ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން
ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން
ކޯވިޑް-19 ގެ ދިފާޢީ ވެކްސިން، އެސްޓްރަޒެނެކާ ކޮވިޑް ވެކްސިން ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ދީފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބުނީ މި ހުއްދަ ދީފައިވާނީ މިހާރު އޮތް ޙާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށާއި، އުމުރުން 18 (އަށާރަ) އަހަރުން މަތީ މީހުންނަށް ވެކްސިން ޖެހުމަށެވެ. މިއީ ރާއްޖޭގައި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ޙާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ ހަތް ވަނަ ވެކްސިނެވެ.

ދިވެހިރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ، މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާ އެކުއެވެ.

8 ޑިގްރީ އާއި 2 ޑިގްރީ އާއި ދެމެދުގެ ފިނިހޫނުމިނުގައި ބަހައްޓަން ޖެހޭ އެސްޓްރަޒެނެކާ ވެކްސިން މިހާރުވެސް 115 ގައުމެއްގައި އަންނަނީ ބޭނުން ކުރަމުން ނެވެ.

މިވެކްސިނަށް ހުއްދަ ދީފައިވަނީ، ވެކްސިން ރާއްޖެ އެތެރެ ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި، ވެކްސިން އެތެރެ ކުރުމަށްފަހުގައްޔާއި، އަދި އެހިފާގެންގުޅުމުގެ ހުރިހާ މަރުހަލާ އެއްގައިވެސް ކޯލްޑް ޗެއިން ބެލެހެއްޓުމަށް ޝަރުތުކޮށްފައެވެ. އަދި އެމް.އެފް.ޑީ.އޭ.އާއި މިނިސްޓްރީ އޮފް ހެލްތް އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގުޅިގެން މި ވެކްސިންގެ ހުރިހާ މަރުހަލާއެއްގެ ކަންކަން ވަރަށް ގާތުން މޮނިޓަރކުރަމުން ގެންދާނެކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެއެވެ.

ޢާންމު ގޮތެއްގައި ކޮންމެ ވެކްސިނަކީ ވެސް، އެ ވެކްސިންއެއް ބޭނުންކުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ "ރިއެކްޝަން" އެއް އައުމުގެ ފުރުޞަތު އޮންނަ އެއްޗެއްކަމަށާއި، މި ވެކްސިން މީހުންނަށް ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަން އެއޮތޯރިޓީއާއި މިނިސްޓްރީ އޮފް ހެލްތް އަދި އެޖެންސީ (އެޗް.ޕީ.އޭ) ގުޅިގެން ގާތުން ބަލަމުން ގެންދާނެކަމަށްވެސް އެފްޑީއޭ އިން ބުނެއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ، ކޮވިޝީލްޑް ވެކްސިން، ސައިނޯފާމް ވެކްސިން، މޮޑާނާ، ފައިޒާ، ސްޕަޓިނިކް އަދި ޖޯންސަން ވެކްސިން އަށެވެ. ނަމަވެސް ވެކްސިން ލިބުމުގައި މިވަގުތު ދަތިތަކެއް ހުރިކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން