ޞާދިރު ޢަލީދީދީ   14 ޖުލައި 2021 - 15:49
ބޯގަންވިލާ
ބޯގަންވިލާ
30 ވަނަ ބައި

................

"އަހަންނަށް ލާހިކެއް ނޫން ޑޮކްޓަރަކަށް ދައްކާކަށް....އަހަންނަށްވެސް ހީވަނީ...ޕީރިއަޑް ދުވަސް ފާއިތުވެދިޔަތާވެސް ކިތަންމެ ދުވަހެއް." ސޯބިރާ ބަނޑުގައި އަތް ކާއްތާލިއެވެ.

"ޑޮކްޓަރަކަށް ނޭނގޭނެޔޭ.....ސޯބިރާ ތީ މީހަކާ ނީދެ ހުރި މީހެއް ކަމެއް....ހިނގާ އަހަރެން ސޯބިރާއާއެކު ހިގައިދާނަމޭ...." ޒޫނާ ބުންޏެވެ. އެގޮތް ސޯބިރާވެސް ހިތްހަމަޖެހުނެވެ. އެހެންކަމުން އެދުވަހު އެދެރަޙްމަތްތެރިން ދާނެ ކުލިނިކަކާއި ދައްކާނެ ޑޮކްޓަރެއް ހަމަޖައްސައި ވަގުތުވެސް ކަނޑައެޅިއެވެ.

ސާރާ ދެންވެސް ވިސްނަމުން ދިޔައީ އޭނާގެ ދަރިފުޅު ރަނގަޅު ކޮށްދޭނެ ފަންޑިތަވެރިޔަކު ލިބޭނެގޮތަކާ ދޭތެރޭގައެވެ.

"ސާރާ ކީއްކުރަންތަ ތިޔަހާ ވަރުން އެސޮރަށް ފަންޑިތަ ހަދަން ތިއުޅެނީ....ކިތައްފަހަރުތަ އަހަރެން ބުނާނީ އެސޮރު ރަނގަޅެއް ނުވާނެޔޭ...." އަމީނު ސާރާގެ ވިސްނުން ދެނެގަތެވެ.

"އެކަމަކު އަމީނު. ރަނގަޅު ކުރެވޭތޯ އަހަރެމެނަށް މަސައްކަތް ކުރެވިދާނެއެއްނޫންތަ؟" ސާރާ ބުންނެވެ.

"ވަރިހަމަ.....ތިޔައީ އަހަރެން މާރުހޭ ކަމެއް ނޫން....ތިބުނާހެން ފަންޑިތަވެރިއަކަށް ދައްކައިފިއްޔާ އިތުރަށް އެދަރިފުޅު އިޝްތިހާރުވުން ފިޔަވައި ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ." މިފަހަރުވެސް އަމީނު ކަނޑައެޅިގެން ދެކޮޅުހެދިއެވެ. އެއީ އަމީނުގެ ނިންމުން ކަމުގައިވިޔަސް ސާރާ އެގޮތަކަށް ނިންމާކަށް ބޭނުމެއް ނޫނެވެ. ކޮންމެވެސް ދުވަހަކުން އެދަރިފުޅު ރަނގަޅުވެ، އޭނާއާއެކު އުފަލުގައި އުޅޭތަން ދެކެން އޭނާ އިންތިހާއަށް ބޭނުމެވެ.

"އަމީނު ބުނާނެ އެސޮރު ރަނގަޅު ނުވާނެޔޭ. އެކަމަކު ރޭގައިވެސް އަހަރެން ހުވަފެނުގައި ދުށިން އެސޮރު ރަނގަޅުވެ އަހަންނާއެކު އުޅެނިކޮށް." ސާރާ ބުންޏެވެ.

"ހުވަފެނަކީ ބިލާހެކޭ ބުނާއަޑެއްވެސް ނާހަންތަ؟" އަމީނު ސާރާއަށް ހަނދާންކޮށްލަދިނެވެ.

"އެކަމަކު މީގެކުރިން އަހަންނަށް ފެންނަ ގިނަހުވަފެންތައް ނިކަން ސީދާވެސްވެޔޭ...." އަނެއްކާވެސް ސާރާ ބުންޏެވެ.

"ދެން ތިވާހަކަ ހުއްޓާލާ....އެއްފަހަރުވެސް ސާރާ އަހަރެން ކިޔާ އެއްޗެއް އަޑުއަހައިގެން ނުވޭތަ؟" އަމީނު ގާތަށް ރުޅިއައެވެ. ސާރާ ހަތިޔާރު ބެހެއްޓީ ދެނެވެ. އެކަމަކު އަދިވެސް އަމީނަށް ސިއްރުން ފަންޑިތަވެރިއެއްގެ އެހީ ހޯދުމުގެ ޚިޔާލު އޭނާ ދޫކޮށެއް ނުލިއެވެ.

"މަންމާ. ދެން ނެތްތަ ދަންނަ ފަންޑިތަ ހަދާމީހަކު؟" އަމީނު ގޭގައި ނޫޅޭ ވަގުތު ބަލާފައި ސާރާ އޭނާގެ މަންމައަށް ގުޅިއެވެ.

"މަންމަ ބަލާނަން. ރަނގަޅު މީހަކު ފެނޭތޯ. އިހަކަށް ދުވަހު ދަރިފުޅުގެ ބައްޕަވެސް ތިކަހަލަ ވާހަކައެއް ދެއްކިއޭ...." ހުސްނާ ބުންޏެވެ.

"މަންމާ...ބައްޕަ ގާތު ތަންކޮޅެއް ސީރިއަސްކޮށް ބުނެބަލަ، މީހަކު ހޯދާށޭ...." ސާރާ އެދުނެވެ.

ޖެހިގެން އައި ދުވަހު ސާރާގެ އެދުމުގެ މަތިން އޭނާގެ ބައްޕަ ހަސަން މަނިކު ފަންޑިތަ ހަދަން މޮޅުމީހަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ސޯބިރާ ޑޮކްޓަރަށް ދައްކައި ހެދުނު ޓެސްޓްތަކުގެ ނަތީޖާ ލިބުނު ގޮތުން އޭނާ އިންތިހާއަށް ދެރަވެ ހިތާމަކުރިއެވެ. އެޚަބަރު ދޭން އޭނާ އެންމެ ފުރަތަމަ ގުޅީ އެލަނޑު އޭނާއަށް ދިން ކަމަށް ގަބޫލުކުރާ މީހާއަށެވެ. ނަސީބު ދިމާކުރި ގޮތުން ފޯނު ކުރި ފުރަތަމަ ފަހަރުވެސް އޭނާއާ ދިމާވިއެވެ.

"ފުވާދު......އަހަރެން ސަލާމަތްކޮށްދީ....އާދޭސްކުރަން ފުވާދު. އަހަރެން ސަލާމަތްކޮށްދީ....." ސޯބިރާއަށް ރޮއިގަނެވިއްޖެއެވެ.

"އަހަރެން ކީއްތަ ކޮށްދޭންވީ؟" ހައިރާންވެފައި ފުވާދު އެއްސެވެ.

"ފުވާދު.....އަހަރެން ޕީރިއަޑެއްނުވޭ....ޑޮކްޓަރު ބުނީ ބަނޑު ބޮޑިއްޔޯ....." ސޯބިރާގެ އަޑު ކެނޑި ކެނޑިގެން އައެވެ.

"ތިކަމުގައި އަހަންނަށް ކުރެވޭނީ ކޮންކަމެއްތަ؟" ފުވާދުގެ ފަރުވާލެއްނެތް ކަހަލައެވެ. އޭނާގެ ވާހަކައިގައި އެއްވެސް ރަޙުމެތް ނެތެވެ.

"އަޅެ....ފުވާދެއް ނޫންތަ އަހަންނަށް މިލަނޑުދިނީ....." ސޯބިރާ ކޮށިއެރިއެވެ. ދެން އިވުނީ ފުވާދު ޕަސްލާފައި ފޯނު ބޭއްވި އަޑެވެ. ސޯބިރާ ރޮމުން ރޮމުން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

"ހަސަން މަނިކާއި ހާރޫނު (ފަންޑިތަ ހަދާމީހާ) ވާހަކަ ދައްކަމުން އައިސް ސާރާމެންގެ ކޮޓަރިއަށް ވަނެވެ. އޭރު ހާރޫނުގެ އަތުގައި ބޮޑު ލޮގްފޮތެއް ޒާތުގެ ފޮތެއްވެސް އޮތެވެ. ހާރޫނަކީ މޮޅަށް ފަންޑިތަހަދާ ކުޅަދާނަ މީހެއް ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. އޭނާ ފާލުބަލާފައި ބުނާ ވާހަކަތައް ގިނަފަހަރަށް ދިމާވެސްވޭމެއެވެ. އެހެންކަމުން އޭނާގެ ގާތަށް ކަންކަމުގައިދާ މީހުންގެ އިޙްތިރާމް އޭނާއަށް ލިބިފައިވެއެވެ.

"ކޮބާތަ ކުއްޖާ....." ކޮޓަރިއަށް ވަންނަމުން ހާރޫނު އެއްސެވެ.

"އެއޮތީ...." ސާރާ ފޮތިން ނިވާކޮށްފައި އޮތް ދަރިފުޅާ ދިމާއަށް އިޝާރާތް ކޮށްފައި ބުންޏެވެ. ހާރޫނު ކުޑަކުޑަ އަސާލް އޮތް އެނދާ ދިމާއަށް ހިނގައިގެންފިއެވެ. ސާރާ ކޮޓަރި ތަޅުލިއެވެ.

"ފޮތިގަނޑު އަޅާފަތަ އަބަދުވެސް ބާއްވަނީ؟" ހާރޫނު ދަރިފުޅުގެ ގައިމަތީ އަޅާފައި އޮތް ފޮތިގަނޑު ނެގިއެވެ. ހަމައެއާއެކު ފުންމައިގެންފައި އޭނާއަށް ފަހަތަށް ޖެހިލެވުނެވެ. ހީވާކަހަލައެވެ. އޭނާއަށް ކޮންމެވެސް ކަމެއް އެނގި ބިރުގަތީއެވެ.

"ރަނގަޅު ކުރެވިދާނެތަ؟" ހަސަން މަނިކު ހާރޫނުބޭގެ ހަރަކާތްތަކަށް ބަލަން ހުރެފައި އެއްސެވެ. ހާރޫނުބެ ހަސަން މަނިކަށް ޖަވާބު ދިނުމުގެ ބަދަލުގައި ފުރަތަމަ ލޮގްފޮތް ހުޅުވާލިއެވެ. އެއަށްފަހު އޭނާ އަނެއްކާވެސް އެކުއްޖާއަށް ބަލާލިއެވެ. އެއަށްފަހު އޭނާ އަނެއްކާވެސް އެކުއްޖާއަށް ބަލާލިއެވެ. ދެން އޭނާ ބަލައިލީ ސާރާގެ މޫނަށެވެ. ސާރާގެ މޫނުމަތިންވެސް އޭނާ ކަމެއް ދެނެގަންނަން ބޭނުންވާ ކަހަލައެވެ.

"ކިހިނެއްތޯވީ؟" ހާރޫނުބެ ބެލިގޮތުން ސާރާއަށް ތެޅިގަނެވުނެވެ. ދެންވެސް ހާރޫނުބެ އަނގަޔަކުން ނުބުނެއެވެ. ހާރޫނުބެ އޭނާއަށް އެންމެ އިތުބާރު ހިފޭ ފާލު ބަލަން ފެށިއެވެ. ފާލު ބަލައި ނިމުމާއެކު އަނެއްކާވެސް އޭނާއަށް ބަލައިލެވުނީ ސާރާގެ މޫނަށެވެ.

"ސާރާ....އިހަށް ބޭރުގަ މަޑުކޮށްލަންވީނު....." އެހާ ހިސާބުން ހާރޫނުބެ ސާރާއަށް ކޮންމެވެސް ކަމެއް ސިއްރުކުރަން ބޭނުންވެއްޖެކަން ގައިމުވިއެވެ. ސާރާ އޭނާގެ ބައްޕަގެވެސް އިޝާރާތާއެކު ކޮޓަރިން ނުކުތެވެ.

"އެއްވެސް ދުވަސްވަރެއްގަ ސާރާ ޖިންނި މޮޔަވިތަ؟" ހާރޫނުބެ ފޮތް ހުޅުވައިގެން ހުރެ ހަސަން މަނިކާ ސުވާލުކުރިއެވެ.

"އާނ. ވަރަށް ގަދަޔަށް ހިނގި ކަމެއް އެއީ. އަހަރެމެންގެ މިންނެތް މަސައްކަތުން އެމަންޖެ އެއެއްޗެއްގެ ކިބައިން ސަލާމަތްވެފައި އެހުރީ....." ހަސަން މަނިކު ބުންޏެވެ.

"ސަލާމަތްވެފައޭ!؟" ނުވާނެ ތިހެނެއް. އަދިވެސް އޭތީގެ ކިބަޔަކުން ސާރާއަކަށް ސަލާމަތެއް ނުވެވޭ." ހާރޫނުބެ އޭނާއަށް ލިބިފައިވާ ޔަގީންކަމާއެކު ބުންޏެވެ.

"ކީއްވެ ތިހެން ތިބުނީ؟ ހަމަގައިމުވެސް ސާރާއަކަށް މިހާރަކު އޭތީގެ އުނދަގުލަކާ ކުރިމައްޗެއްނުވޭ." ހަސަން މަނިކު ބޭރުފުށަށް އޭނާއަށް ފެންނަގޮތް ބުންޏެވެ.

"އަހަރެންގެ މިފާލު ދޮގެއް ނުވާނެ. ވަރަށް ޔަޤީންކަމާއެކު އަހަންނަށް ބުނަން ކެރޭ. ސާރާގެ ބަނޑުން އުފަންވިޔަސް. މިއޮއް ދަރިފުޅަކީ އޭތި (ޖިންނި) ގެ ފުރިހަމަ ނިޝާނެއް." އިތުބާރާއެކު ހާރޫނުބެ ބުންޏެވެ. ބިރުން ހަސަން މަނިކުގެ ދެލޯ ބޮޑުވެ ފަހަތަށް ޖެހިލެވުނީ ގަބޫލުކުރަން ބޭނުންނުވާ ހާލުގައެވެ.

އެހިނދު އޭނާގެ ހަނދާނުގެ ސްކްރީނަށް އަރަންފެށީ އިކްލީލުގެ ހަނދާންތަކެވެ. އެހެން ނަމަވެސް އިކްލީލުވަނީ ސާރާއަށް އުނދަގޫ ނުކުރާނެ ކަމަށް ބުނެ ހުވާވެސް ކޮށްފައެވެ. ސާރާގެ އުނަގަނޑުގައި އެޅުވި ތަވީދުގެ މަތިން ހަސަން މަނިކު ހަނދާންވީ އެއަށްފަހުގައެވެ.

"ދަރިފުޅާ ސާރާ....." ހަސަން މަނިކު ގޮވިއެވެ. އޭނާއަށް ޔަޤީންވެއެވެ. އެތަވީދު އޮތްހާ ހިނދަކު އޭއްޗަކަށް ސާރާއަކާ ގާތެއް ނުވެވޭނެއެވެ. ކޮންމެވެސް ގޮތަކުން އެތަވީދު ސާރާއާ ވަކިވެގެން ނޫނީ އޭއްޗަކަށް ސާރާގެ ވަސްހުރި ހިސާބަށްވެސް ގާތް ނުވެވޭނެއެވެ.

ބައްޕަގެ އަޑަށް ސާރާ ނިކަން ބާރަށް ހިނގާފައި އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.

"ދަރިފުޅުގެ އުނަގަނޑުގައި އެޅުވި ތަވީދު އޮވޭތަ މިހާރުވެސް." ސާރާ އައިސް ވަނުމުން ހިތް އަވަސްވެފައި ހުރި ހަސަން މަނިކު އެއްސެވެ.

"މިހާރު އެތަވީދު ގެއްލުނުތާ އަހަރަކަށް ވުރެންވެސް ގިނަދުވަސްވެއްޖެ." ސާރާ ބުންޏެވެ. ލިބުނު ހާސްކަމާއި ނުތަނަވަސްކަމާއެކު ހަސަން މަނިކަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އޭނާގެ ސިކުނޑި ސުމަކަށްދިޔަ ކަހަލައެވެ. ހާރޫނުބެގެ ވާހަކައަށް ޔަޤީންކަން ލިބުމުން އޭނާ އިންތިހާއަށް ބިރުވެސްގެންފިއެވެ.

"ކީއްވެތަ އެތަވީދު ގެއްލުނު ވާހަކަ ބައްޕަ ގާތު ނުބުނީ. ދަރިފުޅަށް އޭގެ މުހިންމުކަން ނުވިސްނެނީތަ؟" ހަސަން މަނިކު ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.

"އިހަށް ދަރިފުޅުދޭ ބޭރަށް....." ހަސަން މަނިކު އެނދުމަތީގައި އޮތް ދަރިފުޅު އަސާލް އާ ދިމާއަށް ބަލައިލިއެވެ. ސާރާ އަނެއްކާވެސް ކޮޓަރިން ނުކުތެވެ.

"ހާރޫނުބޭ، މިކަންތައް އަމީނަށް އެނގިއްޖެއްޔާ އޭނާގެ ހިތަށް އަރާނީ ކީކޭބާ. އޭނަވެސް ހިތުން އެހުންނަނީ މިއީ އޭނާގެ ދަރިއެއް ކަމަށް ދެކިގެން." ހަސަން މަނިކުގެ ފިކުރުބޮޑުވިއެވެ.

"އަމީނަށް އެނގުނަސް ނޭނގުނަސް މިކުއްޖާއަކަށް އިންސާނުންގެ ތެރެއަކު ނޫޅެވޭނެ. ވަކި ހިސާބަކުން ގެއްލޭނެ." އިތުރު ފާލެއް ބަލައިލުމަށްފަހު ހާރޫނުބޭ ބުންޏެވެ. އެއަށްފަހު އޭނާ އަނެއްކާވެސް ފާލު ބަލަން ފެށިއެވެ. އޭގެކުރިން ޚަތިމަކާއި އިތުރަށް ކިޔަވާނެ މީހަކު ހޯދުމަށް ހާރޫނުބެ ބުންޏެވެ.

އަމީނު އޮފީސް ނިންމާފައި ގެއަށްދާން ނުކުތީ އެވަގުތުއެވެ. އޭނަގެ ފަހަތުން ތޮއްޔިބުވެސް ނުކުތެވެ.

"މިއަދު ހާދަ އަވަސްއަރައިގަނެގެން ތިއުޅެނީ؟ މާބޮޑަށް ހައިވީތަ؟" ޕާކިސްޒޯނުގައި ހުރި ސައިކަލަށް އަރައި ސައިކަލް އިސްޓާޓް ކޮށްލަމުން ތޮއްޔިބު ވާހަކަ ދެއްކިއެވެ.

"ދަރިފުޅަކީ ބަލިކުއްޖަކަސް އަހަންނަށް ހާދަ އުނދަގޫވެޔޭ އެސޮރާ ދުރުގައި އުޅެން." ސައިކަލް ފަހަތަށް އަރަމުން އަމީނު ބުންޏެވެ. ތޮއްޔިބު ސައިކަލް ދުއްވާލިއެވެ.

އޭރު ހާރޫނުބެ އޭނާގެ މަސައްކަތައިގެން ކުރިއަށް ދަނީއެވެ. ކިޔެވެލި ކިޔަވަން އިތުރު ދެމީހަކުވެސް ހޯދައިގެންނެވެ. ހީވާގޮތުން އޭނާ މަސައްކަތް ކުރަމުން އެދަނީ ސީދާ ޖިންނި އެތަނަށް ގެންނާށެވެ.

"ކިޔެވެލި ފަށާތާ މާގިނައިރެއްނުވެ އެއެތި މިތަނަށް އަންނާނެ. އެކަކުވެސް ބިރުނުގަންނާތި. އޭއްޗަކަށް އަހަރެމެންނާ ކައިރިއެއް ނުވެވޭނެ." ކިޔަވަން ފަށަން އިޝާރާތް ކުރަމުން ހާރޫނުބެ ބުންޏެވެ. އޭރު ސާރާވެސް ކޮޓަރިއަށް ވައްދައިފިއެވެ. ލަފާކުރެވޭ ގޮތުން އޭތީގެ ހަމަލައެއް އަތުވެދާނެތީއެވެ. ކޮޓަރިއަށް ވެއްދުމުގެ ކުރިން ހަސަން މަނިކާއި ހާރޫނުބެ ބިރުނުގަނެ ކެތްތެރިވުމަށް ސާރާއަށް ހިތްވަރުދިނެވެ. ޙަޤީޤަތުގައި އޭރުވެސް ސާރާހުރީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގައެވެ. އޭނާ ހީކުރީ ހާރޫނުބޭމެން ދަރިފުޅު ރަނގަޅު ކުރަން މަސައްކަތް ކުރަނީ ކަމަށެވެ. ޖިންނީގެ ކިބައިން އޭނާ ސަލާމަތް ކުރަން އުޅެނީ ކަމެއް ފަހަރެއްގައިވެސް އޭނާ ހިއެއް ނުކުރެއެވެ. އެހެންކަމުން އެންމެންގެ މޫނުމަތިން ހާސްވުމާއި ކަންބޮޑުވުމުގެ އިތުރަށް ބިރުވެރިކަމުގެ އަސަރު ފާޅުވަމުންދާއިރުވެސް އޭނާގެ މޫނުމަތިން ފާޅުވެ ފެންނަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރެވެ.

"ބައްޕާ އަޅެ ދަރިފުޅު ރަނގަޅުވާނެދޯ؟" ސާރާއަށް ހިމޭނަކުން ނުހުރެވުނެވެ. ނަމަވެސް ބައްޕަ އިޝާރާތުން ހިމޭނުން ހުރުމަށް ބުނުމުން އޭނާވެސް ބޯޖަހާލަމުން ހިމޭންވެއްޖެއެވެ. ނަމަވެސް އަތުކުރީގައި އޮތް ގަނޑިއަށް ބަލާލެވުމާއެކު އޭނާ ނިކަން ހާސްވެއްޖެއެވެ. އޮފީސް ނިމި އަމީނު ގެއަށް އަންނަ ގަނޑި ޖެހުނީއެވެ. މިހާރު އަމީނު ހުންނާނީ ގެއަށް އައުމުގެ މަގުމަތީގައެވެ. ހިތަށް އެރިއެވެ.

"ބައްޕާ އަމީނު އަންނަގަޑިއޭ އެއޮތް ޖެހެނީ. ފަންޑިތަ ހަދާކަން އެނގިއްޖެއްޔާ އަމީނު ސަލާމަތްނުވާނެ." ގަޑިއަށް އަދިވެސް އެއްފަހަރު ބަލައިލުމަށްފަހު ސާރާ ބުންޏެވެ.

"ދަރިފުޅު ހާދަ އަނގަ ގަދަވެގެނޭދޯ ތިއުޅެނީ. ހާރޫނުބެ އެކުރާ ކަމެއްކޮށް ނިމެންދެން މަޑުކޮށްބަލަ." ހަސަން މަނިކުގެ ގާތަށް ރުޅިއައެވެ. އޭރުވެސް ކިޔެވެލި ހުއްޓާނުލާ ކުރިއަށްދެއެވެ.

"އެކަކުވެސް ބިރުނުގަންނާތި....އޭއްޗަށް މަޖުބޫރުވާނެ މިތަނަށް ފާޅުވާން...އެއަށްފަހު އަހަރެމެން އެންމެންގެ ލޯތަކަށްވެސް އޭތި ފެންނާނެ...." ހާރޫނުބެ މަސައްކަތް ކުރިއަށް ގެންދަމުން ކިޔަވަން ތިބި ދެމީހުނާ މުޚާޠަބު ކުރިއެވެ.

ސައިކަލް ދުއްވަމުން ދިޔައިރު ތޮއްޔިބު އައީ ފަހަތުގައި އިން އަމީނުއާ ކެނޑިނޭޅި ވާހަކަ ދައްކަމުންނެވެ. އޭނާއަށް ސައިކަލް ފަހަތުގައި އަމީނު ނެތްކަމުގެ އިޙްސާސް ކުރެވުނީ އޭނާ ވާހަކަ ދައްކަ ދައްކާ ޖަވާބެއް ނުލިބުނީމައެވެ.

"އަމީނު ކީއްވެތަ އަނގައިން ނުބުނެ ތިއިންނަނީ؟" ތޮއްޔިބު ސައިކަލް މަޑުކޮށްލިއެވެ. ހަމައެއާއެކު އޭނާއަށް ލިބުނީ ކުއްލި ޝޮކެކެވެ. އޭނާ ސައިކަލް ދުއްވާލިއިރު ފަހަތަށް އަރާއިން އަމީނެއް ނެތެވެ. ލިބުނު ހައިރާންކަމާއެކު އޭނާ ސައިކަލް އައިކޮޅަށް އަނބުރާލައިފިއެވެ. އަމީނު ސައިކަލުން ވެއްޓުނީ ކަމުގައި ހީކޮށްފައެވެ.

ގިނައިރުވާ ވަރަކަށް ކިޔެވެލީގެ އަޑުވެސް އައީ ގަދަވަމުންނެވެ. ހީވާގޮތުން ހާރޫނުބޭގެ މަޤުޞަދަކީ ޖިންނި އޭނާގެ ބާރުގެ ދަށަށް ގެނެސް އޭތީގެ ދުވަސް ދުއްވާލާށެވެ. އެހެންނޫނީ ދެންވެސް ކޮންމެވެސް ދުވަހަކުން އޭތީގެ ދުއްތުރާތަކާ ސާރާއަށް ކުރިމަތިވެދާނެތީއެވެ. ފަހަރެއްގައިވެސް އެއެއްޗަށް މަޢާފްކޮށް އިންސާނުންގެ ތެރެއަށް ދޫކުރާކަށް ހާރޫނުބެއެއް ބޭނުމެއް ނޫނެވެ. ސާރާގެ ބަނޑުން އުފަން ނުވިނަމަ ކުރިމަތީގައި އޮތް އެކުޑަކުއްޖާވެސް އޭނާ ބޭނުންވަނީ ނައްތާލާށެވެ. އެހެން ނަމަވެސް އެއީ ރޫހާނީ ބާރު އޭގެ އެންމެ ފުރިހަމައަށް ލިބިފައިވިޔަސް، އިންސާނީ ނަސްލުވެސް އެކުއްޖާ ހިއްސާކުރެއެވެ. އިންސާނުންގެ ތެރޭގައި ކުރިމަގުގައި ނޫޅެވުނު ކަމުގައިވިޔަސް، އެއީ އިންސާނެއްގެ ބަނޑުން އުފަންވެފައިވާ ކުއްޖެކެވެ. ފަހަރުގައި އެއީ އޭނާގެ ބައްޕަފަދަ އަނިޔާވެރިއަކަށްވުމީވެސް ވެދާނެ ކަމެކެވެ.

ހާރޫނުބޭމެން ކިޔަވަންފެށިތާ މާގިނައިރުތަކެއްނުވެ މުޅިގެއަށްވެސް ހީވީ ވަރުގަދަ ލޮޅުމެއް އައިހެނެވެ. އެލޮޅުމާއެކު އެންމެން ސިހުނުކަމުގައި ވިޔަސް، އެކަކުވެސް ކިޔެވުން ހުއްޓައެއް ނުލައެވެ. ސާރާ ބިރުން ބައްޕައާ ގާތަށް ޖެހިލި ވަގުތު އުންޑައެއްހެން އެމީހުންގެ ކުރިމައްޗަށް އައިސް ހުއްޓުނީ އަމީނެވެ. އޭނާގެ ދެލޯ ހީވަނީ އަނގުރު އަލިފާންކޮޅެއްހެންނެވެ. މުޅި މީހާ ހުރީ ރުޅިއައިސްގެން ތުރުތުރު އަޅައަޅާއެވެ. އެކަކަށްވެސް އޭނާވަނީ ދޮރުންކަމެއް ފޭބީ މަތިންކަމެއްވެސް ނޭނގުނެވެ. ކޮޓަރިތެރެއަށް ވަދެވުމާއެކު ހީވީ އޭނާގެ ހުރިހާ ބާރެއްވެސް ދޫވެއްޖެހެނެވެ. އޭނާ ހާރޫނުބެއާ ދިމާއަށް އެޅި ފިޔަވަޅުވެސް އެޅުނީ ފަހަތަށެވެ.

"އަހަރެމެންގެ ގާތަށް އާދޭ....އެހެން ނޫނީ ކަލޭގެ ދުވަސް ދުއްވާލާނަން....." އަމީނުއާމެދު ހާރޫނުބޭގެ ޝައްކެތް ނެތެވެ. ފުރަތަމަ ނަޒަރުންވެސް އެއީ އިންސާނެއްގެ ސިފައިގައި އުޅޭ ޖިންނިއެއްކަން ހާރޫނުބެއަށް އެނގި ފާޅުވެއްޖެކަހަލައެވެ.

"ހާރޫނުބެ އެއީ އަހަރެންގެ ފިރިމީހާ އަމީނޭ...." ހާރޫނުބޭގެ ރުޅިވެރިކަން ފެނިފައި ވެގެން މިއުޅޭގޮތް ނޭނގިފައި ހުރި ސާރާ ބުންޏެވެ.

"ފިރިމީހާއޭ!؟" ސާރާއަށްވެސް އެނގޭދޯ މިއީ އިންސާނެއް ނޫންކަން." ހާރޫނުބެ ހައިރާންވިއެވެ. ސާރާގެ ދެލޯވެސް ހައިރާންކަމާއެކު ތައްމިނަށް ހުޅުވިއްޖެއެވެ.

"ކަލޭތީ ކާކުކަން ހަމަ މިހާރު ބުނެދީ....." ހާރޫނުބޭގެ އަޑު ހަރުކަށްޓެވެ. ހަމައެއާއެކު އަމީނުގެ ސިފަ ބަދަލުވެއްޖެއެވެ. އާއެކެވެ. މިހާރު އެވެރިންގެ ކުރިމަތީގައި އެހުރީއަކީ އަމީނެއް ނޫނެވެ. އެއީ އިކުލީލެވެ. ރޮއި ހަޅޭއްލަވައިގަނެވުމާއެކު ސާރާއަށް ރޮއިގަނެވުނެވެ. އަމީނުގެ މަންމައާއި ބައްޕަވެސް ރައްޓެއްސަކާ ބައްދަލުކޮށްލަން ގޮއްސަ އައިސްވަނީ އެވަގުތުއެވެ. އެމީހުންނަށްވެސް އަމީނު ބަދަލުވިތަން ފެނުނެވެ.

"އާނ. އަހަންނަކީ އަމީނެއް ނޫން. އިކްލީލު. ސާރާއަށް އުނދަގޫ ނުކުރުމަށް ވަޢުދުވި ހަނދާންވެސް އެބަހުރި....އެކަމަކު އެދުވަހުވެސް އަހަންނަށް ބުނެވުނު ކަންނޭނގެ. ސާރާ ބޯގަންވިލާ މަލާ ކައިރިނުވާށޭ. އޭގެ މަލެއްގަ އަތްލައިފިއްޔާ އެއީ އަހަރެންގެ މަތިން ހަނދާންކޮށްފަ އަންނާށޭ ބުނަނީ ކަމަށް ހީކުރާނަމޭ....އެހެންކަމުން ބުނެވޭނީ އަހަރެން ސާރާގެ ޙަޔާތަށް އަލުން އައީ ސާރާ ބުނެގެންނޭ. އަމީނު މަރާލާފައި އެސިފައިގައި ސާރާގެ ޙަޔާތަށް އައީ މަޖުބޫރުވެގެން." އިކްލީލު ހީވަނީ އިޝްޤުގައި ޖެހިފައިވާ އިންސާނެއްހެންނެވެ.

"އަމީނު.....މަރާލީއޭ....ކަލޭ....." އެނެމެންނަށް އެއްފަހަރާ ބުނެވުނެވެ.

"ކަލެއަށް ކޮންޙައްޤެއް އޮތީ އަހަރެންގެ ފިރިމީހާ މަރާލުމުގެ....." ސާރާގެ ބޮލަށް އެނބުރުން އަރަން ފެށިއެވެ. ހަސަން މަނިކު ސާރާގެ ގައިގައި ހިފެހެއްޓިއެވެ.

"ކަލޭ.....މިފަހަރު ކަލޭ އަންދާލާނީ.....ކަލެޔަށް އޮތް ނިޔާއަކީ މަރު.....ކަލޭގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެއްޖެ.....ސާރާއަށް މާހެޔޮއެދޭ މީހެއް ކަމަށް ހެދިގެން އުޅުނަސް ތިޔައީ ވިހަގަދަ ހަރުފައެއް...." ހާރޫނުބޭގެ އަޑު ބާރުވެފައި ހަރުކައްޓެވެ.

"އާދޭސް ކުރަން.....އަހަރެން މަރާނުލާ ދޫކޮށްދީ.....ދެން ދުވަހަކުވެސް އަހަރެން ސާރާއަކަށް އުނދަގުލެއް ނުކުރާނަން. ހެޔޮ ސާރާގެ ދިރިއުޅުން ބޯގަންވިލާ މަލުގެ ތެރޭގައި އާބާދުކުރިޔަސް....އަހަރެން ދެން ސާރާއަކަށް ނުވެސް ފެންނާނަން....ފެންނަ ފަށަށް ނުވެސް އަންނާނަން......" ޖިންނި އާދޭސް ކުރަމުން ދިޔައެވެ. ހާރޫނުބެ ވިސްނާލުމަށް ޚިޔާލު ހޯދީ އެތާނގަ ދެންތިބި މީހުންގެ ކިބައިންނެވެ. އޭރު އަމީނުގެ މަންމަ ޚަބަރު ހުސްވެގެން ވެއްޓުމުން އޭނާ އުފުއްލާލައިގެން އަމީނުގެ ބައްޕަ އެކޮޓަރިން ނުކުތެވެ. އޭރު އޭނާގެ ދެލޮލުންވެސް ކަރުނަ އޮހެމުން ދަނީއެވެ.

އެންމެންގެ ޚިޔާލާ އެއްގޮތަށް ޖިންނި ލައްވާ ހަތްހުވާ ކުރުވުމަށްފަހު ޖިންނި ދޫކޮށްލުމުގެ ކުރިން އޭތި އަމީނު މަރާލިގޮތާއި، އޭތި ދެވަނަފަހަރަށް ސާރާގެ ޙަޔާތަށް އަންނަން ކުރި މަސައްކަތް އޭތިލައްވާ ކިޔުއްވިއެވެ. ދެން ސާރާއަށާއި އިތުރު އެއްވެސް އިންސާނަކަށް ދުއްތުރާ ނުކުރާނެ ކަމަށް ބުނެ ހަތްފަހަރު ހުވާކޮށް ސާރާގެ ބަނޑުން އުފަންވީ ކަމުގައި ވިޔަސް، އޭތީގެ ނަސްލު ޙިއްޞާކުރާ ދަރިފުޅު ގޮވައިގެން އެންމެންގެ ލޯމަތިން އޭތި ގެއްލުނީ އެއަށްފަހުގައެވެ. އޭރު ސާރާވެސް އޮތީ ޚަބަރު ހުސްވެފައެވެ. ހޭވެރިކަން ހުރީ އެތާނގަ ތިބި ފިރިހެންވެރިން އެކަންޏެވެ. ނަމަވެސް އެއެންމެންވެސް ތިބީ އިންތިހާއަށް ބިރުގެންފައެވެ.

ނަމަވެސް ޖިންނީގެ ކިބައިން ދަރިފުޅު ސާރާ ސަލާމަތް ކުރެވި ބޯގަންވިލާއަކީވެސް ސާރާއަށްޓަކައި އަމާން އެއްޗަކަށްވީތީ ހަސަން މަނިކު ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަޖެހިފައެވެ.

ތެދެކެވެ. މިހާރު ބޯގަންވިލާ މަލަކުން ސާރާއަށް އެއްވެސް ނުރައްކަލެއް، ނާމާންކަމެއް ނެތެވެ. ދެން އާޙަޔާތެއް ފަށައިގެން ސާރާ ދިރިއުޅުން އާބާދު ކުރަންވީއެވެ. ގައިމުވެސް އިކްލީލެއް (ޖިންނިއެއް) ދެން ސާރާއަށް އުނދަގޫކުރާކަށް ނާންނާނެއެވެ. މިހާރު ސާރާއަކީ ފުރިހަމަ މިނިވަނެކެވެ. އެހެން ނަމަވެސް ބޯގަންވިލާގެ ސަބަބުން އޭނާގެ ޙަޔާތުން ބޭކާރުވެގެންދިޔަ ދުވަސްތަކުގެ މަތިން ހަނދާން ނައްތާލަން އޭނާއަށް ފިސާރި އުނދަގޫވެދާނެއެވެ.

- ނިމުނީ –

- މޫސާ ސާޢިދު މަރަދޫ -

******************

* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 117 އިން 122 ށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން