ފޮޓޯ: ޕީއެސްއެމް
ފޮޓޯ: ޕީއެސްއެމް
އައިޖީއެމްއެޗުގައި ހިންގަމުން އައި ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލް، ގައުމީ ޔުނިވަރސިޓީގެ މައި ކެމްޕަހަށް ބަދަލުކުރަނީ ވަގުތީ ގޮތުންކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސީޓީން މިއަދު ބުނެފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލްގައި، 2018ވަނަ އަހަރު ވަނީ ގާއިމްކޮށްފައެެވެ. ނަމަވެސް މިހާރު ވަނީ މެޑިކަލް ސްކޫލްގެ ޚިދުމަތް އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލުކޮށްފައެވެ.

އެކަމާ ގުޅިގެން ގައުމީ ޔުނިވަރސިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެޑިކަލް ސްކޫލްގެ ވަސީލަތްތައް ޤައުމީ ޔުނިވަރސިޓީގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމީ، ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތް ފުޅާކޮށް ޢާއްމު ރައްޔިތުންނަށް ކަންކަން ފަސޭހަކުރުމަށް އެ ހޮސްޕިޓަލުން އިތުރު ޖާގަ ބޭނުންވާތީކަމަށެވެ. އަދި މެޑިކަލް ސްކޫލްގެ އިންތިޒާމްތައް ޔުނިވަރސިޓީގެ މައި ކެމްޕަހުގައި ހަމަޖައްސާނީ، ގެނެވޭ ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބުތަކުންދެވޭ އެއްވެސް ޚިދުމަތަކަށް ބުރޫނާރާނެގޮތަށް ކަމަށް ޔުނިވަރސިޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެކަމުގެ ވަސީލަތްތައް ޔުނިވަރސިޓީއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ޔުނިވަރސިޓީން ބުންޏެެވެ.

ޔުނިވަރސިޓީން ބުނީ ދަރިވަރުންނަށް ހޮސްޕިޓަލުން ލިބެންޖެހޭ ޢަމަލީ ތަޖުރިބާތައް ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

ޤައުމީ ޔުނިވަރސިޓީން އިތުރަށް ބުނެފައިވަނީ މެޑިކަލް ސްކޫލްގެ ޚިދުމަތް ދިނުމަށް އަޅާ ދާއިމީ ކެމްޕަހުގެ މަސައްކަތް ހުޅުމާލޭގައި ކުރިއަށްދާކަމަށެވެ. އެ މަސައްކަތް ނިމުމުން ކިޔެވުމުގެ ހުރިހާ ކަމެއް ހިންގާނީ އެ ކެމްޕަހުގައިކަމަށް ޔުނިވަސިޓީ އިން މައުލޫމާތުދެއެވެ.

ޔުނިވަރސީޓީގެ ބަޔާނުގައި އިތުރަށް ބުނީ އިންތިޒާމްތައް ހަމަޖެއްސުމުގައި ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ބުރުލެއް ނާރާގޮތަށް ކުރިއަށްގެންދިއުމަށް އިސްކަންދޭ ކަމަށެވެ. އަދި އާއްމުންގެ މަސްލަހަތާ ގުޅިފައިވާ މިފަދަ ކަންކަމުގައި ޙަޤީގަތް އޮޅޭގޮތަށް ޚަބަރު ނުފެތުރުމަށް އެދޭ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން