އަހުމަދު ޝާހް   23 ޖޫން 2021 - 16:57
ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ދިގު ދަންމާލުމަށް ރިޔާސަތުން ހުށައަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސްގެ ރިޔާސަތުގައި އިންނެވި ނާއިބް ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލިސްގެ ބައެއް ކޮމިޓީތަކުގައި ހުރި މަސައްކަތްތައް ނިންމުމަށް އަންނަ ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުރު ދަންމާލުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މިއަދުގެ ވޯޓު ގަޑީގައި މިކަމަށް ވޯޓަށް އެހިގެންދާނެ ކަމަށް އީވާ ވިދާޅުވިއެވެ.

މަޖިލީހުގެ މިދައުރުގައި ގިނަ މަސައްކަތްތަކެއް ކުރަމުން ދާއިރު، އޭގެ ތެރޭގައި ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން ކުރިއަށް ގެންދާ އިންކުއަރީގެ މަސައްކަތްވެސް ހިމެނެއެވެ. އޭގެ އިތުރުން ޤާނޫނުލް ޢުޤޫބާތަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާޙްގެ ބަހުސްވެސް ވަރަށް ފޯރީގައި މަޖިލީހުގައި ދަނީ ހިނގަމުންނެވެ،

ކޮވިޑްގެ ސަބަބުން މަޖިލީހުގެ ޖަލްސާތައް މިހާރު ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. އެހެންނަމަަވެސް ބައެއް ކޮމިޓީ ބައްދަލުވުންތައް ކުރިއަށް ގެންދަނީ މެންބަރުން މަޖިލީހަށް ޙާޟިރުވެވަޑައިގެންނެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އަހަރުގެ ފުރަތަމަ ދައުރު ކުރިއަށް ދާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި މަޖިލީހުގެ ތިން ވަނަ ދައުރު ހިނގާނީ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން