ފެނަކައިގެ މުވައްޒަފުންތަކެއް
ފެނަކައިގެ މުވައްޒަފުންތަކެއް
ފެނަކައާއި ދެކޮޅަށް ހުށައަޅާފައިވާ ކޮރަޕްޝަންގެ މައްސަލަތައް އަވަހަށް ބަލައި ނިންމައިދިނުމަށް އެ ކުންފުނިން ގޮވާލައިފިއެވެ.

ފެނަކައިން އެކަމަށް ގޮވާލާފައިވަނީ މިއަދު އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައެވެ. މި ނޫސްބަޔާނުގައި ފެނަކައިން ވަނީ ވީހާވެސް އަވަހަކަށް އެ ކުންފުންޏާއި މެދު ހުށައެޅިފައިވާ މައްސަލަތައް ތަހުގީގުކޮށް ނިންމާލަން މިނިވަން މުއައްސަސާތަކަށް ގޮވާލާފައެވެ.

ފެނަކައިން ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާކަމަށްބުނެ އެ ކުންފުންޏާ ދެކޮޅަށް އެތައް މައްސަލައެއް އޭސީސީއަށް ހުށައަޅައި އެ މައްސަލަތައް އޭސީސީން ދަނީ ތަހުޤީޤު ކުރަމުންނެވެ. އަދި ދާދި ފަހުން ރައީސް ޞާލިޙްވެސް ވިދާޅުވެފައިވަނީ ފެނަކައާއި ގުޅުންހުރި ގިނަ ކަންތައްތަކެއް އިސްލާޙު ކުރުމަށް އެ ކުންފުންޏަށް މިހާރު އަންގާފައިވާ ކަމަށެވެ،

ފެނަކައަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް އެކުންފުނިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ފެނަކައިގެ ހިންގުމަށް މިހާރުގެ މެނޭޖްމަންޓުން ގެނެސްފައިވާ ހަރުދަނާ ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ލިބިފައިވާ މި ދަނޑިވަޅުގައި ބައެއް މީޑިޔާތަކުން އެ ކުންފުނިން ދޭ ހިދުމަތްތަކާއި އަދި ކުރާ ކަންކަމާއިމެދު ލިޔެ އާންމު ކުރަމުންދާ ހަގީގާތާއި ހިލާފު ލިޔުންތަކުގެ ސަބަބުން އެކުންފުންޏާއިމެދު ރައްޔިތުންގެ އޮތް އިތުބާރަށް ބުރޫއަރައި، އެ ކުންފުނީގެ ކުށެއްނެތް މުވައްޒަފުންނާއި މެނޭޖްމަންޓުގެ އަގުވެއްޓެމުންދާ ދިއުން ކުށްވެރިކުރާ ކަމަށެވެ. އަދި ސިޔާސީ ގޮތުންނާއި ޒާތީ ގޮތުން ހިންގާ މިފަދަ އަމަލުތައް ވަގުތުން ހުއްޓާލުމަށް ފެނަކައިން ވަނީ ގޮވާލާފައެވެ.

"2019 ވަނަ އަހަރުގެ ކުރިން މި ކުންފުނީގައި ހިންގަމުންދިޔަ ނޭއްގާނީ ޢަމަލުތައް ހުއްޓުވުމަށް އެޅިފައިވީ ހަރުދަނާފިޔަވަޅުތަކާއި، ގެނެވިފައިވީ އިސްލާހީ ހެޔޮ ބަދަލުގެ ސަބަބުން އެފަދަ ފުރުޞަތު މިހާރު ލިބެން ނެތަތީ، އެކަންކަމާއި ޙަސަދަވެރިވެ ކުންފުންޏާއި އަދި ކުންފުނީގެ ހީވާގި މުވައްޒަފުން ހިމެނޭ ގޮތުން ވެރިންގެ އަގުވައްޓާލުމަށް ހަޤީޤަތާއި ޚިލާފު ވާހަކަތައް ލިޔެ ޢާއްމު ކުރުމަކީ އެންމެ ޒިންމާދާރުކަން ކަމުގައި މިކުންފުނީން ނުދެކެމެވެ." ފެނަކައިން ބުނެއެވެ.

ފެނަކައިން އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ކުންފުނިން އެއްވެެސް ހާލެއްގައި މިނިވަން މުއައްސަސާ އަކަށް ހުށައެޅިފައިވާ މައްސަލައަކާއި ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ނައްތާނުލާނެ ކަމަށާއި ކަމާއި ބެހޭ ލިޔެކިޔުމަށް ބަދަލެއްގެނެސް ކަމުން ސަލާމަތް ވާން މަސައްކަތް ނުކުރާނެކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ފެނަކައިން އެއްވެސް މިންވަރަކަށް ކޮރަޕްޝަނާއި ފަސާދާއިގެ މުޑުދާރު އަމަލެއް ނުހިންގާނެކަމަށާއި އެ ކުންފުނިން އަބަދުވެސް ދެމިތިބޭނީ އިހުލާސްތެރިކަމާއި، ތެދުވެރިކަމާއި އެކު ރައްޔިތުންގެ ހިދުމަތުގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން