ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ބޮމުގެ ހަމަލާއަށް ފަހު މިހާރު ޖަރުމަން ވިލާތުގައި ބޭސްފަރުވާ ހޯއްދަވަމުން ގެންދަވާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފައިންޕުޅުގެ އިތުރު އޮޕަރޭޝަނެއް ކޮށްފައިވާކަން އާއިލާއިން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 6 މޭ ގައި ދިން ޓެރަރިސްޓް ޙަމަލާގައި ލިބިވަޑައިގެންނެވި ބޮޑެތި ޒަޙަމްތަކާއި އަނިޔާތަކާ ގުޅިގެން އެމަނިކުފާނު ވަނީ އޭޑީކޭގައި 16 ގަޑިއިރުވަންދެން ގިނަ ސަރޖަރީ ތަކެއް ހައްދަވާފައެވެ. އޭގެ ފަހުން ފަރުވާ ހޯއްދެވުމަށް ޖަރުމަން ވިލާތަށް ވަޑައިގެން އެޤައުމުގެ މިލިޓަރީ ހޮސްޕިޓަލަކުން އެމަނިކުފާނު މިހާރު ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ.

ރައީސް ނަޝީދުގެ ފަރުވާގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން އެމަނިކުފާނުގެ ކޮއޮކޯފުޅު ނާޒިމް އަބްދުއްސައްތާރު މިއަދު ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ފައިންޕުޅުގެ އޮޕަރޭޝަނެއް ކުރައްވަމުން އަންނަކަމަށެވެ. އެހެންނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ދެއްވާފައެއްނުވެއެވެ. މި މަހުގެ 11 ވަނަ ދުވަހުވެސް ރައީސް ނަޝީދު ވަނީ ފައިންޕުޅުގެ އޮޕަރޭޝަނެއް ކުރަށްވާފައެވެ.



ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ހަމަލާއަށް މިއަދަށް 43 ދުވަސް ވެފައިވާއިރު އެ ހަމަލާގެ ތަހުގީގުގެ މާބޮޑު ތަފުސީލުގެ ތަކެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.

ހަމަލާއާއި ގުޅިގެން ހައްޔަރުކުރެވުނު ފަސްވަނަ މީހާގެ މައުލޫމާތު ވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން މީގެ ކުރިން ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.

ރައީސް ނަޝީދުގެ ތަހުޤީޤާއި ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރެވިގެން 6 މެއި ގައި ދިން ޓެރަރިސްޓް ހަމަލާއާއިގުޅޭ ތަހުގީގު، "ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދަނީ ވަރަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފައާއި އެއްގޮތަށް" ކަމަށެވެ. އެހެން ކަމުން ހަމަލާއާގުޅޭ ކުޑަ މައުލޫމާތެއް ވިޔަސް އަދި ގިނަ މައުލޫމާތެއް ކަމުގައިވިޔަސް، އެއްވެސް ފަރާތަކަށް އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާކުރުމަށް އެމްސީ ހަމީދު އެދިވަޑައިގެންފައި ވެއެވެ.

މި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ހަމަލާދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަތުމަށް ވަޑައިގެންނެވި ވަގުތާއި ދިމާކޮށެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދީފައިވަނީ އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން