ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ، 241 ކޮމިޓީން ޕާލިމެންޓަރީ އިންކުއަރީއެއް ކުރިއަށް ގެންދަނިކޮށް އެކޮމިޓީއަށް އަނެއްކާވެސް ބަދަލެއް ގެނެސްފިއެވެ.

241 އަށް އެމްޑީޕީން ގެނެސްފައިވާ ބަދަލަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ބަދަލުގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އެކޮމިޓީގައި ހިމެނުއްވުމެވެ. އިންތި މީގެ ކުރިން ކޮމިޓީގައި އިންނެވީ އަނދުން ހުސެއިންގެ ބަދަލުގައެވެ. އިންތި އަކީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުވެސް މެއެވެ. އެމްޑީޕީން ޖުޑިޝަރީ ކޮމިޓީއަށް ގެނައި މި ބަދަލު މިއަދު އިޢުލާނު ކުރެއްވީ މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފެވެ.

މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތުން ކުރިއަށް ގެންދާ ޕާލިމެންޓަރީ އިންކުއަރީ ފެށުމަށް ހަމަޖެހިފައިވަނިކޮށްވެސް ކޮމިޓީއަށް އެމްޑީޕީން ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމްގެ ބަދަލުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ކޮމިޓީގައި ހިމަނާފައެވެ.

މިވަގުތު 241 ކޮމިޓީގައި ތިއްބަވަނީ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އަދި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅިގެން 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް މިހާތަނަށް ގިނަ ފަރާތްތަކެއް ވަނީ ހާޒިރުކޮށްފައެވެ. އޭގެ ތެރޭގައި ދައުލަތުގެ މިނިސްޓަރުންނާއި، ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި އޮފިސަރުންނާއި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

241 ކޮމިޓީން ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ކޮމިޓީން ދާނެކަމަށާ، ކޮމިޓީއަށް ޙާޒިރުކުރަންޖެހޭކަމަށް ކޮމިޓީއަށް ފެންނަ ހުރިހާ އެންމެން ޙާޒިރުކޮށް ސުވާލު ކުރަމުން ގެންދާނެކަން ބުނެފައެވެ. އަދި 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށް ކޮމިޓީގެ މުޤައްރިރު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން