ޞާދިރު ޢަލީދީދީ   25 ޖޫން 2021 - 15:55
ބޯގަންވިލާ
ބޯގަންވިލާ
13 ވަނަ ބައި

................

"އާނ.....އެނގޭ.....ތިއީ ހުސްނާއެއްނު ......ދެން މިހުރީ ހުސްނާގެ މަންމަ ނާޒިޔާ....." ސާރާ ދެލޯ ބޮޑުކޮށްގެން ނާޒިޔާއަށް ބަލަން ހުރެފައި ބުންޏެވެ. ވަގުތުން ހުސްނާ ފެންކަޅިވެއްޖެއެވެ.

"ސާރާ.....ކޮންކަހަލަ ވާހަކައެއްތަ ތިދައްކަނީ؟" ނާޒިޔާގެ ލޮލުންވެސް ކަރުނަ ހިލެން ފަށައިފިއެވެ.

"ކާކުތީ؟ ހުސްނާގެ މަންމަދޯ؟" ސާރާ ހީނގަތެވެ.

"ސާރާ....މިއީ ޒިޔާއޭ....." ނާޒިޔާ އެއްއަތުން އޭނާގެ ލޮލަށް ގިނަވި ކަރުނަތައް ފޮހެލިއެވެ. ދެން އައީ ސާރާ ހިފަހައްޓަން ނިކަން އުނދަގޫވި ވަގުތެކެވެ. އޭނާ ހިފަހައްޓަން އަތްލާ ކޮންމެ މީހަކަށްވެސް އޭނާގެ ހޫނު ހަމަލާއަކާ ކުރިމަތިވެއެވެ.

"އެކަކުވެސް އަހަރެންގެ ގައިގަ އަތްނުލާތި....އަހަރެން ބޭނުމީ އަހަރެންގެ ފިރިމީހާއާއެކު ދަރިން ގާތަށް ދާން....." ސާރާ ފުންމައިގެން ތެދުވިއެވެ. އިސްމާއީލް މަނިކު އޭނާ ހިފެހެއްޓޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ސާރާއަށް ލިބިފައިވާ ބާރު މާގަދައެވެ. އޭނާ މިފަހަރުވެސް ބައްޕަ ފޮޅުވާލިއެވެ. ބައްޕައަށް އަނިޔާވެސް ވިއެވެ. ވާހިދު ފަންޑިތަވެރިއަކާއެކު ގެއަށް އައިސްވަނީ ސާރާ ކޮޓަރިން ނުކުންނަން ދިމާކުރިތަނާހެނެވެ. ނަމަވެސް ވާހިދާއެކު އައިސް ވަން ޢަބްދުﷲބެ ފެނުމާއެކު ސާރާ ހުއްޓުނެވެ. ޢަބްދުﷲބެ ސާރާއަށް ބަލަން އިރުކޮޅެއް ވަންދެން ހުރެފައި ސާރާގެ އަތުގައި ހިފަހައްޓާލިއެވެ. ސާރާ އިސްޖަހާލިއެވެ. އޭނާ އެއްވެސް ބާރެއް ދައްކާކަށް މަސައްކަތެއް ނުކުރެއެވެ.

"ހުރިހާ އަންހެންވެރިން ނުކުމޭ....." ޢަބްދުﷲބެ ސާރާގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ. ޢަބްދުﷲ ބޭގެ އިޝާރާތާއެކު ވާހިދު ނުކުތެވެ. ޢަބްދުﷲބެ މަޑުމަޑުން ކިޔަވަން ފަށައިފިއެވެ. މާގިނައިރުތަކެއް ނުވެ ވާހިދު ބޮންތި ފަންވަތެއް ހިފައިގެން އައިސް ޢަބްދުﷲބޭގެ އަތަށް ދިނެވެ.

"އިސްމާޢީލް މަނިކު ތުނޑު ހިމަ ފިޔޮއްސެއް ގެނެސްދީ....އިރާދަކުރެއްވިއްޔާ މިލިޔެދޭ ފަންވަތް މިމަންޖެގެ ކަރުގައި އޮތްހާ ހިނދަކު އިތުރު މައްސަލައަކާ ކުރިމައްޗެއް ނުވާނެ." ޢަބްދުﷲބެ ނިކަން ސާބިތުކަމާއެކު ބުންޏެވެ. އިސްމާއީލް މަނިކުގެ މޫނުމައްޗަށް ކުޑަނަމަވެސް އުފާވެރިކަމުގެ ކުލަވަރެއް އެރިއެވެ.

"ހުސްނާ ކޮޓަރިތެރޭ އޮތް ކުޑަފިޔޮހި ގެނެސްދީބަލަ....." އުފާވެފައި ހުރި އިސްމާޢީލް މަނިކު ހުސްނާއަށް ގޮވާފައި ބުންޏެވެ. ހުސްނާ ފިސާރި އަވަހަށް ފިޔޮހި ހިފައިގެން އައިސް ޢަބްދުﷲބޭގެ އަތަށް ދިނެވެ.

އެދުވަހު އެފަންވަތް އެޅުވުމަށްފަހު ސާރާގެ ހާލަތު ރަނގަޅުވިއެވެ. އެހެން ނަމަވެސް ލޯބިވެރިޔާ ނިމާލްގެ ހަނދާންތައް އައުމުން ކޮންމެ ފަހަރަކުވެސް އޭނާގެ ދެލޮލަށް ކަރުނަ ގިނަވެއެވެ. މިފަދަ ކޮންމެ ވަގުތަކުވެސް އޭނާއަށް ހިތްވަރު ދެނީ ރަހްމަތްތެރިޔާ ނާޒިޔާ ނޫނީ މަންމަ ހުސްނާއެވެ.

"ދަރިފުޅު......މަދަރުސާއަށް ދާން ފަށަންވީނު." ސާރާގެ ދެކޮނޑުގައި ހިފަހައްޓައިގެން ހުރެ ހުސްނާ ބުންޏެވެ. ސާރާ ބޯޖަހާލިއެވެ. ޖެހިގެން އައި ދުވަހު ސާރާ އޭނާގެ ކުލާސް ރައްޓެހިންނާ ގުޅައިގެން އޭނާއަށް މަދަރުސާއަށް ނުދެވުނު ދުވަސްތަކުގައި ގެއްލުނު ފިލާވަޅުތައް ހޯދައި މަދަރުސާއަށް އަލުން ދިއުމުގެ ތައްޔާރީތައްވިއެވެ. ފަހަރެއްގައިވެސް ކުލާހުގެ ބައެއް ކުދިންގެ މަލާމާތާއި ފުރައްސާރަ ކުރުންތައް ކުރިމަތިވެދާނެ ކަމަކަށް އޭނާއެއް ނުވިސްނައެވެ.

ނަމަވެސް ޖެހިގެން އައި ދުވަހު މަދަރުސާއަށް ދެވުމުން އޭނާ ދެރަވިއެވެ. ނުދަންނަ ކުދިންނާއި ދަންނަ ކުދިންވެސް އޭނާއަކީ ޖިންނި މޮޔަވެފައިވާ ކުއްޖެކޭ ކިޔައި ދިމާކޮށް މަލާމާތް ކުރިއެވެ. ބައެއް ކުދިން ސާރާގެ ކަރުގައި އަޅާފައި އޮތް ފަންވަތާވެސް އަޅައިގަތެވެ. ސާރާ ބޮޑަށް ދެރަވެ ރުއީ އެހެންވެގެންނެވެ. މަދަރުސާ ނިންމާފައި އޭނާ ގެއަށް އައީވެސް ރޮމުން ގިސްލަމުންނެވެ. ގެއަށް ވަދެވުމާއެކު ހިތަށް ކޮށްފައިވާ އަސަރުން ކަރުގައި އަޅާފައި އޮތް ފަންވަތް ކަނޑައި އެއްލާލިއެވެ. ހަމައެއާއެކު ވަރުގަދަ އައްޔަކާއެކު ކޮޓަރިތެރެއަށް އިކްލީލު ފާޅުވެއްޖެއެވެ. އިކްލީލު ހުރީ ސާރާއާ ދިމާއަށް ބަލަހައްޓައިގެން ހިނިއައިސްފައެވެ.

"ސާރާ......ސާރާ މަސައްކަތް ތިކުރަނީ އަހަންނާ ވަކިވާންތަ؟ ތިކަން ދުވަހަކުވެސް ނުވާނެ." ސާރާއާ ދިމާއަށް ބަލަން ހުރެފައި އިކްލީލު ބުންޏެވެ. ސާރާ އެސްފިޔަވެސް ޖަހާނުލާ އެދިމާއަށް ބަލަން ހުއްޓެވެ.

"އެއީ ކީއްވެ؟ އަހަރެންގެ ކުށަކީ ކޮބާތަ؟" ސާރާ ރޮއިގަތެވެ. އިކްލީލް ސާރާއާ ދިމާއަށް ހިނގައިގަތެވެ. ސާރާ ބާރުބާރަށް ރޮމުން ކޮޓަރިން ނުކުންނަން ދުއްވައިގަތެވެ. އޭނާ ކޮޓަރިން ނުކުތް ވަގުތަކީ ހުސްނާވެސް އެކޮޓަރިއާ އަރާ ހަމަކުރި ވަގުތެވެ. ހުސްނާއަށް ބަލައިލެވުނީ ސާރާގެ ކަރަށެވެ.

"ދަރިފުޅާ.....!؟" ހުސްނާ ސާރާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.

"ކީއްވެ އަހަރެންގެ ގައިގަ އަތްލަނީ....އޭނަ ބުނި އޭނަގެ ކިބައިން އަހަންނަކަށް ސަލާމަތެއް ނުވެވޭނެޔޯ." ސާރާ ދުއްވައިގަތެވެ. ނަމަވެސް އެވަގުތު ބޭރުގައި ހުރެފައި ގެއަށް އައިސް ވަން އިސްމާއީލް މަނިކު ސާރާ ހިފެހެއްޓިއެވެ. އޭރު ހުސްނާއަށް ބާރުބާރަށް ރޮވެނީއެވެ.

"ހުސްނާ ނިކަން އަވަހަށް ޢަބްދުﷲބެއަށް ގުޅާފައި ބުނެބަލަ ވަރަށް އަވަހަށް އައިސްބަލާށޭ." އިސްމާއީލް މަނިކު ނިކަން ބާރަށް ސާރާގެ ގައިގައި ހިފަހައްޓައިގެން ހުރެ ބުންޏެވެ. އޭރުވެސް އިސްމާއީލް މަނިކު ފޮޅުވާލެވޭތޯ ސާރާ މަސައްކަތް ކުރަމުން ދެއެވެ. ނަމަވެސް އިސްމާއީލް މަނިކު ހުރީ ސާރާގެ ދެއަތާ އެއްކޮށް ވަރަށް ބާރަށް ހިފަހައްޓާފައެވެ.

"ދަރިފުޅާ ތިވަރަށް......ތެޅިފޮޅެންޏާ ތަނެއް ބިންދައިގެންވެސް ހިނގައިދާނެ......ބައްޕައަށްވެސް އަނިޔާވެދާނެ...." އޯގާތެރިކަމާއެކު ރޮވިފައިވާ އަޑަކުން އިސްމާއީލް މަނިކު ބުންޏެވެ. އޭރު ހުސްނާވެސް ޢަބްދުﷲބެއަށް ގުޅާލުމަށްފަހު އެތަނަށް އައިސް ހުއްޓިއްޖެއެވެ. ހަމައެއާއެކު ސާރާ މަންމައާ ދިމާއަށް އިނގިލި ދިއްކޮށްގެންހުރެ ބާރުބާރަށް ހޭންފަށައިފިއެވެ. ސާރާގެ އެމޮޔަ ހަރަކާތުން ހުސްނާއާއި އިސްމާއީލް މަނިކުގެ ހިތަށް ވަރަށްބޮޑަށް އަސަރު ކުރިއެވެ. ހުސްނާއަށް އިސްޖަހާލެވުމާއެކު ގިސްލެވުނީއެވެ.

"ބުނެބަލަ......ކޮބާތަ އަހަރެންގެ ދަރިންތައް......އަހަރެން ބޭނުމީ އަހަރެންގެ ދަރިންތައް ދެކިލަންދާން....ދޯ؟" ސާރާ ދޯދިނީ މާދުރުން އޭނާއަށް ފެންނަންހުރި އިކްލީލަށެވެ. ސާރާ ދޯދިން ދިމާއަށް ބަލައިލެވުނީ ހުސްނާއާއި އިސްމާއީލް މަނިކާ ދެމީހުން އެކުއެކީގަހެނެވެ. ނަމަވެސް އެމީހުންނަށް ފެންނާކަށް އެއްވެސް މީހަކު އެތާކު ނެތްމެއެވެ.

"ދަރިފުޅާ ބައްޕައާ ވާހަކަ ދައްކަބަލަ." އިސްމާއީލް މަނިކުގެ ލޯވެސް ކަރުނުން ތެމިފޯވެއްޖެއެވެ.

"އަހަރެންގެ ދަރިންތައް ދެކިލާފައި އެބައަންނަން......ދޫކޮށްބަލަ.......އަހަރެންގެ ދަރިންތައް ގޮވައިގެން އެދަނީ ދަނީ....ދަނީ.....ދަނީ....." އަޑު މަޑުވަމުން މަޑުވަމުން ގޮސް ސާރާގެ ވަރުވެސް ދެރަވާން ފެށިއެވެ. އިސްމާއީލް މަނިކު ސާރާ އަތުލަފިކޮށްގެންގޮސް މެދުގޭތެރޭ އެލުވާފައި ހުރި އުނދޯލީގައި ބޭންދިއެވެ.

ޢަބްދުﷲބެ އައީ އޭގެ ކުޑައިރުކޮޅެއްގެ ފަހުންނެވެ. އޭނާ އައީ ގޭގައިހުރެ ދެތިން ވައްތަރަކަށް ފާލުވެސް ބަލާފައެވެ.

"ހަމަގައިމުވެސް އިންސާނުންނަށްވުރެން ބާރުގަދައެއް ނުވާނެ......މިއަދު އަހަރެން މަސައްކަތް ކުރާނީ ފުރިހަމަ ބާރާއެކު." ޢަބްދުﷲބެ އެތެރެއަށް ވަންނަމުން ބުންޏެވެ. ޢަބްދުﷲބެގެ އަޑާއެކު ސާރާ ފުންމައިގެން ތެދުވެއްޖެއެވެ. ހީވީ އިތުރު ބާރެއް އޭނާއަށް ލިބުނީހެނެވެ.

"ކަލެއަށް އެއްކަމެއްވެސް ނުކުރެވޭނެ.....ކަލޭ މިތަނަށް ވަދެގެންވެސް ނުވާނެ....." ސާރާއަށް ލިބުނު ބާރާއެކު އޭނާގެ އަޑުވެސް ބަދަލުވިއެވެ. އަޑު އައީ ފިރިހެން އަޑަކާއި އަޞްލު ސާރާގެ އަޑު އެކުވެގެންނެވެ. ޢަބްދުﷲބެ ކިޔަވަން ފެށިއެވެ. ސާރާ ބައްޕައާއި މަންމަވެސް ފޮޅުވާލުމަށްފަހު ދުއްވައިގަތެވެ. ފަހަތުން ސާރާ ހިފެހެއްޓޭތޯ ޢަބްދުﷲބެވެސް ދުވިއެވެ. ނަމަވެސް އެއްވެސް މީހަކަށް ސާރާ އަތެއް ނުވިއެވެ. އެމީހުނަށް ސާރާ ގެއްލުނީވެސް ކުއްލިއަކަށެވެ.

ހުސްނާއަށް ބާރުބާރަށް ރޮއިގަނެވިއްޖެއެވެ. އިސްމާޢީލް މަނިކާއި ޢަބްދުﷲގެ ސާރާ ފެނޭތޯ އެހިސާބުގަނޑުގެ ހަނިގޯޅިތައް ހޯދަން ފަށައިފިއެވެ. ނަމަވެސް ހޯދަހޯދާ ވަރުބަލިވީއިރުވެސް އެމީހުންނަށް ސާރާގެ ހިލަމެއްވެސް ނުވިއެވެ. އިސްމާއީލް މަނިކު ސިފައިންގެއަށް ގުޅީ އެއަށްފަހުގައެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން ސާރާ ހޯދުމުގެ މަސައްކަތް އަވަށްޓެރިންނާއި ސިފައިން ކުރަން ފެށިއެވެ. އެހެން ކަމުން ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސާރާ ގެއްލުނު ޚަބަރު އިސްމާއީލް މަނިކުގެ އާއިލާގެ މެންބަރުންނާއި އަވަށްޓެރިންނަށް ލިބުނެވެ. އެއާއެކު ކުޑަހިނދުކޮޅެއްގެ ތެރޭގައި އެގެއަށް މީހުންތައް ފުނިޖެހެން ފަށައިފިއެވެ. އެއްބަޔަކު ސާރާ ފެނޭތޯ ކޮޅުކޮޅުމައްޗަށް ދުވަން ފަށައިފިއެވެ.

ނަމަވެސް އެރޭ ފާއިތުވެދިޔައިރުވެސް ސާރާއެއް ނުފެނުނެވެ. އެންމެފަހުން އަތޮޅުތަކުގެ އަތޮޅު އޮފީސްތަކަށާއި ރަށްރަށުގެ ރަށުއޮފީސްތަކަށްވެސް ސާރާގެ ފުރިހަމަ މަޢުލޫމާތު ދެވިއްޖެއެވެ.

ސާރާ ގެއްލުނުފަހުން ހުސްނާގެ ލޮލުން ހިނދުކޮޅަކަށްވެސް ކަރުނަ ނުހިކެއެވެ. ގާތްތިމާގެ މީހުންނާއި އަވަށްޓެރިން އިންތިހާއަށް އިތްވަރުދޭއިރުވެސްމެއެވެ.

"ހުސްނާ ހިތްވަރު ދެރަނުކުރޭ.....މާތްރަސްކަލާނގެ އިރާދަފުޅާއި މިންވަރުފުޅުން އެމަންޖެ ހެޔޮހާލު ލަހައްޓަވާނެ......" ހުސްނާގެ ރަޙްމަތްތެރިއެއް ކަމުގައިވާ ވަޒީނާ ހުސްނާއަށް ހިތްވަރު ދިނެވެ.

"އެމަންޖެވީ ކޮންތާކު ކިހާ ހިސާބެއްގައިކަންވެސް އެނގެނީކީނޫން.....އުޅޭ ހާލެއްވެސް......" ހުސްނާއަށް ގިސްލެވުމާއެކު ކުރިއަށްވުރެންވެސް ބާރަށް ރޮއިގަނެވިއްޖެއެވެ.

މާފަންނު ސަހަރާ ތެރޭގައި ހޭނެތިފައި އޮއްވާ ސާރާ ފެނުނު ޚަބަރު ހިފައިގެން ހުސްނާ ހިތްހަމަޖައްސާދިނުމަށްޓަކައި ވާހިދު އެގެއަށް އައިސްވަނީ އެވަގުތުއެވެ. ވާހިދު އެޚަބަރު ދިނުމާއެކު ހޮސްޕިޓަލަށް ދިއުމަށްޓަކައި ހުސްނާ ތެޅިފޮޅިގެންފިއެވެ.

"ހުސްނާ އިހަށް ހުސްނާ މަޑުކުރޭ. ކުޑައިރުކޮޅެއްގެ ތެރޭގައި އިސްމާއީލް މަނިކު ސާރާ ގޮވައިގެން ގެއަށް އަންނާނެ. އަހަރެން މިއައީވެސް ސާރާ ހޭއެރިފަހުން." ވާހިދު ހުސްނާ ހިފެހެއްޓިއެވެ. އެވަގުތު ސާރާގެ އަތުގައި ހިފައިގެން އިސްމާއީލް މަނިކު އައިސްވަނެވެ. އެމީހުންގެ ފަހަތުން ސިފައިންގެ ދެމީހަކުވެސް އައިސްވަނެވެ. ހުސްނާއަށް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ސާރާގެ އެއްއަތުގައި ހިފަހައްޓާލެވުނެވެ.

ވާހިދު ގެއަށް އައިއިރު އައީ ޢަބްދުﷲބޭ ގާތު އައިސްދިނުމަށް އެދިފައި ކަމަށްވުމުން ކުޑައިރުކޮޅެއްގެ ތެރޭގައި ޢަބްދުﷲބެ ފަންޑިތަ ފޮތްތަކާއެކު އެގެއަށް އައިސް ވަދެއްޖެއެވެ.

"ކޮޓަރިއަށް ވައްދާ....އަހަރެން މިއަދު މަސައްކަތް ކުރާނީ އެއެތި އަހަރެންގެ ގާތަށް ގެންނަން." ޢަބްދުﷲބެ އެތެރެއަށް ވަންނަމުން ވާހަކަ ދެއްކިއެވެ. އިސްމާއީލް މަނިކާއި ހުސްނާ ސާރާ އަތުލަފިކޮށްގެން ގެންގޮސް ކޮޓަރިއަށް ވަނެވެ.

މާގިނައިރުތަކެއް ނުވެ ޢަބްދުﷲބެ އޭނާގެ މަސައްކަތް ފަށައިފިއެވެ. އަތްގާތްކޮށްލަދޭން ހުރީ އިސްމާއީލް މަނިކެވެ.

"އެއްވެސް މީހަކު ބިރުނުގަންނާތި." ކިޔެވެލި ކިޔަވަން ފަށައިގަންނަމުން ޢަބްދުﷲބެ ބުންޏެވެ. އޭރު ސިފައިންގެ ދެބޭކަލުންވެސް ހިނގައްޖެއެވެ.

ޢަބްދުﷲބެ ކިޔެވެލި ކިޔަވާތާ އިރުކޮޅެއްގެ ތެރޭގައި ސާރާ ވަރު ހުސްވެގެން (ހޭނެތިގެން) އެނދުމައްޗަށް ދެމިއްޖެއެވެ. ނަމަވެސް ދެންވެސް ޢަބްދުﷲބެ ކިޔެވެއްޔެއް ހުއްޓައެއް ނުލައެވެ. އޭނާ މަސައްކަތް ކުރަން ފެށީ ޖިންނި ގެނެސް ވާހަކަ ދައްކާފައި ހައްލެއް ހޯދާށެވެ. ޖިންނިގެ ކިބައިން ސަލާމަތް ކުރެވޭނެ އެންމެ މޮޅު ގޮތަކީ އެއީ ކަމަށް އޭނާއަށް ގަބޫލު ކުރެވޭތީއެވެ.

އޭނާގެ މަސައްކަތުން ކާމިޔާބީ ފެންނަން ފެށީ އޭގެ ބައިގަޑިއެއްހާއިރު ފަހުންނެވެ. އޭނާ ކުރިކަމެއް ކޮށްފައި ހޭނެތިފައި އޮތް ސާރާއަށް ގޮވަން ފެށިއެވެ.

"ސާރާ.....އަނގައިން ބުނެބަލަ ސާރާ....." ޢަބްދުﷲބެ ސާރާއަށް ގޮވިއެވެ.

"އޫނ....." ސާރާ އެއޮތް ގޮތަށް އޮވެ ވާހަކަ ދައްކަން ފެށިއެވެ. ޢަބްދުﷲބެ ވަށައިގެން ހޯދާލިއެވެ. އެއަށްފަހު އޭނާ ސާރާއާ ސުވާލު ކުރަން ފަށައިފިއެވެ.

"ކާކު ކަލޭތީ؟' ޢަބްދުﷲބެ ފުރަތަމަ އެއްސެވެ. ދެން އައީ ހިމޭން ހިނދުކޮޅެކެވެ.

"އަހަންނަކީ އިކްލީލް....." ޖަވާބުދިނީ ސާރާއެވެ. ސާރާގެ ދުލުން ބޭރުކުރިޔަސް އެއީ ސާރާ ބުނި އެއްޗެއް ނޫންކަން އަޑުއަހަންތިބި އެންމެނަށްވެސް ދޭހަވާނެއެވެ.

"ކަލޭ ސާރާއާ އަވަލައިގެން ތިއުޅެނީ ކީއްވެ؟ ކަލެއާ ސާރާއާ އޮތީ ކޮންގުޅުމެއް؟" ދެވަނަ ސުވާލު ޢަބްދުﷲބެ ކުރިއެވެ.

"ސާރާއަކީ އަހަރެންގެ އަނބިމީހާ......އަހަރެންގެ ދެކުދިންގެ މަންމަ....." އިކްލީލުގެ ޖަވާބު ސާރާ ދިނެވެ. އިސްމާއީލް މަނިކާއި ހުސްނާގެ އިތުރުން ވާހިދުގެ ދެލޯވެސް ބޮޑުވިއެވެ. އެއެންމެންގެ ލޯތަކުން ވިދައިގަތީ ބިރުވެރިކަމާއި ހައިރާންކަމުގެ ވިދުވަރުތަކެވެ.

"އޭނ......!؟ ކަލޭގެ އަނބިމީހާއޭ. ކޮންއިރަކު ކަލޭ ސާރާއާ އިނީ؟" ޢަބްދުﷲބެ ކުރިޔަށް ވުރެން އަޑަށް ބާރުލާފައި ހަރުކަށި ރާގަކަށް އެހިއެވެ.

"އާނ....އަހަރެންގެ އަނބިމީހާ. އަހަރެން ސާރާއާ ކައިވެނި ކުރީ ސާރާގެ އުމުރުން ނުވައަހަރުގައި....އެއީ މީގެ އަހަރުތަކެއް ކުރި. އަހަރެން އެންމެ ފުރަތަމަ ސާރާ ދުށީ އިންޑިޔާގެ މެޑްރާސްއިން ސާރާގެ އުމުރުން ތިންއަހަރުގައި. އަހަންނާ އަހަރެންގެ ރަޙްމަތްތެރި ނުވަ ޖިންނި ހިނގަހިނގާފައި ވަރުބަލިފިލުވާލުމަށް އޭރު ސާރާމެން އުޅުނު ޖޯޖް ފްލެޓްގެ ދޮރުމަތީގައި އޮށޯވެގެން ތިއްބާ އެތާނގެ ފަސްވަނަ ބުރިން ވެއްޓުނު ބޯގަންވިލާ މަލެއް އަހަރެންގެ މޫނުމަތީގައި ޖެހުމުން ސިއްސައިގެން ގޮސްފައި އަހަރެން މައްޗަށް ބަލާލިއިރު ތިންއަހަރުގެ ސާރާ ހުރީ ބެލްކަނިން އަހަންނާ ދިމާއަށް ބަލަން. އެއާއެކު އަހަންނަށް ސާރާއާ ދޭތެރޭ ޝައުޤުވެރިވެވުނު. އެދުވަހަށްފަހު ތަފާތު ސިފަސިފައިގައި އަހަރެން ސާރާއާ ބައްދަލުކޮށް އޭނާއަށް ބޯގަންވިލާ މާ ހަދިޔާވެސް ކުރިން. އަހަރެން ސާރާއާ އިނީ ސާރާ ފުރިހަމަ އަންހެނަކަށްވީ ދުވަހު......" އިކްލީލު ތަފްސީލުކޮށް ކިޔައިދިނެވެ.

********************

* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 49 އިން 52 ށެވެ.


ކިޔުންތެރިންގެ ހިޔާލު


8

ލޮނުގުޅި

27-Jun-2021

ގައްދޫ ރަޝީދުގެ ތަރުޖަމާ ވާހަކައެއް ކިޔާލަން ވަރަށް ބޭނުން.ކުރީ ދެ ވާހަކަ ވެސް ވަރަށް ރީތި



ޓްރެންޑިން