08 ވަނަ ބައި
................
ތޮލާލްއާއި ސާރާ ހިނގަމުން ހިނގަމުންގޮސް ހުއްޓުނީ ލޮނުޒިޔާރަތްކޮޅު ތޮށިގަނޑު ކައިރިއަށެވެ. އެއީ ބައެއް މީހުން ދެކޭގޮތުގައި ލޯބިވެރިންގެ މަންޒިލެކެވެ. އަނެއްބަޔަކު އެއީ ނާމާން ތަނެއްގެ ގޮތުގައިވެސް ސިފަކުރެއެވެ. ނަމަވެސް ލޯބީގެ އާރުން ފެންބޮއިގެން އުޅޭ ދެބައިވެރިއަކު ވެއްޖެއްޔާ އެތަން ސިފަކުރަނީ އެމީހުންގެ ބަގީޗާއެއްގެ ގޮތުގައެވެ.
"އާދޭ މިތާނގަ އިށީންނަން.....ކިހާ ރީތި ހިތްގައިމު ތަނެއް....." ތޮށިގަނޑު މަތީގައި އިށީންނަމުން ތޮލާލު ބުންޏެވެ. ސާރާ ތޮލާލާ ޖެހި ފިތިގެން ކަހަލަ ގޮތަކަށް އިށީނދެއްޖެއެވެ. އެވަގުތު ތޮލާލު އޭނާ ލައިގެން ހުރި ފަޓްލޫނުގެ ޖީބަށް އަތްކޮއްޕާލިއެވެ. ޖީބުން ކޮންމެވެސް އެއްޗެއް ނަގަން އުޅޭފަދަ ގޮތަކަށެވެ.
"ކޯއްޗެއް؟" ތޮލާލުގެ ޙަރަކާތަށް ބަލަން އިނދެފައި ސާރާ އެހިއެވެ. އެހިނދު ތޮލާލު ޖީބުން ނެގީ ބޯގަންވިލާ މާކޯޅިއެކެވެ. އެއީ ތޮލާލަށް އެންމެ ރީތި މަލެވެ.
"މިއީ އަހަންނަށް އެންމެ ރީތި މާ...އެހެންވެ މިއުފާވެރި ރޭވެސް މިވައްތަރުގެ މަލެއް އަހަރެން ޚިޔާރުކުރީ...." ތޮލާލު ކުރިއަށްވުރެންވެސް ސާރާއާ ގާތަށް ޖެހިލިއެވެ. އެއަށްފަހު އޭނާ އެމާކޯޅި ސާރާގެ ކަނދުރާގައާއި ކޯތާފަތުގައި ކާއްތާލިއެވެ. އެހިނދު ސާރާއަށް މަސްތީ އަސަރަކާއެކު ދެލޯ މަރާލެވުނެވެ. އެވަގުތު އެމަލުން ވަރުގަދަ އައްޔެއް ވިދައިގަތްތަން ތޮލާލަށް ފެނުމާއެކު އޭނާގެ ދެލޯ ބޮޑުވެއްޖެއެވެ. ފެނުނު އެމަންޒަރާއެކު އިސާހިތަކު އޭނާގެ ބޮލަށް އެނބުރުން އަރަން ފަށައިފިއެވެ. އެއިރުވެސް ސާރާ އިނީ މަސްތީ އިޙްސާސަކާއެކު ދެލޯ މަރައިގެންނެވެ.
ދެން އޭނާ ލޯ ހުޅުވިއިރު މަންޒަރުވަނީ ބަދަލުވެފައެވެ. އޭނާގެ ކުރިމަތީގައި ކަހަލަ ގޮތަކަށް އޭނާއަށް ފުރަގަސްދީގެން ހުރީ ހުދުހެދުމުގައި ހުރި ފިރިހެނެކެވެ. ތޮލާލެއް ފެންނާކަށް ނެތެވެ. ތޮލާލު ގެންގުޅުނު މާކޯޅި މޯޅިވެ ފަތްތައް ހިކިފައި ބިންމަތީގައި އޮތެވެ.
"ކާކު.....؟" ސާރާ ވަށައިގެން ކަޅި އުކަމުން އޭނާއަށް ފުރަގަސްދީގެން ހުރި މީހާއާ މުޚާތަބު ކުރިއެވެ.
"އަހަންނަކީ އިކްލީލް....ސާރާ އަހަރެންގެ ހަނދާންތައް އާކުރީމަ...." އިކްލީލު ކުޑަކޮށް ކުރިއަށް ޖެހިލިއެވެ.
"އިކުލީލޭ....!؟" ސާރާއަކަށް ނުވިސްނުނެވެ. ހަމައެއާއެކު އިކްލީލް ސާރާއާ ދިމާއަށް އެނބުރި ސާރާއާ ކުރިމަތިލިއެވެ. ހަމައެއާއެކު ސާރާއަށް ބިރުން ހަޅޭއްލަވައިގަނެވުނެވެ. އޭނާގެ ކުރިމަތީގައި އެހުރީ އިންސާނެއް ނޫނެވެ. އެއީ ބިރުވެރި ސިފައެއްގައިވާ ޖިންނިއެކެވެ. ދެލޯވެސް ހީވަނީ އަލިފާން އަނގުރުކޮޅެއް ހެންނެވެ. އިންސާނަކާ ފާޑީ އޭތީގެ ހަށިގަނޑު އެކަންޏެވެ. އިސާހިތަކު ސާރާ ބިރުން ތުރުތުރު އަޅަން ފަށައިފިއެވެ. އޭނާ އެހީއަކަށް އެދި ގޮވަންވެސް ފެށިއެވެ.
"ކާކުތީ؟ ކޮބާތަ ތޮލާލު....؟" ސާރާ ބިރުގެންފައި ހުރެ ވަށައިގެން އެނބުރި ހޯދަން ފަށައިފިއެވެ. ބިރުވެރި ސިފައިގައި ހުރި އިކްލީލް ނާމާން ޒާތަކަށް ހެމުން ކުރިއަށް ހިނގައިގަތީ ސާރާ ކުރި އެއްވެސް ސުވާލަކަށް ޖަވާބު ދިނުމެއް ނެތިއެވެ. އޭތިގޮސް އޭނާގެ ލޯމަތިން ގެއްލެންދެން ކަޅިވެސް ޖަހާނުލާ އޭނާހުރީ އެދިމާއަށް ބަލަހައްޓަކައިގެންނެވެ.
"ތޮލާލު...." އޭތި ލޯމަތިން ގެއްލުމާއެކު ސާރާ ތޮލާލަށް ގޮވަން ފަށައިފިއެވެ. އެއާއެކު އޭނާއާ ދާދިގާތުން މީހަކު ކުކުރާލި އަޑު ސާރާގެ ކަންފަތުގައި ޖެހިއްޖެއެވެ. އޭނާ ސިއްސައިގެންދާ ފަދަ ގޮތަކަށް އެއަޑު އިވުނު ދިމާއަށް އެނބުރުނެވެ. އެނބުރިލެވުމާއެކު ދެންވެސް އޭނާއަށް ލިބުނީ ހައިރާންކަމެކެވެ.
އޭނާގެ ފައިދަށުގައި ކަހަލަ ގޮތަކަށް ބިންމަތީގައި އޮތީ ތޮލާލެވެ. އޭނާ އޮތީ ހޭނެތިފައެވެ. ސާރާ އަވަސް އަވަހަށް ތޮލާލާ ދިމާއަށް ގުދުވެލިއެވެ.
"މަންމާ....މަންމާ....." އެވަގުތު ތޮލާލުގެ ތުންފަތް ތެޅިލިއެވެ.
"ތޮލާ.....ތޮލާ.....ތެދުވެބަލަ.....ކިހިނެއްވެފަ ތިއޮތީ." ވަރުބަލިކަމާއެކު ތޮލާލު ދެލޯ ހުޅުވިއެވެ.
"ކާކު....ކޮންތަނެއް މިއީ؟" ދެލޯ ހުޅުވުމާއެކު ހައިރާންކަމުން ފުރިފައިވާ އަޑަކުން ތޮލާލަށް އެހުނެވެ.
"ތޮލާ މިއީ އަހަންނޭ.....ސާރާ...ތޮލާއަށް ކިހިނެއްތަވީ؟" ސާރާ ތޮލާލުގެ އަތުގައި ހިފައިގެން އޭނާ ތެދުކުރުވިއެވެ. އެއިރުވެސް ތޮލާލު އިނީ ހައިރާންވެފައި ސާރާގެ މޫނަށް ބަލަހައްޓައިގެންނެވެ.
"ސާރާއޭ!؟" ކޮން ސާރާއެއް؟ ނޭނގުނު.....ނުވިސްނުނު....." ތޮލާލު ކޮއްޅަށް ތެދުވެއްޖެއެވެ.
"ކޮން ސާރާއެއްހޭ، މިއީ ތޮލާލުގެ އަނބިމީހާ ސާރާ....." ސާރާ ތޮލާލުގެ އަތުގައި ހިފެހެއްޓިއެވެ. ހައިރާންވެފައި ކަހަލަ ގޮތަކަށް ތޮލާލު ސާރާގެ މޫނަށް ބަލައިލިއެވެ. "އަނބިމީހާ ސާރާއޭ....ތިއީ އަހަރެންގެ އަންބެއް ނޫން. ތިޔައީ އަހަރެން ދަންނަ މީހެއްވެސް ނޫން..." ތޮލާލު ސާރާގެ އަތް ފޮޅުވާލުމަށްފަހު ހިނގައިގަތެވެ. ސާރާއަށް ރޮއިގަނެވުނެވެ. ތޮލާލު އެދިޔައީ ސާރާއަކީ އޭނާ ނުވެސް ދަންނަ މީހެއް ކަމަށް ބުނެފައެވެ. އަޖައިބެކެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭނާ އެބަދަލުވީ ކީއްވެގެން ހެއްޔެވެ؟ ހަގީގަތުގައިވެސް ތޮލާލު އެބުނީ ތެދެކެވެ. އޭނާ އަނބުރައިގަނެގެން ވެއްޓުމުގެ ކުރިން ސާރާ އެނގުނަސް މިހާރު ކުރީގެ އެއްވެސް ހަނދާނެއް އޭނާގެ ސިކުނޑިއަކު ނެތެވެ. ކުރީގެ ހުރިހާ ހަނދާންތަކެއްވަނީ ފޮހެވިފައެވެ.
އެރޭ ސާރާ ރޮމުން ރޮމުން ދިޔައީ އޭނާގެ ގެއަށެވެ. ގެއަށް ވަނުމާއެކު މަންމައާއި ބައްޕަ އޭނާ ވަށާލިއެވެ.
"ކިހިނެއްވީ ދަރިފުޅާ....." މަންމަ ހުސްނާ އައިސް ސާރާގެ ކޮނޑުގައި ހިފަހައްޓާލިއެވެ.
ސާރާ ރޮއިރޮއިފައި މަންމަމެނަށް ކަންތައްވީގޮތް ކިޔާދިނެވެ. ހުސްނާއަށާއި އިސްމާޢީލް މަނިކަށްވެސް އެވާހަކަ ގަބޫލުކުރަން ދަތިވިއެވެ.
"އަނެއްކާވެސް........މިހާރު ކޮބާތަ ތޮލާލު؟..." އިސްމާޢީލް މަނިކު އެއްސެވެ. އެއިރުވެސް ސާރާގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަފައިބާ ހުއްޓެވެ.
"އޭނާ އަހަރެންގެ އެއްވެސް ވާހަކައެއް އަޑެއް ނޭހި. އަހަރެން އާދޭވެސް ކުރިން. އެކަމަކުވެސް އޭނާ އަހަރެން ތޮށިގަނޑުމައްޗަށް އެކަނި ދޫކޮށްލާފައި ހިނގައްޖެ." ސާރާގެ އަޑު ބެދެން ފެށިއެވެ.
"ދަރިފުޅު ހިތްވަރުކުރޭ. ބައްޕަ މިދަނީ ތޮލާލު ބަލާ......" ސާރާއަށް ހިތްވަރު ދިނުމަށްފަހު އިސްމާއީލް މަނިކު ގެއިން ނުކުތެވެ. ސާރާ ހުސްނާގެ ކޮނޑުގައި ބޯއަޅާލިއެވެ.
"މިރޭ ވާނެ އަހަރެންގެ ޙަޔާތުގައި އެންމެބޮޑު އުފަލެއް ޙިއްސާކުރި ރެއަކަށް.....މިރެއަކީ އަހަންނަށް އަހަރެންގެ ލޯބި މިލްކުވީރޭ......" ރީޝާއާއި އަމީން ވާހަކަ ދައްކަން ތިބީ އަމީންގެ ކޮޓަރީގައެވެ. ތެދެކެވެ. އަމީންގެ ފަރާތުން ހުރިހާ އުފަލެއް އޭނާއަށް ލިބި އޭގެ ހިތްހަމަޖެހުމާއި އަރާމު އިޙްސާސްވިރެއެވެ. ދިގު އިންތިޒާރަކަށްފަހުގައެވެ.
"މިއީ އަހަރެންގެ ޙަޔާތަށްވެސް އަދި އައި އެންމެ އުފާވެރިރޭ." އަމީންވެސް ރީޝާގެ ވާހަކައާ ގުޅުވައިގެން ބުންޏެވެ. އެރޭ ފާއިތުވީ އެދެމަފިރިން ލޯބީގެ އިބާރާތްތަކުން ވަޢުދުތަކާއި އަހުދުތައް ވުމުގައެވެ.
އެރޭ ސާރާ ހޭދަކުރީ ރުއިމާއި ގިސްލުމުގައެވެ. އެރޭ އޭނާގެ ބައްޕަ ކުރި މަސައްކަތުންވެސް ތޮލާލުވީ ތަނެއް ނުހޯދުނެވެ.
"އޭނަ ކޮންތާކަށްބާ އެދިޔައީ......ގެއަކަށްވެސް ނާދެޔޯ އަދިވެސް....." އިސްމާޢިލް މަނިކު ހުސްނާއާ ވާހަކަ ދެއްކީ ޖެހިގެން އައި ދުވަހު ހެނދުނުއެވެ. އޭރު އަދި ސާރާ ނުހޭލައެވެ.
"އެމަންޖެ ހޭލުމުގެ ކުރިން އަދިވެސް އޭނަ ފެނޭތޯ ގޮސްބަލަ." ހުސްނާ މަޝްވަރާ ދިނެވެ. އިސްމާޢީލް މަނިކު ހިނގައިގަތެވެ. ހުސްނާއާއި އިސްމާޢީލް މަނިކުވަނީ އިންތިހާއަށް ކަންބޮޑުވެފައެވެ. ސާރާ މީގެ އަހަރު ދުވަސްކުރިން ޙިއްޞާކުރި ބަލި އަލުން އިޔާދަވެދާނެ ކަމުގެ ބިރު އެމީހުންނަށް ހީވަނީއެވެ. އެއީ ހިތްދަތި މާޒީއެކެވެ. އެމާޒީ އަލުން އިޔާދަވާކަށް ފަހަރެއްގައިވެސް އެމީހުން ބޭނުމެއް ނޫނެވެ.
އެދުވަހު އިސްމާއީލް މަނިކަށް ތޮލާލު ފެނުނީ އާހާބަރު ކަޑައެއްގައި ސައިބޯން އިންދައެވެ. ތޮލާލު ފެނުމާއެކު އިސްމާޢީލް މަނިކު އައިސް އޭނާގެ ކުރިމަތީގައި ކަހަލަ ގޮތަކަށް ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ.
"ތޮލާލު........" އިސްމާޢީލް މަނިކު ތޮލާލުގެ ސަމާލުކަމަށް އެދި ގޮވާލިއެވެ. ތޮލާލު އިސްމާޢީލް މަނިކުގެ މޫނަށް ބަލައިލިއެވެ. ނުވެސް ދަންނަ މީހަކު ގޮވާލީމާ ބަލައިލާފަދަ ގޮތަކަށެވެ.
"ދަރިފުޅާ ތޮލާލު ރޭގަ ކޮންތާކުތަ އުޅުނީ؟" އިސްމާޢީލް މަނިކު ތޮލާލުގެ މޫނާ ދިމާވާ ގޮތަށް މޭޒުމަތީގައި ހުރި ފެންޖަގު އެއްފަރާތަށް ޖައްސާލަމުން ބުންޏެވެ. ޖަވާބުގައި ތޮލާލު ނުދަންނަ މީހަކު ހީނލާފަދަ ގޮތަކަށް ހީނލިއެވެ.
"ކާކު!" ބޭބެ ތިކިޔާ އެއްޗެއް ނުވިސްނުނު." ތޮލާލު ކަޅިޖަހާނުލާ އިސްމާއީލް މަނިކުގެ މޫނަށް ބަލަމުން ދިޔައެވެ. ތޮލާލުގެ ވާހަކަ ހުރިގޮތުން އިސްމާއީލް މަނިކަށް ލިބުނީ ޝޮކެކެވެ.
"ދަރިފުޅާ......ކާކުހޭ މީ؟ މިއީ ދަރިފުޅުގެ އަންހެނުން ސާރާގެ ބައްޕަ.......ހިނގާ ގެއަށްދާން......" ކުއްލިއަކަށް ވެގެން އުޅޭގޮތް ވިސްނުމުން އިސްމާޢީލް މަނިކު އޯގާތެރިވިއެވެ.
"ސާރާއޭ. އަހަރެންގެ ނުހުންނާނެ ސާރާ ކިޔާ އަންބެތް.....ބޭބެ ތިއުޅެނީ އަހަރެން މޮޔަހައްދަން. އިސްމާޢީލް މަނިކު މާޔޫސްވިއެވެ. އޭނާ ގޮތް ހުސްވި ކަހަލައެވެ.
"މޮޔަ ހައްދަނީކީނޫނޭ......އާދޭސް ކުރަން އަހަންނާއެކު ހިނގާބަލަ ގެއަށް....." އިސްމާޢީލް މަނިކު އާދޭސްކުރިއެވެ. އެއީ މީގެކުރިން ދުވަހަކުވެސް އޭނާ ކުރިކަމެއް ނޫނެވެ. އެހެން ނަމަވެސް ލޯބިވާ ދަރިފުޅުގެ ޙައްޤުގައި އާދޭސްކުރަން އޭނާއަށް މަޖުބޫރުވެސްވިއެވެ.
އިސްމާޢީލް މަނިކުގެ ވާހަކަ ހުރިގޮތުން ކުރީގެ ހުރިހާ ހަނދާންތަކެއްހެން ފޮހެވި ސިކުނޑި މުޅިން އާ މީހެއްގެ މިސާލުގައިވާ ތޮލާލަށް ހީވީ އޭނާ މޮޔަވީ ކަމަށެވެ. އެހެންވެ އޭނާ ބޭނުންވީ މޮޔަކަމަށް ހީކުރެވުނު އިސްމާޢީލް މަނިކު މޮޔަ ހައްދާލާށެވެ.
"ބޭބެގެ ދަރިފުޅުގެ ފިރިމީހާ އަހަންނާ ވައްތަރީތަ؟" ހީނ ހީނފައި ތޮލާލު އެއްސެވެ. އިސްމާޢީލް މަނިކަށް ބޭއިޚްތިޔާރުގައި ބޯހޫރާލެވުނެވެ.
"ދަރިފުޅު ހިނގާ ޑޮކްޓަރަށް ދައްކަން....ދަރިފުޅު ރަނގަޅެއް ނޫން....ބައްޕަގެ ކުރިމަތީގައި ދަރިފުޅު ތިދައްކަނީ މާހަމަޖެހޭ ވާހަކަތެއް ނޫން." އިސްމާޢީލް މަނިކު ތޮލާލުގެ އަތުގައި ހިފަހައްޓާލިއެވެ.
"ބޭބެ ގެއަށްދޭ އަހަރެން ވަރަށް އަވަހަށް ގެއަށް ދާނަން." ތޮލާލު އޭނާގެ އަތުން ވީއްލިގަތުމަށްފަހު ހިނގައިގަތެވެ. ފަހަތުން އިސްމާޢީލް މަނިކުވެސް ހިނގައިގަތެވެ. އިސްމާޢީލް މަނިކު ފަހަތުން އަޅުވާލީމާ ތޮލާލު ބިރުވެސްގަތެވެ. އޭނާ ހީކުރިއެވެ. ކޮންމެވެސް މޮޔައަކު އޭނާ ފަހަތުން އަވަލައިގެން އުޅެނީއެވެ. ހިތަށް އެރިއެވެ. އެމީހާގެ ކިބައިން ސަލާމަތްވާންވީއެވެ. މިހެން ހިތަށް އެރުމާއެކު އޭނާ ހިނގުން ބާރުކޮށް ކުރިމަތީގައި އޮތް ގޯޅި އަށް އެޅިއެވެ. ނަތީޖާއަކަށްވީ އިސާހިތަކު އިސްމާޢީލް މަނިކަށް އޭނާ ގެއްލުމެވެ.
ތޮލާލު އެދިޔަގޮތަށް ގޮސްވަނީ އޭނާގެ ގެއަށެވެ. ގެއަށް ވަންއިރު އޭނާގެ މަންމަ ސަމީރާ އޭނާއާއި ސާރާ ވީތަނެއް ނޭނގިގެން ތެޅިފޮޅެނީއެވެ.
"ދަރިފުޅާ ކޮންތާކުން ތިއައީ.......ކޮބާތަ ސާރާ....." ސަމީރާ ތޮލާލުގެ ފަހަތުން އިތުރު މީހަކު ވަދޭތޯ ފަހަތަށް ބަލަން ހުރެފައި އެއްސެވެ.
"މަންމަވެސް ސާރާއެއްގެ ވާހަކަ. ކޮން ސާރާއެއްތަ؟" ތޮލާލު މަންމަގާތު އެއްސެވެ. ސަމީރާގެ ދެލޯ ބޮޑުވިއެވެ.
"ދަރިފުޅުގެ އަންހެނުންގެ ވާހަކަ. ސާރާ ރޭގައި ދިޔައީ ދަރިފުޅާއެކުގައެއް ނޫންތަ؟" ޖަވާބު ދިނުމަށް އޭނާވެސް ސުވާލެއް ކޮށްލިއެވެ.
"އަހަރެންގެ އަންހެނުންނޭ......އަހަރެންގެ އަންބެތް ނުހުންނާނެ....މަންމަވެސް ދައްކަފާނެ ކޮންމެފަދަ ވާހަކައެއްވެސް." ތޮލާލަށްވީ މަޖަލަކަށެވެ. އޭނާ ސީރިއަސްއެއްނުވިއެވެ.
"ދަރިފުޅާ ސާރާ ވަރިކުރީތަ؟" ސަމީރާގެ އަނގަޔާއެކު ލޯވެސް ތައްމިނަށް ހުޅުވުނެވެ.
"އާނ....ތިބުނާ މީހަކާ އިނިއްޔާ ވަރިވެސްވެއްޖެ." ތޮލާލު ބޯކަހަމުން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ފަހަތުން ދާން އުޅެފައި ސަމީރާ މެދުގޭތެރޭ އުނދޯލީގައި އިށީނދެއްޖެއެވެ. އެވަގުތު ފޯނު ރިންގްވާން ފެށިއެވެ. ސަމީރާ ތެދުވެގެންގޮސް ފޯނު ނެގިއެވެ. އެގުޅީ ސާރާގެ މަންމަ ހުސްނާއެވެ.
"ސަމީރާ ތޮލާލު އަތުވެއްޖެތަ؟" ހުސްނާ ވާހަކަދެއްކީ އަވަސްއަރައިގެންފައި ހުރެއެވެ. އެކަން އެނގެނީ އޭނާގެ އަޑު އައި ގޮތުންނެވެ.
"އާނ....ސާރާ ކޮބައިތަ؟" ޖަވާބުދިނުމަށްފަހު ސަމީރާ އެއްސެވެ.
"ކިހިނެއްބާއެވީ؟ އެސޮރު ގާތު ނާހަންތަ ސާރާ ކޮބައިހޭ؟" ޖަވާބު ދިނުމުގެ ބަދަލުގައި އޭނާއަށްވެސް ކުރެވުނީ ސުވާލެކެވެ.
"އަހަރެން ނާހާނެތަ؟ ހުސްނާ.......އެސޮރު އެހުރީ މުޅިން ބަދަލުވެފައި.....ބުނި އަންބަކު ނުހުންނާނެޔޯ. ވަރިވެސް ކޮށްފީމޯ." ސަމީރާ ނިކަން ދެރަވެއްޖެއެވެ. އެއީ އޭނާގެ ދަރިފުޅުގެ ކިބައިން އޭނާ ދެކެން ބޭނުންވި ސިފައެއް ނޫނެވެ.
"ވަރިކުރީތާދޯ؟ އަހަރެމެން ހީކުރިގޮތަކަށް ނޫންތާ މިވީ....." ފޯން ކޯލަށްފަހު ހުސްނާ އިސްމާޢީލް މަނިކާ ވާހަކަ ދެއްކިއެވެ. އިސްމާޢީލް މަނިކު ހުރީ ވަރަށް ފިކުރު ބޮޑުވެފައެވެ. އެއީ ރޮމުން ސާރާ ކޮޓަރިން ނުކުތް ވަގުތުއެވެ.
********************
* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 26 އިން 32 ށެވެ.

ކިޔުންތެރިންގެ ހިޔާލު