނެކަމަށެވެ. ނަމަވެސް އޭނާ މާނަ ކުރެއްވީ އެގޮތަށް ނޫންކަމަށް ސިޔާމް ވިދާޅުވިއެވެ.

އެމައްސަލާގައި ސިޔާމް ލީޑަރުކަން ކުރަށްވާ އެމްޑީއޭއިން ނެރުނު ބަޔާނެއްގައި، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ދެއްކެވި ވާހަކައަކާއި، ގުޅިގެން އެ ވާހަކައިގެ މުޅި މަފްހޫމް އޮޅުވާލައި، ތަފާތު އެކި މަންސަތަކުގައި ޕާޓީގެ ލީޑަރާއި، މެދު ނަފްރަތު އުފެއްދުމަށް ކުރަމުންގެންދާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައި ވެއެވެ. އަދި އެމްޑީއޭގެ ލީޑަރު ސިޔާމަކީ އެއްވެސް އިރެއްގައި މީހަކަށް އަނިޔާވެރިވުމަށް ގޮވާލާނެ، އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބުމަށް އެދޭނެ މީހެއް ނޫންކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ރައްޔިތުންނަށް އަރުވާކަމަށްވެސް އެމްޑީއޭގެ ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން