ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން
ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން
އެލްޖީއޭގެ ބޯޑުގައި ރަށު ކައުންސިލަރުން ތަމްސީލުކުރާ ގޮނޑި ޕީޕީއެމްއިން ކާމިޔާބުކޮށްފިއެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ, އެލްޖީއޭ ބޯޑުގައި ރަށު ކައުންސިލަރުން ތަމްސީލްކުރާ މެމްބަރުގެ މަގާމަށް 7 ކައުންސިލަރަކު ވާދަކުރިއެވެ. އެއީ އެމްޑީޕީގެ 5 މެމްބަރުންނާއި އަމިއްލަ މެމްބަރެއްގެ އިތުރުން، ޕީޕީއެމްގެ މެމްބަރެކެވެ.



ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ގުރައިދޫ ކައުންސިލްގެ ހުސައިން ޔާމީން މި އިންތިހާބު ކާމިޔާބުކުރެއްވީ 416 ވޯޓުންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ އަހުމަދު ކަރަމްއަށް ލިބިވަޑައިގަތީ 414 ވޯޓެވެ. އަމިއްލަ ކެންޑިޑޭޓުންގެ ތެރެއިން ވާދަކުރެއްވި މުހައްމަދު އިލްހާމްއަށް ލިބިވަޑައިގެންނެވީ 21 ވޯޓެވެ.

އެލްޖީއޭގެ ބޯޑަށް ރަށު ކައުންސިލަރުންގެ އިތުރުން، ސިޓީ ކައުންސިލަރުންނާއި އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިންވެސް ބޭފުޅަކު އައްޔަންކުރަންޖެހެއެވެ. މިގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީ, އެލްޖީއޭ ބޯޑުގެ ސިޓީ ކައުންސިލްތައް ތަމްސީލްކުރާ މެމްބަރަކަށް އިންތިހާބުވީ ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤްއެވެ.

އެލްޖީއޭ ބޯޑުގައި ސިޓީ ކައުންސިލްތައް ތަމްސީލްކުރާ މެމްބަރަކަށް ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤް އިންތިހާބުވި މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒާ ވާދަކޮށްގެން، 3 ވޯޓުން ކުރި ހޯއްދަވައިގެނެވެ. އިންތިހާބުގައި ރަފީގަށް ލިބިވަޑައިގަތީ 24 ވޯޓެވެ. އަދި މުއިއްޒަށް ލިބިވަޑައިގަތީ 21 ވޯޓެވެ.

އަތޮޅު ކައުންސިލްގެ ރައީސް ތަމްސީލްކުރާ މަގާމަށް އިތުރު ބޭފުޅަކު ވާދަނުކުރުމުން މާލެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް ވަނީ އެމަގާމަށް ހޮވިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުގެ އިތުރުން ދެން އެލްޖީއޭގެ ބޯޑުގައި ހިމެނޭނީ، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމްއިއްޔާގެ މެމްބަރަކާއި، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިޚާބު ކުރާ މެމްބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން