ޖެންޑަރ މިނިސްޓަރ ޢައިޝަތު މުޙައްމަދު ދީދީ
ޖެންޑަރ މިނިސްޓަރ ޢައިޝަތު މުޙައްމަދު ދީދީ
ދުވަސްވީ މީހުންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

މިއަދު ފާހަގަކުރަމުންދާ "ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންނަށްކުރާ އަނިޔާއާއި ދެކޮޅަށް ހޭލުންތެރިކުރުމުގެ ދުވަހުގެ" މުނާސަބަތުގައި މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އުމުރުން ދުވަސްވީ ފަރާތްތަކަށް މުޖުތަމަޢުގެ ތެރޭގައި ޚާއްސަ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މުޖުތަމަޢުގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށެވެ. އެހެންކަމުން އުމުރުން ދުވަސްވީ ފަރާތްތަކަށް ކޮންމެ މީހަކުވެސް ކަމޭހިތައި އަދަބުވެރިކަމާ އޯގާތެރިކަމާއެކު މުޢާމަލާތު ކުރުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ދުވަސް ބައިނަލްއަޤްވާމީ ފެންވަރެއްގައި ފާހަގަ ކުރެވެނީ އުމުރުން ދުވަސްވީ ފަރާތްތަކަށް ލިބޭ ގޯނާއާއި ހާނިއްކައާއި ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކުން އެފަރާތްތައް ރައްކާތެރިކުރުމަށް ބާރު އެޅުމުގެ ގޮތުންނާއި އުމުރުން ދުވަސްވީ ފަރާތްތަކަށް ކުރިމަތިވާ ތަފާތު މައްސަލަ ތަކާމެދު މުޖުތަމަޢުގައި ހޭލުންތެރިކަން އުފެއްދުމަށް މަސައްކަތް ކުރުމަށެވެ.

"އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީހިނދު އަޅުގަނޑުމެންގެ އުމުރުން ދުވަސްވީ މަންމައިންނާއި ބައްޕައިންނާއި، މާމައިންނާއި، ކާފައިންނަށް ހެޔޮކަށް ހިތައި، ރައްކާތެރިކަމާ އަބުރުވެރިކަމާއެކު، ކަރާމާތްތެރި ދިރިއުޅުމެއް އެފަރާތްތަކަށް ދިރިއުޅެވޭނޭ މަގު ތަނަވަސްކޮށް ދިނުމަކީ މުސްލިމުންގެ ޙައިޘިއްޔަތުންވެސް އަޅުގަނޑުމެން އަދާކުރަންޖެހޭ ޒިންމާއެކެވެ." ޖެންޑަރ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އުމުރުން ދުވަސްވީ ފަރާތްތަކަށް ރާއްޖޭގައިވެސް ތަފާތު ނަފްސާނީ ޖިސްމާނީ އަދި ޖިންސީ އަނިޔާ ލިބުމަކީ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން އުމުރުން ދުވަސްވީ ފަރާތްތަކަށް މުޖުތަމަޢުގެ ތެރެއިން ދިމާވާ މިފަދާ އަނިޔާވެރި ޢަމަލު ތަކުން ސަލާމަތްކޮށް އިންސާފު ހޯދައި ދިނުމަކީ އުމުރުން ދުވަސްވީ ފަރާތްތަކަށް ލިބިގެންވާ އިންސާނީ ވަރަށް މުހިއްމު ޙައްގެއް ކަމަށާއި، އަދި މިއީ މުޖުތަމަޢުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމުގައި މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އުމުރުން ދުވަސްވީ ފަރާތްތަކަށް މުޅިދުނިޔޭގައި ތަފާތު ގޮންޖެހުންތަކާ ދިމާވަމުންދާކަމަށާއި މިގޮތުން ނަފްސާނީ އުނދަގޫތަކާއި އިޤްތިސާދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ހިމެނޭކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. ހަމައެހެންމެ ކޯވިޑް-19ގެ ސީދާ އަސަރު އެންމެ ބޮޑަށް ކުރާ ފަރާތްތަކުގެ ތެރޭގައި އުމުރުން ދުވަސްވީ ފަރާތްތައް ގިނަ ކަމަށާއި، އެހެންކަމުން ކޮވިޑްގެ ނުރައްކާތެރިކަމުން އުމުރުން ދުވަސްވީ މީހުން ރައްކާތެރިކުރުމަށް ކޮންމެ އާއިލާއަކުންވެސް މުހިއްމު މަސައްކަތްތަކެއް މި ދަނޑިވަޅުގައި ކުރުމަށް މިނިސްޓްރީގެ ބަޔާނުގައި ގޮވާލާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން