ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ
މިހާރު މައްސަލަ ހޫނުވެފައިވާ ނަފުރަތުގެ ކުށްތައް ކަނޑައަޅައި ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެންނަން ސަރުކާރުން ހުށައެޅި ބިލް އަންނަ ޖުލައިމަހުގެ އެއްވަނަ ދުވަހަށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފްރަތުގެ އަމަލުތައް ކަނޑައަޅައި އެފަދަ އަމަލެއް ހިންގުން ކުށަކަށް ހެދުމަށް ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާޙާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު މި ބިލް މިހާރު އޮތްގޮތަށް ފާސްކުރުމާ ދެކޮޅަށް ދީނީ ޖަމުޢިއްޔާ ތަކާއި، ކައުންސިލްތަކާއި، ސިޔާސީ ޕާޓީތަކުން ވަނީ ތެދުވެފައެވެ. އަދި އެބިލު އަނބުރާ ނެގުމަށް ގޮވާލައި ޕެޓިޝަނެއްގައި ވެސް މިހާރު އަންނަނީ ސޮއި ކުރަމުންނެވެ.

ބިލް ދިރާސާ ކުރަމުންދާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ކޮމެޓީގެ ރިޔާސަތުން ދެ ހުށަހެޅުމަކަށް ވަކިވަކިން ވޯޓަށް އަހާފައިވެއެވެ. އެގޮތުން ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވިގޮތަށް ބިލްގެ ސުންގަޑިއަކަށް އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަސް ހެދުމަށް 7 މެމްބަރުން ވޯޓު ދެއްވި އެވެ. މި ބިލު ބޭރުކޮށްލުމަށް ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ހުށައެޅުއްވި ނަމަވެސް އެ ހުށައެޅުމަށް ލިބުނީ 2 ވޯޓެވެ.

މޭ މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގެންނެވި ވަގުތާއި ދިމާކޮށް އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެން ދިން ޙަމަލާއާއި ގުޅިގެން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން މަޖިލީހަށް ހުށައެޅުއްވި ބިލުގައި ވަނީ، އާއްމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާއި ހިލާފަށްއުޅޭ ނުވަތަ އިސްލާމްދީނާއި ދެކޮޅު މީހަކު ކަމަށް ތުހުމަތުކޮށް ނުވަތަ އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާއި މެދު ނަފްރަތު އުފެއްދުމަކީ ނުވަތަ އާއްމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުމަކީ ކުށެއް ކަމަށް ކަނޑައަޅައިފައެވެ.

ބިލްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއްކަމަށް ވަނީ ކަނޑައަޅާފައެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށެއްގެ އެންމެ ބޮޑު އަދަބަކީ ދެ އަހަރަށް ޖަލަށްލުމެވެ. އަދި އަސާސީ މިންގަނޑުންނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން