ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 176 ވަނަ ބައްދަލުވުމުގެ ރިޔާސަތު
ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 176 ވަނަ ބައްދަލުވުމުގެ ރިޔާސަތު
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 16 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ގެންދަން ހަމަޖެހިފަވާކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއަކީ، ސިޔާސީ ޕާޓީތަކުގެ ނިޒާމް ރާއްޖެއަށް ތައާރަފު ވެގެން ފަހުގެ ތާރީޚްގައި ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރަސްމީކޮށް ރަޖިސްޓްރީ ކުރެވިފައި ވަނީ 26 ޖޫން 2005 ގައެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހަސަން ލަތީފް ވިދާޅުވީ، ޕާޓީގެ އަހަރީ ދުވަހުގެ ޙަރަކާތްތައް ޖޫން 26 އިން ފެށިގެން ޖުލައި މަހުގެ 24 އާއި ހަމަޔަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޖުލައިމަހުގެ ފަހުކޮޅު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ ޚާއްސަ އިވެންޓްވެސް ހިމެނޭ ކަމަށް ޙަސަން ވިދާޅުވިއެވެ. އޭގެ އިތުރުން ޓޯކް ޝޯތަކާއި، ރަށްރަށުގައި ދިދަ ނެގުމުގެ ޙަރަކާތްތަކާއި، ގްރާސްރޫޓްގެ އަޑު އިއްވުމުގެ ޙަރަކާތްތަކެއްވެސް ރޭވިފައިވާކަން ޙަސަން ފާހަގަކުރެއްވިއެވެ.

ރޭގެ ޤައުމީ މަޖިލީހުގައި ވަނީ، ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާގެ ތަޙުޤީޤު ކުރިއަށްދާގޮތް ބެލުމަށް އެމްޑީޕީން އެކުލަވާލި "މެއި 6" ކޮމިޓީގެ މަސައްކަތުގެ ފަހުގެ ތަފްސީލްތައް ޕާޓީގެ ޤައުމީ މަޖިލީހަށް ހުށައަޅާފައެވެ. އެ މަސައްކަތްތަކުގެ ތަފްސީލު ހިއްސާ ކުރެއްވުމުގެ ކުރީން ކޮމިޓީގެ ޗެއަރ ހަސަން އަފީފް ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދަށް ފޯނުން ވާހަކަ ދެއްކެވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާ ކަމަށާއި، އެމަނިކުފާނުގެ އެތެރެފުށަށް ލިބިވަޑައިގެންނެވި ހުރިހާ ޒަހަމަކަށް ފަރުވާ ލިބި ފަސޭހަވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ. އަދި ފައިގައި ހުރި ފާރުގަނޑެއް ނުހިކި ހުރި ނަމަވެސް ބޭރަށް ފެންނަން ހުރި އެހެން ހުރިހާ ޒަހަމެއް ފަސޭހަވެފައިވާ ކަމަށް ޙަސަން އަފީފް ވިދާޅުވިއެވެ.

ނަމަވެސް އެމަނިކުފާނުގެ ވައަތުގެ އުޅަނބޮށީގެ ހަރަކާތުގެ 50 އިންސައްތަ ހުއްޓިފައިވާ ކަމަށާއި، ކަނާއަތުގެ ތިން އިނގިއްޔެއް 90 އިންސައްތަ ހަރަކާތް ނުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް ޙަސަން އަފީފް ވިދާޅުވިއެވެ. މީގެ އިތުރުން "މެއި ހައެއް" ކޮމިޓީން ވަނީ މަޖިލީހުގެ 241 ކޮމިޓީއާއި ބައްދަލުކޮށްފައި ކަމަށާއި، އަންނަ އާދިއްތަ ދުވަހު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ވެރިންނާއި އަދި އެޗްއާރުސީއެމްގެ މެންބަރުންނާއި ބައްދަލު ކުރަށްވާނެ ކަމަށް ޙަސަން އަފީފް ވިދާޅުވިއެވެ. ނަމަވެސް ފުލުހުންގެ ފަރާތުން މިހާތަނަށް ޖަވާބެއް ނުލިބޭ ކަމަށް ޙަސަން އަފީފް ވިދާޅުވިއެވެ.

އެމްޑީޕީ ވުޖޫދުވުމަށްފަހު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުން ދެފަހަރުގެ މަތިން ރާއްޖޭގެ ވެރިކަމަށް އިންތިހާބުވެފައި ވެއެވެ. އެގޮތުން 2008 ވަނަ އަހަރު ރައީސް ކަމަށް އެ ޕާޓީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބު ކުރެވިފައިވާއިރު، 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވަނީ އިންތިހާބު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން