ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
އުއްތަމަފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ޚާއްސަ ތަނެއް ދައުލަތުން ހަމަޖައްސައި ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އުއްތަމަފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ދައުލަތުން ތަނެއް ހަމަޖެއްސުމަށް ކަނޑައަޅައި ސަރުކާރުން ހުށައެޅި ދެ ބިލް ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 56 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލް މިއަދު ފާސްކޮށަފައިވާއިރު، މަޖިލީހުގެ ރައީސް އަދި އުއްތަމަފަނޑިޔާރަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުން ހަމަޖައްސައިދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ދެ ބިލު ދިރާސާކުރަން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ވަނީ ސަބް ކޮމިޓީއެއް އެކުލަވާލައި މައްސަލަ ދިރާސާކޮށްފައެވެ. ސަބް ކޮމިޓީން ވަނީ އެ ދެ ބިލަށް ބައެއް އިސްލާހުތައް ގެނެސްފައެވެ. އެ ދެ ބިލުގައި ބަޔާން ކޮށްފައިވާ ގެއެއް ހަމަޖައްސައިދޭންވާނެ ކަމަށް ބުނާ ބަހުގެ ބަދަލުގައި ދިރިއުޅުއްވާނެ ތަނެއް ފޯރުކޮށްދޭންޖެހޭނެ ކަމަށް ބަދަލުކޮށް ބިލަށް ވަނީ އިސްލާހު ގެނައްސައެވެ. ސަބް ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ގެއެއް ކަމަށް ބަޔާންކޮށްފި ނަމަ، ވަކިން ހުންނަންޖެހޭ އިމާރާތެއްގެ ގޮތުގައި ސިފަކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

މި ދެބޭފުޅުން ދިރިއުޅުއްވާ ތަނަށް ސެކިއުރިޓީ ހަމަޖައްސަން ޖެހޭނީ އެމްއެންޑީއެފުން ކަމަށް އިސްލާހުގައި ވާއިރު، އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ތަނަށް މުވައްޒަފުން ހަމަޖައްސަން ޖެހޭނީ، ސުޕްރީމް ކޯޓުން ކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ތަނަށް މުވައްޒަފުން ހަމަޖައްސަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވެސް ބަޔާން ކޮށްފައިވެއެވެ. އަދި މި ދެ ބޭފުޅުންގެ އާއިލާގެ ގޮތުގައި ބެލެވޭނީ އެ ބޭފުޅެއްގެ ފިރިކަލުން ނުވަތަ އަނބިކަނބަލުން ކަމަށާއި، މަންމައާއި ބައްޕަ އަދި 18 އަހަރު ނުފުރޭ ދަރިންނެވެ. 18 އަހަރުފުރި ކައިވެނި ނުކޮށް ތިބި ދަރިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ދަރިން އާއިލާގެ ގޮތުގައި ހިމެނޭނެކަމަށް ސަބް ކޮމިޓީން ގެނައި އިސްލާހުގައިވެއެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެމްބަރ ހަސަން ޒަރީރެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން