ޞާދިރު ޢަލީދީދީ   14 ޖޫން 2021 - 14:40
ބޯގަންވިލާ
ބޯގަންވިލާ
02 ވަނަ ބައި

................

"ސާރާ..... ނާހާނަންތަ؟ އަހަރެން މިގުޅި ސަބަބެއް. އެނގެންޏާ ވަރިހަމަ ނޭހިޔަސް...." ތޮލާލު އޭނާގެ ހިތުގެ ގޮވުމުގެ އަޑު ސާރާއަށް އިއްވަން މަސައްކަތް ކުރިއެވެ. ސާރާގެ ބައްޕަ އިސްމާޢީލް މަނިކު ގެއަށް އައިސް ވަނީ އެވަގުތުއެވެ. ސާރާ އަވަސް އަވަހަށް ފޯނު ބާއްވަނީއޭ ބުނެފައި ބޭއްވީއެވެ.

"ދަރިފުޅާ އައިސްބަލަ ބައްޕައާއެކު ބޮޑުކޮޓަރިއަށް. ބައްޕަ ދަރިފުޅާ ވަރަށްބޮޑު ވާހަކައެއް ދައްކަންވެސްވެފައި އެބައޮތް....." އިސްމާޢީލް މަނިކު ބޮޑުކޮޓަރި ސޯފާއެއްގައި އިށީނެވެ. ސާރާވެސް އައިސް ބައްޕަގެ ކުރިމަތީގައި ހުރި ސޯފާގައި އިށީނެވެ.

"ދަރިފުޅާ.... މިހާރު .... ދަރިފުޅުވެސް ތިހުރީ ބޮޑުވެފައި..... ބައްޕަ މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ ދަރިފުޅު މީހަކާ އިނދެގެން ރަނގަޅު ދިރިއުޅުމެއް އުޅޭތަން...." އިސްމާޢީލް މަނިކު ބުންޏެވެ. ބައްޕަގެ އެވާހަކައިން ސާރާ ލަދުގަނެއްޖެއެވެ. އޭނާއަށް އިސްޖެހުނެވެ.

"ބައްޕާ..... އަހަރެން... އަހަންނާ އިންނާނީވެސް ކާކު؟ މޮޔައެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އަންހެން ކުއްޖެއް އަހަންނަކީ.....އަހަންނާ ދޭތެރޭ ތިފަދަ ގޮތަކަށް މީހަކު ނުވެސް ވިސްނާނެކަންނޭގެ....." މާޒީގެ ދުވަސްތަކެއް ހަނދާނަށް އައުމުން ސާރާގެ ލޯ ފެންކަޅިވިއެވެ.

"ދަރިފުޅާ ތިޔައީ ދަރިފުޅަށް ހީވާގޮތް.....ދަރިފުޅުގެ ކައިވެންޏަށް މިހާރުވެސް ބައްޕަގެ ގާތު ކިތަންމެ ބަޔަކު އެދެފި." އިސްމާޢީލް މަނިކު ތެދުވެގެން އައިސް ދަރިފުޅުގެ ގާތުގައި އިށީނދެ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ.

"އެކަމަކު ބައްޕާ.....އަދި ފަހުންދޯ؟ އަހަރެން ބިރުގަނޭ....އަދި އަހަންނަށް އެންމެ އަށާރަ އަހަރެއްނު....އުމުރުގައި އަދި ކިޔަވާނެ ފުރުޞަތުވެސް އެބައޮތެއްނު." ސާރާ އިސްދަށަށް ޖަހައިގެން އިނދެ ވާހަކަ ދެއްކިއެވެ.

"ނޫނޭ ދަރިފުޅާ..... ކައިވެންޏަށްފަހުވެސް ކިޔަވާނެ މީހަކަށް އެފުރުޞަތު ނުގެއްލޭނެ.... އެހެން ނޫނަސް ބައްޕަ މިހާރު ދަރިފުޅުގެ ކައިވެނި، މިގެއަށް އަންނަ މިއާއިލާގެ ރަޙްމަތްތެރި ޒުބައިރުގެ ދަރިފުޅު އަމީނުއާ ކުރުމަށް ނިންމައިފީން..... އަމީނުވެސް ދަރިފުޅާ ދޭތެރޭ ނުލާހިކު ގަޔާވޭ......" އިސްމާއީލް މަނިކު އޭނާގެ ނިންމުން ސާރާއަށް ހުށަހެޅިއެވެ. ސާރާގެ ދެލޯ ބޮޑުވިއެވެ. ވީދެރައިންނާއި ހިތަށްކުރި އަސަރުން ބައްޕަގެ ކުރިމަތީގައި އެންމެ ހިނދުކޮޅަކަށްވެސް ހުރުމަށް އޭނާ ނުކުޅެދުނެވެ.

އޭނާ އިތުރަށް ޗުއްޕުވެސް ނުބުނެ ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އޭނާގެ ބަޑި ފަޅައިގެން ދިޔައީ އެހާ ހިސާބުންނެވެ.

"ނޫން...އަހަރެން އަމީނަކާ ނީންނާނަން.....އެއީ އަހަރެން ނުވެސް ދަންނަ މީހެއް..... އަހަރެން...." ރޮއިރޮއިފައި ސާރާއަށް ހިތާ ހިތާ ކިޔުނެވެ. ތެދެކެވެ. ޒުބައިރަކީ އެއާއިލާގެ ކިތަންމެ ގާތް މީހަކަށްވިޔަސް، އޭނާގެ ދަރިފުޅު އަމީނަކީ އެގެއަށް ވަދެ އުޅޭވެސް ކުއްޖެއް ނޫނެވެ. އޭނާ އެންމެފަހުން އެގެއަށް އައިސްފައިވަނީ އިހަކަށް ދުވަހު އެގޭގައި ބޭއްވި ޕާޓީ ހަފްލާތެރޭންނެވެ. ދެރަފާތު ޢާއިލާއިން ހުރިހާ ނިންމުމެއް ނިންމައިގެން އުޅެނީ އެދުވަހަށްފަހުގައެވެ.

"އަހަރެން ސާރާއާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ.... އަހަރެންގެ ޙަޔާތުގެ ބައިވެރިއެއްގެ ހުންނަންޖެހޭ ހުރިހާ ސިފަތަކެއްވެސް ސާރާގެ ކިބައިގައި އެބަހުރި.... ސާރާ އަހަރެންގެ ޙަޔާތަށް އައުން ވެގެންދާނީ އަހަރެންގެ ޙަޔާތަށް ބަހާރުމޫސުމް އައުންފަދަ ކަމަކަށް...." އަމީނު ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ތޮއްޔިބާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ އަމީނީ މަގުގައި ހުރި ކެފެޓޭރިއާއެއްގެ ތެރޭގައެވެ. ވެއިޓަރ އަންހެން ކުއްޖަކު ދެތަށި ކޮފީ ހިފައިގެން އައިސް މޭޒުމައްޗަށް އެރުވީ އެވަގުތެވެ.

"ހުރިހާ ނިންމުމެއް ނިންމާއިރު އެނގޭތަ ތިކައިވެންޏާ ދޭތެރޭ ސާރާގެ ޚިޔާލު، ތިޔައީ ސާރާގެ މައިންބަފައިންގެ ނިންމުން ކަމަށްވިޔަސް، ސާރާގެ ޚިޔާލު ހޯދުންވެސް އެއީ ބުއްދިވެރި ކަމެއް...." އަމިއްލައަށް ކުރެވިފައިވާ ތަޖުރިބާގެ އަލީގައި ތޮއްޔިބު ވާހަކަ ދެއްކިއެވެ.

"އަހަރެން ތިވަރަކަށް ނުވިސްނަން. މިހާރު ޒަވާޖެއް ފަށާއިރު ލޯތްބަކީ މާމުހިއްމު އެއްޗެއް ކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވޭ، ފައިސާގެ ތަނަވަސްކަން ހުރިއްޔާ ލޯބިވެސް ލިބޭނެ. އުފާވެރި ދިރިއުޅުމަކަށް ފައިސާއަށްވުރެން މުހިންމު އެކައްޗެއްވެސް ނުހުންނާނެ......" އަމީން ކޮފީތަށިން ކޯވަރެއް ބޮއިލަމުން ލޯތްބާމެދު އޭނާދެކޭގޮތް ހާމަކުރިއެވެ.

"އަމީން.... ތިޔައީ އަހަރެން ގަބޫލުކުރާ ޙަޤީޤަތެއްނޫން. އަހަންނަކީ ލޯބީގެ ހިތި ތަޖުރިބާތަކެއް ނިކަން ރަނގަޅަށް ކޮށްފައިވާ މީހެއް. އަމީނަށް މާރަނގަޅަށްވެސް އެނގޭނެ އާނިސާގެ ލޯތްބަށްޓަކައި އަހަރެންކުރި ހޭދަ. އިސްރާފު ކިތައް ޚަރަދު ކުރެވުނު. ބަދަލުގައި އަހަންނަށް ހިތްތަދިކަން ފިޔަވައި ލިބުނީ ކޯއްޗެއް؟" ތޮއްޔިބު ބޭނުންވީ ރަޙްމަތްތެރިޔާއަށް ވިސްނައިދޭށެވެ. މާޒީގެ ހަނދާންތަކެއް އައުކޮށްފައެވެ.

"ތޮއްޔިބަށް ޚަރަދުކޮށްގެން ލޯބި ކާމިޔާބު ނުކުރެވުނަސް އަހަރެން ސާރާގެ ލޯބި ހޯދާނަން." އަމީން ޔަގީންކަމާއެކު ބުންޏެވެ. ތޮއްޔިބު ބޯޖަހާލިއެވެ. އެވަގުތު އަމީނުގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފަށައިފިއެވެ.

ރިންގުވާތާ އިރުކޮޅެއް ފަހުން ސާރާ ފޯނު ނަގައިފިއެވެ.

"އައްސަލާމް ޢަލައިކުމް." އެކޮޅުން އިވުނީ ތޮލާލްގެ އަޑެވެ. ތޮލާލުގެ އަޑު ކަންފަތުގައި ޖެހުމާއެކު ސާރާގެ މޫނުގެ ކުލަ ބަދަލުވިއެވެ.

"ވައަލައިކުމުއްސަލާމް.... ތޮލާލުތަ؟" ސާރާ ތޮލާލުގެ އަޑު ފާހަގަކުރެވުނުކަން އަންގާލިއެވެ. ތޮލާލަށް ހީނގަނެވުނެވެ. މަޑުމަޑުންނެވެ.

"މިހާރު އަޑުންވެސް ފާހަގަކުރެވޭ. ހާދަ މޮޅޭ ސާރާ....... އަހަންނަށް....." ތަޢުރީފު ކުރުމަށްފަހު އިތުރު ވާހަކައެއް ދައްކަން އުޅެފައި ތޮލާލު ހުއްޓާލިއެވެ.

"ތޮލާލު..... އިތުރަށް ކޮންމެވެސް ވާހަކައެއް ބުނަން އުޅުނުހެން ހީވި.... ބުނެބަލަ.... އަހަރެން ތޮލާލުގެ ކޮންމެ ވާހަކައެއްވެސް ޝައުޤުވެރިކަމާއެކު އަޑުއަހާނަމޭ." ޙަޤީޤަތުގައިވެސް ސާރާ ހުރީ ތޮލާލު ދެމުންދިޔަ ސިގުނަލުގެ އަލި އޭނާއާ ހަމަޔަށް ފޯރާނެ ވަގުތެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ.

"އަހަރެން އަހަން އުޅުނީ.... ސާރާ އަހަންނަށް ފުރުސަތެއް ދީފާނަންހޭ... އަޅެ ދީފާނަންތަ ފުރުޞަތެއް؟" ތޮލާލު އެހިއެވެ.

"ކޮންކޮހަލަ ފުރުޞަތެއް؟" ސާރާގެ ހިތް އަވަސްވިއެވެ.

"ކުޑަ ވަގުތުކޮޅަކަށް ސާރާއާއި ޚިޔާލު ބަދަލުކޮށް ވާހަކަ ދައްކާލާނެ ފުރުޞަތެއް." ތޮލާލު ބުންޏެވެ. ސާރާ ފުރަތަމަ ވިސްނިއެވެ. ހިތް ކިތަންމެ އެދުނަސް ތޮލާލަށް ދޭނެ ޖަވާބަކާ ދޭތެރޭގައެވެ.

"މިހާރުވެސް މިދެކެވެނީނުން... މީހަކު ޚިޔާލު ބަދަލުކޮށް ވާހަކަ ދައްކަން އަހަންނަކީ ދެން ކާކު...؟" ސާރާ އޭނާގެ އަމިއްލަ ނަފުސަށް މަލާމާތް ކުރި ކަހަލައެވެ.

"އަހަރެންގެ ދިރިއުޅުމާ ބެހޭގޮތުން ޚިޔާލު ބަދަލުކޮށް ވާހަކަ ދައްކާލަން ސާރާ ނޫނިއްޔަކާ އަހަރެންގެ ހިތްއެދޭ ކުއްޖަކާ ދުވަހަކުވެސް ދިމައެއް ނުވޭ...." ތޮލާލުގެ އަޑާއި ރާގުގައި ޖަޒުބާތީ ކުލަ ޖެހެން ފެށިއެވެ. ތޮލާލުގެ އެޖުމްލައިން ސާރާ ހީވީ ގަނޑުވިހެންނެވެ. ލިބުނު އުފަލަކާއެކު އޭނާއަށް ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅެއް ވަންދެން ހުރެވުނެވެ. އޭނާ ހަމަޔަކަށް އެޅުނީ ދެންވެސް ތޮލާލު ވާހަކަ ދައްކަން ފެށީމައެވެ.

"ސާރާ..... އަނެއްކާ ހިތްހަމަނުޖެހުނީތަ؟" ތޮލާލު އެއްސެވެ. ސާރާ ސިހުނެވެ.

"އުނހު...." ސާރާގެ ޖަވާބު ކުރުވިޔަސް އަޑުން ހިތަށް ހަމަޖެހުން ލިބިފައިވާކަން ތޮލާލަށް ދޭހަވިއެވެ. އެހެންކަމުން، ސާރާގެ ކުރިމަތީގައި އޭނާގެ ހިތް ހުޅުވާލުމަށް ތޮލާލަށް ހިތްވަރު ލިބުނެވެ.

"ސާރާ.... ބޭނުންތަ އަޑެއް އަހާލަން؟ އަނެއްކާވެސް ތޮލާލުކުރީ ސުވާލެކެވެ. ބިންގަލެއް އެޅުމުގެ ގަސްދުގައެވެ.

"ކޮންއަޑެއް؟" ޖަވާބު ދިނުމުގެ ބަދަލުގައި ސާރާއަށްވެސް ކުރެވުނީ ސުވާލެކެވެ.

"އަހަރެންގެ ހިތް ސާރާއަށް އެދި ގޮވާއަޑު، ހިތުގެ ދޮރު ސާރާއަށް މަރުޙަބާ ކިޔުމަށްޓަކައި ހުޅުވޭއަޑު، ސާރާ ބޭނުންތަ އަހަރެންގެ ހިތުގެ އަޑުއަހާލަން." ތޮލާލު ކޮންމެ ގޮތެއްވިޔަސް ވަރިހަމަކޮށްފައި އޭނާގެ ހިތް ސާރާގެ ކުރިމައްޗަށް ބަންޑުންކޮށްލިއެވެ.

"އާނ.... އަނެއްކާ ތޮލާލު އަހަރެން ހައްދަނީކީ ނޫންތަ؟ ކިހިނެއްތަ އަހަރެން ޔަޤީންކުރާނީ؟" ސާރާއަށް ތޮލާލުގެ ވާހަކައާ ދޭތެރޭ ޔަޤީންކަމެއް ނުދެވުނެވެ.

"ޕްރޮމިސް ކުރޭ ސާރާ..... އަހަރެންގެ ހިތް ހަމައެކަނި ސާރާއަށް އެދިގޮވަނީކީ ނޫން. އަހަންނަށް ސާރާދެކެ ލޯބިވެސް ވެވިއްޖެ.... ވަރަށް ބޮޑަށް ލޯބިވެވިއްޖެ .... އެއްވެސް އިންސާނީ ބާރަކަށް ނުފޫޒު ނުފޯރުވޭ ވަރަށް ލޯބި...." ތޮލާލު ހަމަ ރަނގަޅަށްވެސް ޖަޒުބާތުގައި ޖެހުނެވެ. އެއިރު ސާރާވެސް އައީ މަޑުމަޑުން ޖަޒުބާތީ އޮއިވަރުގައި ޖެހެމުންނެވެ.

"އަހަރެން ޤަބޫލުކޮށްފިން.......ތޮލާލު.....އަހަރެންގެ ހިތުންވެސް އިވޭ އަޑަކީ އެއީ.....އެހިތްވެސް އެދި ގޮވަމުންދަނީ ތޮލާލުގެ ލޯތްބަށް.....އަހަރެން ވަރަށް އުފާވެއްޖެ.....ވަރަށް އުފާވެއްޖެ... އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ތޮލާއާއެކު މިގެއިންދާން..." ސާރާ ވާހަކަ ދައްކަމުން ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

"އަހަރެންވެސް ބޭނުންވަނީ ތިގޮތް.....ވީހާވެސް އަވަހަކަށް ސާރާ އަހަރެންގެ ބައިވެރިއަކަށް ހެދުން އެއީ އަހަރެން ބޭނުންވާގޮތް.....ސާރާ އަހަރެން ބޭނުން މިރޭ ސާރާއާ ބައްދަލުކުރަން....." ތޮލާލު ބުންޏެވެ.

"މިރޭ ބައްޕައާއި މަންމަ ބާޒާރަށްދާނެ....ތޮލާ އާދޭ 9 ގަ....." ސާރާގެ ބައްޕައާއި ސާރާގެ ވާންއުޅޭ ފިރިމީހާ އަމީން ގެއަށް އައިސް އެވަނީ އެވަގުތުއެވެ.

"ދަރިފުޅާ ފޯނު ބާއްވާފައި އައިސްބަލަ." އެތެރެއަށް ވަންނަމުން އިސްމާޢީލް މަނިކު އެދުނެވެ.

"ތޮލާ....ބައްޕަ އެބަގޮވާ ބާއްވަނީ." ސާރާ ފޯން ބާއްވާލިއެވެ. އެއަށްފަހު ސާރާއަށް ބަލާލެވުނީ ސޯފާގައި އިނށީދެ އިން އަމީންއާ ދިމާއަށެވެ.

"ސާރާ..." އަމީން މަޑުމަޑުން ސާރާއަށް ގޮވާލިއެވެ. ހޫނ އަކަށްފަހު ސާރާ އަމީން ހުރަސްކޮށް ގޮސް ކޮޓަރިއަށް ވަނެވެ. އިސްމާޢީލް މަނިކު ހުރީ އެމަންޒަރު ބަލާށެވެ. ހިތްހަމަނުޖެހިފައެވެ. އެއީ ސާރާގެ ކިބައިން އޭނާ ދެކެން ބޭނުންވާ ޒާތުގެ ސިފައެއް ނޫނެވެ.

"ދަރިފުޅާ ސާރާ.....ބައްޕަ ބުނީ ތިކޮޓަރިއަށް ވަންނާށެކޭ ނޫނޭ. ދަރިފުޅު ނިކަން އައިސްބަލަ ބައްޕަގެ ގާތަށް." އަމީންގެ ގާތުގައި ސޯފާގައި އިށީންނަމުން އިސްމާޢިލް މަނިކު ވާހަކަ ދެއްކިއެވެ. ސާރާ ފުސްމޫނަކާއެކު ކޮޓަރިން ނުކުތެވެ. ސާރާގެ ފުސްމޫނު ފެނިފައި އަމީނުގެ ތުންފަތުގައި ކުޅެލީ ލުއި ހިނިތުންވުމެކެވެ.

"ދަރިފުޅާ ސާރާ، ދަރިފުޅު ތިގޮތަށް ލަދުން ނުހުރެ އަމީންއާ ވާހަކަ ދައްކަބަލަ." އިސްމާޢީލް މަނިކު ސާރާގެ މޫނަށް ބަލައިލިއެވެ. އެއިރުވެސް ސާރާ ހުރީ މޫނު ކުނިކޮށްގެންނެވެ. އެހެންކަމުން އިސްމާޢީލް މަނިކު ހިސާބަކަށް ނުހުރުންވެސްވިއެވެ.

"އަމީން އަދިވެސް މިމަންޖެގެ ޅަގޮތްގަނޑު ނުކެނޑޭވިއްޔަ......އެކަމަކު ނިކަން ބަސްގަބޫލުކުރާނެ." އިސްމާޢީލް މަނިކު އަމީނުގެ ހިތްހަމަޖައްސައި ދިނުމުގެ ގޮތުން ބުންޏެވެ. އަމީން ސާރާއާ މުޚާތަބު ކުރާ ފަދަ ގޮތަކަށް ހީނލިއެވެ.

"ދަރިފުޅާ ބައްޕަ އެބަ އަންނަން މިސްކިތަށް ގޮސްފައި. ދަރިފުޅު އަމީން ގާތު މަޑުކުރައްޗޭ." އިސްމާޢީލް މަނިކު ތެދުވެގެން ހިނގައިގެންފިއެވެ. ސާރާ ތުން އޫކޮށްގެންގޮސް އަމީންގެ ކުރިމަތީގައި ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

"ސާރާ.....ސާރާގެ ބައްޕަ ނިކަން ރަނގަޅަށް ސާރާ އަހަންނަށް އޮޅުންފިލުވައި ދީފި. އެކަމަކު ސާރާ ގާތު އަހަރެން ވާހަކައެއް ބުނެފާނަން. ފުސްމޫނަކާ ސާރާއަކާ ނުގުޅޭ." އަމީން ސީދާ ސާރާގެ ލޮލަށް ބަލަން ހުރެފައި ބުންޏެވެ. ސާރާ އިސްޖަހާލިއެވެ.

"އިސްއުފުލާލަބަލަ ސާރާ. ސާރާގެ ތިޔަ ޖަޒްބާތީ ދެލޯ، އަހަރެންގެ ލޮލާ ސީދާކޮށްބަލަ. ތިޔަދެލޮލުގައި ތިޔަވަނީ ކޮންފަދަ ޖަޒުބާތެއް. އެޖަޒުބާތީ އަސަރުން ސާރާ ވަނީ އަހަރެންގެ ހިތް މިލްކުކޮށްފައި....." އަމީން ވާހަކަ ދެއްކީ ވައިއަޑުންނެވެ. ނަމަވެސް ސާރާ އިސްއުފުލައިވެސް ނުލިއެވެ.

"ސާރާ، ސާރާގެ ތިޔަހިމޭންކަމުގެ ނިވަލުގައި ވަނީ ކޯއްޗެއްކަން އަހަންނަށް އޮޅުންފިލުވައި ދީފާނަންތަ؟" ދެންވެސް ވާހަކަދެއްކީ އަމީން އެވެ.

"އަހަރެންގެ ހިމޭންކަމުގެ ނިވަލުގައިވާ އެއްޗެއް ފަރުދާ ކަހާލާފައި ދައްކަންވީތަ؟" ފުރަތަމަ ފަހަރަށް ސާރާ އަމީންއާ މުޚާޠަބު ކުރިއެވެ.

"އާނ އަވަހަށް ދައްކާ.....މިހާރުވެސް ކެތްތެރިކަން ކުޑަވެއްޖެ......" އަމީނުގެ ހިތް އަވަސްވިއެވެ. ސާރާ އިސްއުފުލައި ލޮލުގެ ކުޑަކޮޅުން އަމީންއާ ދިމާއަށް ބަލައިލިއެވެ.

"އެއީ.....ލޯބި.....އުފާވެރި ޒަވާޖީ ޙަޔާތަކަށް ލޯތްބަކީ ވަރަށް މުހިންމު އެއްޗެއް." ސާރާއަށް މިހެން ބުނެވުނު ވަގުތަކީ ސާރާގެ މަންމަ ހުސްނާ ގެއަށް އައިސް ވަން ވަގުތެވެ.

********************

* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 05 އިން 08 ށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން