ޞާދިރު ޢަލީދީދީ   12 ޖުލައި 2021 - 19:35
ބޯގަންވިލާ
ބޯގަންވިލާ
28 ވަނަ ބައި

................

"ނޫން....ނޫން...." އޭނާ ދުއްވައިގަތީ ކޮޓަރިންވެސް ނުކުންނާށެވެ. އޭނާއަށް ދޮރުމައްޗަށް ނުކުމެވުއިރު ކުރިމަތިން އަމީނުގެ މަންމައާ ލައިގަތެވެ. ރަޒިއްޔާ ސާރާގެ ގައިގައި ހިފެހެއްޓިއެވެ.

"ކިހިނެއްވީ ދަރިފުޅާ....ބުނެބަލަ ވެގެންއުޅޭގޮތެއް." ރަޒިއްޔާވެސް ނިކަން ހާސްވެއްޖެއެވެ.

"އަހަރެން ބިރުގަނޭ މަންމާ....މަންމާ....އައިމަންއަށް ބަލައިލަބަލަ." ސާރާގެ އަޑު ކެނޑި ކެނޑިގެން އައެވެ. އޭނާ ރޮއިރޮއިފައި އިޝާރާތް ކުރީ ކޮޓަރިއާ ދިމާއަށެވެ. ރަޒިއްޔާ ކޮޓަރިތެރެއަށް ބޯދިއްކުރިއެވެ. އެއާއެކު ފެނުނު މަންޒަރުން އޭނާގެ ކަރުން ނުކުތީވެސް ބިރުވެރި އަޑެކެވެ.

މަސް ހިފައިގެން އައިސް އަމީނު ގެއަށްވަނީ އެވަގުތުއެވެ. ވެގެންއުޅޭގޮތް ކުރިންވެސް އެނގޭތީ އަމީނު ހައިރާނެއް ނުވެއެވެ.

"ސާރާ މަންމާ...." އަމީނު އައިސް ހިފެހެއްޓީ ސާރާގެ ގައިގައެވެ. އޭރުވެސް ސާރާ ރުއިން ހުއްޓައެއް ނުލައެވެ.

"އަޅެ.....އަމީން....އަހަރެމެންގެ ދަރިފުޅަށް ބަލައިލަބަލަ." ސާރާ އެނދުގައި އޮތް އައިމަންއާ ދިމާއަށް އިނގިލި ދިއްކުރިއެވެ.

"އަހަރެން އެކަން މާކުރިންވެސް ދެނަހުރިން. ސާރާ ދެރަވާނެވަރު އިޙްސާސް ކުރެވޭނެތީއޭ އަހަރެން ސާރާ ގާތު ނުބުނީ. ދެރަނުވޭ ސާރާ....." އަމީނު ސާރާ އަތުލަފިކޮށްގެން ކޮޓަރިތެރެއަށް ވަނެވެ. ފަހަތުން އަމީނުގެ މަންމަ ރަޒިއްޔާވެސް ވަނެވެ.

"އަހަންނަކީ ކިހާބޮޑު ބަދުނަޞީބުވެރިއެއް....އަޅެ....އެދަރިފުޅު ރަނގަޅެއް ނުވާނެތަ؟" ސާރާ ދަރިފުޅާ ދިމާއަށް ބަލަން ހުރެފައި އެއްސެވެ.

"ހިއެއްނުވޭ ރަނގަޅުވާނެހެނެއް...." އަމީނު ކުޑަދަރިފުޅުގެ ގައިމަތީ އަޅާފައި އޮތް ފޮތިގަނޑު އެއްކޮށް ނަގައިފިއެވެ. ދަރިފުޅުގެ ފުރިހަމަ ސިފަ ސާރާއާއި ރަޒިއްޔާއަށް ފެނުނީ އެވަގުތުއެވެ. އެދަރިފުޅުގެ އެއްފަރާތް (ފަޅި) އިންސާނަކާ ވައްތަރުވިޔަސް، އަނެއްފަރާތް ވައްތަރީ ބިރުވެރި އެއްޗަކާއެވެ. އެފަރާތުގެ ކުލަވެސް ތަފާތުވެފައި ކުރައްކެވެ. ލޯވެސް އާދަޔާޚިލާފަށް ބޮޑެވެ.

އެދަރިފުޅު އުރާލަން ކިތަންމެ ބޭނުންވި ނަމަވެސް އެކަމަށް ސާރާ ފަހުން ފަސްޖެހުނެވެ. އެއީ އޭނާ ބަނޑުއަޅާ ވިހޭ ދަރިފުޅު ކަމަށް ގަބޫލުކުރާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ.

"ގަބޫލުކުރޭ....ޔަގީންކުރޭ އަހަރެން ބުނާ އެއްޗެހި ހޯދައިފިއްޔާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ލޯބި ޙާޞިލްކޮށްދޭނަން." ފުވާދު ވާހަކަ ދެއްކީ ސޯބިރާއާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ ސޯބިރާމެން ގޭގެ ބޮޑުކޮޓަރީގައެވެ.

"ތިބުނާ ފުއްލާދުއްޔާ އަނެކެއްޗަކާ މަށަކަށް ގަންނާކަށް ނޭނގޭނެ. އަހަރެން ދީފާނަން ފައްސަތޭކަ ރުފިޔާ. ފުވާދު ގޮސް ގަނެލާ." ސޯބިރާ ފައްސަތޭކަ ރުފިޔާގެ ނޫޓެއް ފުވާދުގެ އަތަށް ދިނެވެ.

"މައްސަލައެއް ނެތް. އެކަމަކު ބުނަން އަދި ބޭނުންވާނެ ސޯބިރާގެ ފުރިހަމަ ނަމާއި މަންމަގެ ފުރިހަމަ ނަންވެސް." ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ފުވާދު ބުންޏެވެ. ސޯބިރާ ކަރުދާސްގަނޑެއްގައި އޭނާގެ ފުރިހަމަ ނަމާއި މަންމަގެ ފުރިހަމަނަން ލިޔެފައި ދިނެވެ. އެކަރުދާސްގަނޑާ ހަވާލުވުމަށްފަހު ފުވާދުގެ މޫނުމައްޗަށް ވެގެންދިޔަގޮތުން ހީވީ ބޮޑު އުފަލެއް އޭނާއަށް ލިބެން އުޅެނީކަމަށެވެ."

"އިރާދަކުރެއްވިއްޔާ ތޮއްޔިބުގެ ލޯބި އަހަންނަށް ލިބޭކަށް ދެން މާގިނަދުވަހެއް ނުނަގާނެ." ފުވާދު ދިޔަތަނާ ދެން އެގެއަށް އައިސްވަން ރަޙްމަތްތެރިޔާ ޒޫނާއާ ސޯބިރާ އާ ވާހަކަ ދެއްކިއެވެ. ފަޚުރުވެރިވާފަދަ ރާގެއްގައެވެ.

"ތިބުނީ ކޮންތާކުން ލޯބި ލިބޭ ވާހަކަތަ؟" ޒޫނާ އެއްސެވެ.

"ލޯބި ޙާޞިލުވީމަ ބުނާނަން." ސޯބިރާ އޭނާ ކުރަންއުޅޭ ކަންތައް ރަޙްމަތްތެރިޔާއަށްވެސް ސިއްރު ކުރިއެވެ. އެންމެގާތް ރަޙްމަތްތެރިޔާއަށްވެސް ދިރިއުޅުމުގައި ދިމާވާ ބައެއް ކަންތައްތައް ސިއްރު ކުރުމަކީ ސޯބިރާގެ ޠަބީޢީ ކަމެކެވެ. އެހެންވެ އޭނާގެ ބައެއް ރައްޓެހިން އޭނާއަކީ ގޮތްނޭނގޭ އަޑި ބޮޑު މީހެއްގެ ގޮތުގައި ސިފަކުރެއެވެ.

"އަހަރެން ހީކުރީ މިހާރު ސޯބިރާ ބަދަލުވީ ކަމަށް." ދިމާކުރާ ފަދަ ގޮތަކަށް ޒޫނާ ބުންޏެވެ.

"ތިބުނީ ކިހިނެއް ބަދަލުވީޔޭތަ؟" ސޯބިރާ ހައިރާންވެއްޖެއެވެ.

"މިބުނީ.....އަހަރެން ހީކުރީ ދެންމެ ނުކުތީ ސޯބިރާގެ ކަމެއް ކަމަށް." ޒޫނާ އިޝާރާތް ކުރީ ފުވާދުއަށެވެ.

"ސާބަސް ޒޫނާއަށް....އެއީ އަހަންނަށް ހެޔޮއެދޭ ފްރެންޑެއް....." ސޯބިރާ ބުންޏެވެ.

އަމީނު ނިދާފައި އޮތް ދަރިފުޅު ގެނެސް ސާރާގެ އުނގުގައި ބޭއްވިއެވެ. ސާރާ ނިކަން މަޑުމަޑުން ދަރިފުޅުގެ މޫނުގައި ފިރުވާލިއެވެ.

"އަޅެ އަމީނު ހިނގާބަލަ ޑޮކްޓަރަކަށް ދައްކަން. މިއުމުރުގައި ބޭސްކުރަނިކޮށް ރަނގަޅުވެސް ވެދާނެއެއްނު. މިކަހަލަ ކަމެއް ދިމާވީމާ ޑޮކްޓަރަކަށް ނުދައްކާ ތިބޭކަށްވެސް ނުވާނެ." ސާރާ ބުންޏެވެ. ގައިމެވެ. އެމީހެއްގެ ދަރިއަކު ރަނގަޅު ޞިއްޙަތެއްގައި ވުމަށް ކޮންމެ މަޔަކާއި ބަފަޔަކުވެސް ބޭނުންވާނެއެވެ.

"ޑޮކްޓަރުންނަށް އެކަމެއް ރަނގަޅެއް ނުކުރެވޭނެ. ތިމައްސަލައަށް އެއްވެސް ފަރުވާއެއް ހޯދާކަށް އަހަރެން ބޭނުމެއް ނޫން." އަމީނު ސާރާގެ ގާތުގައި އިށީނދެ ދަރިފުޅުގެ ގައިގައި އަތް ކާއްތައި ލޯބިކޮށްލިއެވެ.

"އެކަމަކު....އަމީނު.....ރަނގަޅު ކުރެވޭތޯ އަހަރެމެނަށް މަސައްކަތް ކުރެވިދާނެއެއްނު. އަހަރެން ބޭނުން ދަރިފުޅު ޑޮކްޓަރަށް ދައްކަން...." އަމީނު ކިތަންމެ ދެކޮޅުހެދިނަމަވެސް ސާރާ ބޭނުންވަނީ ދަރިފުޅަށް ފަރުވާދީ ރަނގަޅު ޞިއްޙަތެއްގެ ކުއްޖަކަށް ހަދާށެވެ. ސާރާއަކީ އެދަރިފުޅުގެ މަންމަ ކަމުގައިވިޔަސް އަދިވެސް އޭނާއަކަށް އެދަރިފުޅާ ބެހޭގޮތުން އެކައްޗެއްވެސް ނޭނގޭކަހަލައެވެ.

ގައިމެވެ. ރޭގަނޑުގެ ވަކި ދަންފަޅިއެއްގައި އެދަރިފުޅުގެ ހަށިގަނޑުގެ އެއްފަޅި އާންމު ލޯތަކަށް ނުފެންނަކަން އަމީނު ފިޔަވައި އެކަކަށްވެސް ނޭނގޭނެއެވެ. ދަންވަރު ދޭއްގެފަހުން ފަތިސް ވަންދެން އިންސާނުންގެ ލޯތަކަށް ފެންނަނީ އެދަރިފުޅުގެ އެއްފަރާތެވެ. އެދަރިފުޅު ބަދަލުވާ ވަގުތު ކޮންމެ ރެއަކުވެސް ދަރިފުޅާ ދާދިގާތުގައި އަމީނު ހުރެއެވެ.

ޖެހިގެން އައީވެސް އެފަދަ ރެއެކެވެ. އަމީނު އިނީ ބަދަލުވަމުންދާ ދަރިފުޅަށް ބަލަހައްޓައިގެން ދަރިފުޅު އޮތް އެނދުގެ މަގަތުގައެވެ. އޭނާ އެހެން އިންދާ ސާރާއަށް ހޭލެވުނީބިރުވެރި ގޮތް ނޭނގޭ ހުވަފެނެއް ފެނިގެންނެވެ. ފުންމައިގެން ތެދުވުމާއެކު އޭނާއަށް ބަލައިލެވުނީ އަމީނު ފެނޭތޯއެވެ. އަމީނު އެނދުގައި ނެތުމުން އޭނާގެ ކަޅި ހުއްޓުނީ ދަރިފުޅު އޮތް އެނދާ ދިމާއަށެވެ. އެއަށްފަހު ކުއްޖާ އޭނާއަށް ނިވާވާގޮތަށް ހުއްޓިހުރި އަމީނު ފެނުނެވެ. އަމީނު އިނީ އޭނާއަށް ފުރަގަސްދީގެނެވެ. ސާރާ ތެދުވެގެން އަމީނުއާ ދިމާއަށް ހިނގައިގަތެވެ. ނަމަވެސް ސާރާއަށް ދެތިން ފިޔަވަޅެއްވަރު ކުރިއަށް އެޅުނުތަނާހެން އަމީނު އެނބުރުނެވެ. ސާރާ ހުއްޓިއްޖެއެވެ.

"އަނހަ ސާރާވެސް ހޭލީތަ؟" އަމީނު ދަރިފުޅުގެ ގައިމަތީގައި އޮތް ފޮތިގަނޑު ރަނގަޅުކޮށްލަމުން ސާރާއާ ދިމާއަށް ހިނގައިގަތެވެ.

"އަމީނު ހޭލާ ހުރެގެން ކީއްތަ ތިކުރަނީ؟" އަމީނު އައިސް އޭނާއާ އަރާހަމަވުމުން ސާރާ އެއްސެވެ.

"ހޭލެވުނީމާ ދަރިފުޅުގެ ހާލު ބަލައިލާނަމޭ ހިތަށްއެރީމާ އައީ....ސާރާޔޯ؟" ސާރާއަށް ޖަވާބު ދިނުމަށްފަހު އަމީނު އެހިއެވެ.

"އަހަރެންވެސް ތިހެން. އަހަރެން ބަލައިލަން ފޮތިގަނޑު ހިއްލަބަލަ." ސާރާ އެދުނެވެ.

"މިގަޑީގައި އެސޮރަށް އުނދަގޫ ކުރާނެކަމެއް ނެތް. ހިނގާ ނިދަން." އަމީނު ސާރާގެ އަތުގައި ހިފައިގެންގޮސް އެނދުގައި ބޭންދިއެވެ. ސާރާ އޮށޯތެވެ.

މިއާދައިގައި ދުވަސްތައް ފާއިތުވަމުން ގޮސް އެދަރިފުޅަށް މަސްފުރުނުއިރުވެސް ރަނގަޅު އެއްވެސް ބަދަލެއް އައިކަމުގެ ނިޝާނެއް ނުފެނޭމެއެވެ. އެކަމާ ސާރާ ނިކަން ފިކުރުކޮށް ރޮއިހަދައެވެ.

"ނުރޮއި އަޒޫ...ހުއްޓާލާ....އިރާދަކުރެއްވިއްޔާ ތިޔައީ މާބޮޑު ކަމަކަށް ނުވާނެ." ތޮއްޔިބު ވާހަކަ ދެއްކީ އޭނާގެ އަނބިމީހާއާއެވެ. އޭނާ ރޮނީ ތޮއްޔިބު އޮފީހުގައި ހުއްޓާ ތޮއްޔިބަށް އެޑްރެސްކޮށް ލޯބީގެ އިބާރާތްކޮޅަކާއެކު އެގެއަށް ލިބުނު މަލުގެ ގުލްދަސްތާ ފެނިފައެވެ.

"އަޅެ....ތޮއްޔިބު އަހަރެން ބިރުގަންނަނީ، ހާސްވަނީ...އެމީހަކު ގާތު ބުނޭ.....މިގެއަށް އެކަހަލަ އެއްވެސް އެއްޗެއް ނުފޮނުވާށޭ....." އަޒުމާ ތޮއްޔިބުގެ މޭގައި ބޯއަޅާލިއެވެ. ތޮއްޔިބު އަޒުމާގެ ހަށިގަނޑުގައި ފިސާރި ލޯތްބާއެކު ފިރުމާލިއެވެ.

"މިއަދު ގޮސް އޭނާއަށް އެއްޗެހި ކިޔާނަން. އަހަރެމެން ދެމަފިރިންގެ ދޭތެރެއަށް ވަނުމަށް އޭނާއަށް އޮތީ ކޮންހައްޤެއް؟" ތޮއްޔިބުގެ ގާތަށް އިންތިހާއަށް ރުޅިއައެވެ.

"އަޅެ....ހެޔޮނުވާނެ....ތޮއްޔިބު އަހަރެން ދޫކޮށްނުލައްޗޭ....އަހަރެން މޮޔަވެދާނެ." އަޒުމާ ރޮމުން ތޮއްޔިބުގެ މޭގައި މޫނު ކާއްތާލިއެވެ. ފިސާރި މަސްތީ އިހްސާސަކާއެކު ތޮއްޔިބު އަޒުމާގެ މޭގައި ބޯއަޅާލިއެވެ.

"އަޒޫއަށް އަދިވެސް އަހަރެން އަޒޫދެކެ ލޯބިވާ މިންވަރު އިޙްސާސެއް ނުކުރެވޭދޯ؟" އަޒުމާ އޭނާއަށް އިތުބާރު ނުކުރާތީ އޭނާ ވަރަށް ދެރަވެސްވެއްޖެއެވެ.

"ނޫން....ތޮއްޔިބު އަހަރެން ދެކެ ލޯބިވާ މިންވަރު އަހަންނަށް އިޙްސާސް ކުރެވޭ." އަޒުމާ ދެލޯ ފޮހެލިއެވެ.

ފުވާދު އޭނާގެ މަޤުޞަދު ޙާޞިލް ކުރުމަށްޓަކައި ސޯބިރާ ލައްވާ ހޭދަތަކެއް ކުރުވަމުން އައިސް މިރެއަކީ އޭނާ ކުރި މަސައްކަތަށް ކާމިޔާބު ލިބެން އުޅޭ ކަމުގެ އިޝާރާތެއް ފުރަތަމަ ފަހަރަށް ސޯބިރާގެ ކިބައިން ފެނުނުރެއެވެ.

ގަދަނިދީގައި އޮތް ސޯބިރާއަށް ފެންނަމުން އެދަނީ އޭނާ ހުވަފެނެއްގައިވެސް ދެކެން ބޭނުންވި އަދި ދުށުމަށް އެދޭވެސް މަންޒަރެއް ނޫނެވެ. އެހެން ނަމަވެސް އެއީ އުފާވެރި ދިރިއުޅުމެއްގެ މަންޒަރުތަކެކެވެ.

ތޮއްޔިބުގެ ބަދަލުގައި އޭނާއަށް ލޯތްބާއި އޯގާތެރިކަންދީ އަޅާލަނީ ފުވާދެވެ. ފުރަތަމަ ލޯބީގެ އިޝާރާތެއް އޭނާއަށް ކުރީވެސް ފުވާދެވެ.

ސޯބިރާއަށް ހޭލެވުނީ ހުވަފެނުގެ އެންމެ ޝައުޤުވެރި ހިސާބުންނެވެ. އެހެންކަމުން އެހުވަފެނުގެ ބާކީބައިވެސް އޭނާ ބަލަން ބޭނުންވީ ކަހަލައެވެ.

އެއީ މެންދަމުގެ ވަގުތު ކަމަށްވިޔަސް އޭނާ ތެދުވެއްޖެއެވެ. އެއަށްފަހު ދާދި ދެންމެއަކު ފެނުނު ހުވަފެނާ ދޭތެރޭ ވިސްނެން ފެށުނެވެ.

"ކީއްވެބާ އަހަންނަށް ހުވަފެނުގައި ފުވާދު ފެންނަންވީ؟" ސޯބިރާގެ ވިސްނުމުގެ އޮއިވަރު ބަދަލުވާން ފެށިކަހަލައެވެ. އާއެކެވެ. މަޑުމަޑުން އޭނާގެ ޚިޔާލީ ސްކްރީނުން ތޮއްޔިބުގެ ތަސްވީރު ފުހެވި ބާކީވާން ފެށިއެވެ.

ތަފާތު ޚިޔާލުތަކެއްގައިހުރެ ސޯބިރާ ތެދުވެ މޯޅިއަކަށް ދެމިލުމަށްފަހު ހިނގައިގަތީ އަމިއްލަ އިޚްތިޔާރެއްގައި ހެނެއް ހިއެއް ނުވެއެވެ. ގައިމެވެ. އޭނާއަކީ މިފަދަ ވަގުތެއްގައި މީގެކުރިން ދުވަހަކު ގެއިން ނިކުތް މީހެއް ނޫނެވެ. ނަމަވެސް މިރޭ އެވަނީ ކުރީގެ ހުރިހާ އުދައެއް ފިލާފައެވެ.

ހީވާ ކަހަލައެވެ. އޭނާ ބޭނުންވަނީ ފުވާދުއާ ބައްދަލުކުރާށެވެ. އޭނާއަށް އިހްސާސް ކުރެވެނީއެވެ. ފުވާދު އޭނާއަށް ގޮވާ އޭނާގެ ގާތު އަންނާށޭ ބުނީމައެވެ.

އެދަންވަރުގެ ވަގުތު ނިދާ ހެދުމުގައި އޭނާ ހިނގަމުން ހިނގަމުން ގޮސް ހުއްޓުނީ ކުރިން ދުވަހަކުވެސް އޭނާ ވަދެފައިވާ ގެއެއްގެ ދޮރުމައްޗަކަށް ނޫނެވެ. އެއީ ފުވާދުގެ ގެއެވެ. އިރުކޮޅެއް ވަންދެން ދޮރާށި ބުޑުގައި ހުއްޓި ހުރުމަށްފަހު އޭނާ ދޮރާށި ހުޅުވައި އެތެރެއަށް ބޯދިއްކުރިއެވެ. ފެންނަން އޮތީ ހަމަހިމޭން ސިޓިންގރޫމެކެވެ. ސިޓިންގރޫމަށް ބަލައިލުމުން އެގެއަކީ ކުޑަކުދިންތަކެއްވެސް ދިރިއުޅޭ ގެއަކާ ފާޑުވެއެވެ. މޭޒުތަންދޮށުގައި ކުޑަކުދިން ދުއްވާކަހަލަ ކާރަކާއި ކުދިކުދި ކުޅޭ ސާމާނުތައް ގިނައަދަދަކަށް ހުއްޓެވެ. އެއްފަރާތެއްގައި ރެކްސާއެއްވެސް ހުއްޓެވެ.

އިރުކޮޅެއް ވަންދެން އެތަނަވަސް ސިޓިންގރޫމްތެރެއަށް ނަޒަރު ހުއްޓައިގެން ހުރެފައި ސޯބިރާ އެތެރެއަށް ވަދެއްޖެއެވެ. ދެން އޭނާ މިސްރާބުޖެހީ ކޮޓަރިތަކާ ދިމާއަށެވެ.

އޭނާ ސީދާ ހުއްޓުނީ ފުވާދުގެ ކޮޓަރި ދޮރުމައްޗަށެވެ. ހީވީ އޭނާ އެތައްފަހަރަކު އައިސްވަދެ އުޅެފައިވާ ކޮޓަރިއެއް ހެނެވެ.

"ފުވާދު....ފުވާދު...." ސޯބިރާ ދޮރުގައި ޓަކިޖަހާލަމުން ގޮވާލިއެވެ. އެތެރެއިން އަޑެއް އިވުނީ ސޯބިރާ ގޮވާތާ އިރުކޮޅެއްގެ ފަހުންނެވެ.

"އޫނ....ކާކު....." އެތެރެއިން އިވުނީ އަންހެނެއްގެ އަޑެވެ. ހީވާގޮތުން އެއީ ފުވާދުގެ އަނބިމީހާއެވެ. ސޯބިރާއަށް ލިބުނު ސިހުމާއެކު ފަހަތަށް ޖެހިލެވުނެވެ. އެހެން ނަމަވެސް އޭނާގެ ހިތް އެދެނީ އެކޮޓަރިއަށްވަދެ ފުވާދުއާ ބައްދަލުވުމަށެވެ. އޭނާ އަނެއްކާވެސް އެތެރެއަށް ޖެހިލުމަށްފަހު ދޮރުގައި ޓަކިޖަހާލިއެވެ. އެތެރެއިން އަންހެނެއްގެ އަޑުއިވުނު ކަމުގައިވިޔަސް ދޮރުހުޅުވީ ސީދާ ފުވާދުއެވެ. ފުވާދަށް ސޯބިރާ ފެނުމާއެކު ބޭރަށް ނުކުމެ ނިކަން އަވަހަށް ދޮރު ލައްޕައިފިއެވެ.

"ސޯބިރާ؟" އެތެރެއިން ނުހުޅުވޭގޮތަށް ތަޅުގައި އެއްއަތުން ހިފަހައްޓައިގެންހުރެ ފުވާދު މަޑުމަޑުން ސޯބިރާއަށް ގޮވާލިއެވެ. ސޯބިރާ ހުރީ އާގަމަވެފައިވާ ގޮތަކަށް ސީދާ ފުވާދުގެ ލޮލަށް ބަލަހައްޓައިގެންނެވެ.

******************

* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 108 އިން 112 ށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން