ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓު ޕޮލިސީ އަށް ސަރުކާރުން އިސްލާހު ގެނައީ އެއާޕޯޓް ހިންގުމަށް މަޖުބޫރުކޮށްގެން ދިވެހިންނަށް ފުރުސަތު ހޯދައިދޭން ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މީގެ ކުރިން ގަވާއިދު އޮންނަނީ ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓްތަށް ހިންގޭގޮތަށް ކަމަށާއި، މި ސަރުކާރުން އެއަދަދު 75 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށެވެ. އެބަދަލު ގެނައީ 25 ޕަސެންޓް ދިވެހިން މަޖުބޫރުކޮށްގެން ވެސް އެއާޕޯޓް ހިންގުމުގައި ބައިވެރިކުރުމަށް ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

" އަޅުގަނޑު ހަވާލުވަންދެން އޮތް އުސޫލަކީ 100 ޕަސެންޓް ބޭރުގެ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓްތަށް އޯންކޮށް މެނޭޖްކޮށް ހިންގޭ ގޮތަށް، އެހެން އޮއްވާ އަޅުގަނޑު އައިސް 75 ޕަސެންޓަށް ކުޑަކުރީ ދިވެހިންނަށް މަޖުބޫރު ކުރުވައިގެން ދިވެހިންގެ 25 ޕަސެންޓްވެސް ހިއްސާ ކުރުވައިގެން ދިވެހިންނަށް އެ ފުރުސަތު ހޯދައިދޭން" އިކޮންމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ފައްޔާޒު ވިދާޅުވީރީޖަނަލް އެއާޕޯޓު ކުންފުންޏެއް އުފައްދާ އޭގެ ދަށަށް އެއާޕޯޓުތައް ގެންނަން ނިންމާފައިވާ ކަމަށެވެ. މިހާރު ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓުތައް ތަރައްގީކުރުމަށް ކޯޕަރޭޓިވް މޮޑެލެއްގައި އެއާޕޯޓުތައް ހިންގުން އެއީ މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. މީގެ އިތުރުން ފައްްޔާޒް ވިދާޅުވީ، ރީޖަނަލް އެއާޕޯޓް ކުންފުނި ހަދައިގެން މި ކުންފުނި ރަނގަޅަށް ވަރުގަދަވެ، ބޮޑުވެ، މި ކުންފުންޏަކީ ކާމިޔާބު ކުންފުންޏަކަށްވާ ހިސާބުން ދިވެހި ރައްޔިތުންނަށް އެ ކުންފުނީގެ ހިއްސާ ވިއްކިދާނެ ކަމަށެވެ. ރީޖަނަލް އެއާޕޯޓުތަކުގެ އެންމެ ހިއްސާއެއް ވެސް ބޭރު ގައުމެއްގެ ކުންފުންޏަކަށް ނުދޭނެ ކަމުގެ ޔަގީން ކަން މިނިސްޓަރު ފައްޔާޒް ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން