13 ވަނަ ބައި
................
އަހަންނާ އަހަރެންގެ ރަޙްމަތްތެރި ނުވަ ޖިންނި ހިނގަހިނގާފައި ވަރުބަލިފިލުވާލުމަށް އޭރު ސާރާމެން އުޅުނު ޖޯޖް ފްލެޓްގެ ދޮރުމަތީގައި އޮށޯވެގެން ތިއްބާ އެތާނގެ ފަސްވަނަ ބުރިން ވެއްޓުނު ބޯގަންވިލާ މަލެއް އަހަރެންގެ މޫނުމަތީގައި ޖެހުމުން ސިއްސައިގެން ގޮސްފައި އަހަރެން މައްޗަށް ބަލާލިއިރު ތިންއަހަރުގެ ސާރާ ހުރީ ބެލްކަނިން އަހަންނާ ދިމާއަށް ބަލަން. އެއާއެކު އަހަންނަށް ސާރާއާ ދޭތެރޭ ޝައުޤުވެރިވެވުނު. އެދުވަހަށްފަހު ތަފާތު ސިފަސިފައިގައި އަހަރެން ސާރާއާ ބައްދަލުކޮށް އޭނާއަށް ބޯގަންވިލާ މާ ހަދިޔާވެސް ކުރިން. އަހަރެން ސާރާއާ އިނީ ސާރާ ފުރިހަމަ އަންހެނަކަށްވީ ދުވަހު......" އިކްލީލު ތަފްސީލުކޮށް ކިޔައިދިނެވެ.
"ކަލޭ މިހާރު ތިހުރީ ސީދާ އަހަރެންގެ ބާރުގެ ދަށުގައި. މިއަދު ކަލެއަކަށް އަހަރެންގެ ކިބައިން ސަލާމަތްވެގެނެއް ނުދެވޭނެ. ކަލޭ އަންދާލައިގެން ނަމަވެސް ސާރާ ކަލޭގެ ކިބައިން ސަލާމަތް ކުރާނަން." ޢަބްދުﷲބެގެ އަޑު ކުރިއަށްވުރެންވެސް ބާރުވިއެވެ.
"ނޫން.....އަހަންނަށް ތިހެން ނަހަދާ.....އަހަރެން ސާރާއަށް ދެން އެއްވެސް އުނދަގުލެއް ނުކުރާނަން.....އަހަރެން ސަލާމަތްކޮށްދީ." އިކްލީލު އާދޭސްކުރިއެވެ. ޢަބްދުﷲބެއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
"ތިހެން ބުނާހާ ފަސޭހައިން ކަލޭ މިނިވަންކޮށެއް ނުދެވޭނެ. ކަލޭ ޚަތިމުގަ އަތްލާ ހުވާކުރޭ ދެން ދުވަހަކުވެސް ސާރާއަށް އުނދަގޫ ނުކުރާނެ ކަމަށް......" ޢަބްދުﷲބެ ބުންޏެވެ.
"ޚަތިމުގެނޭ.......އަހަރެން ދުވަހަކުވެސް ސާރާއަށް އުނދަގޫ ނުކުރާނެ ކަމަށް ހުވާކުރާނަން." އިކްލީލު މިހެން ބުނުމުން ޢަބްދުﷲބެ ސާރާގެ އަތްމަތީގައި ޚަތިމް ބޭއްވިއެވެ. އިކްލީލު ހުވާކުރިއެވެ. ދުވަހަކުވެސް ސާރާއަށް އުނދަގުލެއް ނުކުރުމަށެވެ. ނަމަވެސް އޭތި ޢަބްދުﷲބެގެ ކިބައިން ސަލާމަތް ވެގެން ދިއުމުގެ ކުރިން ސާރާ ބޯގަންވިލާ މަލާ މާގާތްނުވުމަށް އިރުޝާދު ދިނެވެ. ބޯގަންވިލާ މަލާ މާގާތްވުމަކީ އޭނާގެ ހަނދާންތައް އައުކުރަނީ ކަމަށް ދެކޭ ކަމަށްވެސް އޭނާ ބުންޏެވެ.
ހުވާކޮށްފައި ޖިންނި ދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސާރާ ހޭއެރިއެވެ. ދެލޯ ހުޅުވާލުމާއެކު ރޮވިފައި ހުރި މަންމަ ހުސްނާއާ ދިމާއަށް ސާރާގެ ކަޅި ހުއްޓުނެވެ.
އިސްމާއީލް މަނިކު ސަމީރާއަށް ކިޔައިދެމުންދިޔަ ސާރާގެ ހިތްދަތި މާޒީ މެދުކަނޑާލީ މިހާ ހިސާބުންނެވެ. އޭރު އަޑުއަހަން ހުރި ސަމީރާގެ ދެލޮލުންވެސް ކަރުނައިގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. އޭނާ ހުރީ ބިރުވެސް ގެންފައެވެ. އޭނާގެ ދަރިފުޅު ތޮލާލަށްވެސް ސާރާއާ ދިމާވިފަދަ ޖިންނި ކަންތައްގަނޑާ ދިމާވެދާނެތީއެވެ.
ހޫރެމުން ހޫރެމުން އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ތޮލާލު އައިސް ގެއަށް ވަނީ އެވަގުތުއެވެ.
"ދަރިފުޅާ ތޮލާލު....އައިސްބަލަ މަންމަމެންގެ ގާތަށް....." ސަމީރާ ތޮލާލަށް ގޮވައި ތޮލާލު ހުއްޓުވީ އޭނާ މަޑުވެސް ނުކޮށް ކޮޓަރިއަށް ވަންނަން އުޅެނިކޮށެވެ. ތޮލާލު އައިސް މަންމަގެ ކުރިމައްޗަށް ހުއްޓުނެވެ.
"ދަރިފުޅާ މިތިބީ ކޮންބައެއް؟" ސަމީރާ ހުސްނާއާއި އިސްމާއީލް މަނިކަށް އިޝާރާތް ކޮށްފައި ބުނެޏެވެ. ތޮލާލު ނުވެސް ދަންނަ ބީރައްޓެއްސަކު ބަލާފަދަ ގޮތަކަށް ހުސްނާމެނާ ދިމާއަށް ބަލާލަމުން ނޭނގެޔޭ ބުނާފަދަ ގޮތަކަށް ދެކޮނޑު އަރުވާލިއެވެ. ތޮލާލުގެ އެހަރަކާތުން ސަމީރާއަށް މާޔޫސީ ގޮތަކަށް ބޯހޫރާލެވުނެވެ.
"ދަރިފުޅާ.....މިއީ ސާރާގެ މަންމައާއި ބައްޕައެއްނު......ދަރިފުޅުގެ މައިދައިތައާއި ބަފާބެއޭ....." ސަމީރާ ތޮލާލުގެ އަތުގައި ހިފަހައްޓާލިއެވެ.
"ކޮން ސާރާއެއް!؟" ތޮލާލު ބޯކަހާލަމުން ވިސްނާލިއެވެ. އިސްމާއީލް މަނިކު ވަގުތުން ޖީބުގައި އޮތް މޯބައިލް ފޯނު ނަގައި ވާހިދަށް ގުޅިއެވެ. ތޮލާލު ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ.
އޭގެ މާގިނައިރުތަކެއްނުވެ ވާހިދު ޢަބްދުﷲބެ ގޮވައިގެން އައިސް ވަނެވެ. ފުރަތަމަ އިސްމާއީލް މަނިކު ވެގެންއުޅޭގޮތް ޢަބްދުﷲބެއަށް ކިޔައިދިނެވެ.
"މާބޮޑަށް ފިކުރުބޮޑުނުކުރޭ. ތިޔައީ މާބޮޑު ކަމެއް ނޫން. އަހަރެން ލިޔެދޭ ތަށްޓެއް އެސޮރަށް ބޯންދިނުމަށްފަހު އަހަރެން ތައްޔާރު ކޮށްދޭނަން ތަވީދެއް. މިރޭ އެސޮރު ނިދީމަ ފައިގައި އައްސާލާތި. އިރާދަފުޅު ކުރެއްވިއްޔާ ހެނދުނު ހަމައަކަށް އެޅޭނެ....." މިހެން ބުނެފައި ޢަބްދުﷲބެ ތޮލާލުގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އޭނާ ކޮޓަރިއާ އަރާ ހަމަކޮށް ދޮރުގައި ޓަކިޖަހާލިއެވެ.
"ވަދޭ އެތެރެއަށް....." ކޮޓަރިތެރެއިން ތޮލާލުގެ ހުއްދަ ލިބުމާއެކު ޢަބްދުﷲބެ އެތެރެއަށް ވަނެވެ. ޢަބްދުﷲބެ ފެނުމާއެކު ނުވެސް ދަންނަ މީހަކު ކޮޓަރިއަށް ވަނީތީ ތޮލާލު ހައިރާންވިއެވެ. ޢަބްދުﷲބެ ވަންގޮތަށް އައިސް ތޮލާލު އޮތް އެނދުގައި އިށީނދެ އޭނާގެ އަތުގައި އޮތް ފޮތް ހުޅުވާލިއެވެ.
އެފޮތް ހުޅުވާލުމާއެކުވެސް ތޮލާލަށް އެނގުންވާން ފަށައިފިއެވެ. މަޑުމަޑުން ކުރީގެ ހަނދާންތައް އޭނާގެ ސިކުނޑިއަށް އާވާން ފެށިއިރު ހީވީ މީހަކު އޭނާގެ ހަނދާންތަކުގައި ހިފަހައްޓައިގެން ހުރެފައި ކުރިމައްޗަށް ބަންޑުން ކޮށްލީހެންނެވެ.
އެދުވަހު ޢަބްދުﷲބެ އެގެއިން ދިޔައީ ހެނދުނު ތެދުވާއިރު ތޮލާލު ހުންނާނީ ކުރީގެ ހަނދާންތަކާއެކުކަން ޔަގީންކޮށްދީފައެވެ. ވީވެސް އެހެންނެވެ. ހެނދުނު ހޭލެވުމާއެކު އޭނާއަށް ހޯދަން ފެށުނީ ސާރާ ފެނޭތޯއެވެ.
"ސާރާ.....ސާރާ....." ތޮލާލު ސާރާއަށް ގޮވަމުން ގޮސް ކޮޓަރިން ނުކުތެވެ. އެއީ ސާރާގެ އަތުގައި ހިފައިގެން ހުސްނާއާއި އިސްމާއީލް މަނިކު އެގެއަށް އައިސް ވަން ވަގުތެވެ.
ތޮލާލު ފެނުމާއެކު ސާރާގެ ދެލޮލުން ކަރުނަ ވިދައިގަތެވެ. އޭނާއަށް މަޑުޖެހިލެވުމާއެކު ތޮލާލާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭރު ތޮލާލަށްވެސް ހުރެވުނީ ކުރީގެ ހަނދާންތަކާއެކު ސާރާއަށް ބަލަހައްޓައިގެންނެވެ.
"ތޮލާލް......." ވައިއަޑުން ތޮލާލަށް ގޮވާލަމުން ސާރާ ތޮލާލާ ދިމާއަށް ހިނގައިގަތެވެ. ތޮލާލުވެސް ޗާބީ ދީފައިވާ ބުދެއް ފަދައިން ސާރާއާ ދިމާއަށް ހިނގައިގަތީ މަޑުމަޑުން ސާރާއަށް ގޮވާލަމުންނެވެ. ހިތްހަމަޖެހިފައި ތިބި ދެފަރާތުގެ އާއިލާގެ މީހުން އެތާނގައި ނުތިބެ ބަދިގެފަރާތަށް ދިޔައެވެ.
"ސާރާ ކޮންތާކުން ސާރާ ތިއައީ؟" ސާރާއާ އަރާ ހަމަކޮށް ސާރާގެ އަތުގައި ހިފަހައްޓާލަމުން ތޮލާލު ވާހަކަ ދެއްކިއެވެ. ރޮއިގަނެވުމާއެކު ސާރާއަށް ތޮލާލުގެ ހަށިގަނޑުގައި އޮޅުލައިގަނެވިއްޖެއެވެ،
އެދުވަހަށްފަހު ދެން އައީ ސާރާއާއި ތޮލާލުގެ ހަޔާތަށް އައި އުފާވެރި ދުވަސްތަކެވެ. ފާއިތުވެދާ އުފާވެރި ދުވަސްތަކުގައި ސާރާއާއެކު ތޮލާލު އުފާވެރި ހިތްހަމަޖެހުން ހިއްސާ ކުރަމުންދާއިރު އޭނާގެ ފަރާތުން ލިބުނު ހިތްދަތިކަމާއި ނިކަމެތިކަން ބަރުދާސްތު ކުރަމުންދާ އަންހެން ކުއްޖަކު އުޅޭކަން އޭނާއަށް ނޭނގޭކަހަލައެވެ.
އާއެކެވެ. ސ. ހިތަދޫ ސޯސަންގޭ އިބްރާހީމްއާއި ފާތުމާގެ ދަރިފުޅު ފަޒީލާ އަދިވެސް ތޮލާލުގެ ހަނދާންތައް އައުކޮށްކޮށްފައި ރޮއިހިތާމަ ކުރެއެވެ. އޭނާގެ އުނގުގައި މިހާރުވެސް އެއޮތީ ތޮލާލުގެ ހަނދާނެވެ. ރަށު މީހުންނަށާއި އާއިލާގެ މީހުންނަށް ޙަޤީޤަތް ނޭނގުނަސް އޭނާ މަސަލަސް ކުރަމުން އެދާ ހަނދާންތަކަކީ ކިހިނެއް އުފަންވެފައިވާ ހަނދާންތަކެއްކަން އެނގޭނީ އޭނާއާއި އޭނާގެ ރަޙްމަތްތެރިޔާ ޒުހުދާއަށެވެ. އޭނާގެ އުނގުގައި ނިދިފައި އޮތް ދަރިފުޅުގެ މޫނުމައްޗަށް ބަލައިލެވޭ ކޮންމެ ފަހަރަކުވެސް އެދަރިފުޅުގެ މޫނުމަތިން އޭނާއަށް ސިފަވަނީ ތޮލާލުގެ ސޫރައެވެ. ނަމަވެސް އޭނާގެ ޚިޔާލާއި އޭނާގެ މަންމަ ފާތުމާގެ ޚިޔާލު ތަފާތެވެ. ފާތުމައަށް ދަރިފުޅު ވައްތަރުވަނީ އޭނާގެ އެދަރިފުޅުގެ ބައްޕަ ކަމަށް ހީކުރާ ފަޒީލާގެ ކުރީގެ ފިރިމީހާ ޝިޔާމްއާއެވެ.
"ދަރިފުޅާ ފަޒީލާ.....މިދަރިފުޅު ދެކިލަން އައިސްދިނުމަށް މިސޮރުގެ ބައްޕަ ޝިޔާމަށް ގުޅާފަ ބުނަންވީނު." ފާތުމަ ފަޒީލާގެ އުނގުގައި އޮތް ދަރިފުޅު ތޯއިންއާ ލޯބިކޮށްލަމުން ބުންޏެވެ.
"ނޫން....ނޫން..... އަހަންނަށް އަހަރެންގެ މިދަރިފުޅު ބެލެހެއްޓޭނެ....." ފަޒީލާގެ ލޮލަށް ކަރުނައިގެ އަސަރު ފާޅުވިއެވެ.
"ދަރިފުޅާ.....އޭނަގެ އަތުން ބައިވަރު އެއްޗެތިތަކެއް ހޯދާ ވާހަކައެއް މަންމައެއް ނުބުނަން. އޭނާގެ ދަރިއަކު އުފަންވިކަން އޭނާއަށް އަންގާލަންވާނެއެއްނު....." ފަޒީލާގެ ގާތުގައި އިށީންނަމުން ފާތުމަ ބުންޏެވެ.
"އަހަރެން ކޮންމެވެސް އިރަކުން ގުޅާލާފަ ބުނެފާނަން. މަންމަ މާބޮޑަށް ނުވިސްނަބަލަ." ފަޒީލާ ހިންދިރުވާލަމުން ބުންޏެވެ. ފާތުމަ އިތުރަކަށް އެވާހަކައެއް ނުދައްކައެވެ. އޭނާ އެންމެ ރަނގަޅޭ ބުނެފައި އެތަނުން ނުކުތީއެވެ. ފަޒީލާގެ ލޮލަށް ގިނަވެފައިހުރި ކަރުނަތައް ފައިބައިގަތީ އެއާއެކުހެނެވެ. ފަހުން އޭނާއަށް ރަނގަޅަށް ރޮވިއްޖެއެވެ. ހިތަށް އެރިއެވެ. މަންމަމެން ކިތަންމެ ޝިޔާމަށް ގުޅަން އުޅުނަސް އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ މަންމަމެނަށް ޙަޤީޤަތް އެނގޭނަމަ އެވާހަކަ ނުދެއްކީހެވެ. ފަޒީލާ އުއްމީދުކުރެއެވެ. އެދަރިފުޅުގެ މުސްތަޤްބަލް އަނދިރިވިޔަނުދީ މަންމަގެ ލޯތްބާއި އެއްވަރަކަށް ބައްޕައެއްގެ ލޯބިވެސް ހޯދައިދިނުމަށެވެ.
ކޮޓަރި ދޮރު ހުޅުވާފައި ޒުހުދާ އައިސްވަނީ ފަޒީލާ އެގޮތަށް ރޮވިފައި އިންދައެވެ.
"ފަޒީ....... ރޮނީތަ؟" ޒުހުދާ އައިސް ފަޒީލާ ގާތުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. ފަޒީލާ ދެލޯ ފޮހެލިއެވެ.
"އުނހު....ނުރޮން...." ފަޒީލާ އޭނާގެ ހިތްދަތިކަން ސިއްރު ކުރަމުން ބުންޏެވެ. ނަމަވެސް ޒުހުދާއަކީ އެންމެ ކުޑައިރުއްސުރެންވެސް އޭނާގެ ޙަޤީޤަތާއި އުޅުން ދަސްކޮށްފައިވާ މީހަކަށްވާތީ، ފަޒީލާއަކަށް އޭނާއަކަށް އެއްކަމެއްވެސް ސިއްރެއް ނުވެއެވެ.
"ރޮއިރޮއި އިނދެފަވެސް ފަޒީ ތިބުނަނީ ނުރޮމޭ، ކިތައްދުވަހު، ކިތައްފަހަރު އަހަރެން ބުނެފިން ބޭވަފާތެރި ފިރިހެނަކާ ދޭތެރޭ ވިސްނާފައި ދެލޯ ފާރުނުކުރާށޭ." ތެދެކެވެ. އެއީ ޒުހުދާ ކޮންމެ ދުވަހަކުވެސް ފަޒީލާއަށްދޭ ނަސޭހަތެކެވެ.
މިއާދައިގައި ފަޒީލާގެ ޙަޔާތުގައި ހިތްދަތި ދުވަސްތަކެއް ފާއިތުވަމުންގޮސް ފަޒީލާގެ ދަރިފުޅު ތޯއިންއަށް އަހަރު ފުރުމާއެކު ދަރިފުޅަށް ބައްޕަގެ ލޯބި ހޯދައިދިނުމަށްޓަކައި ފަޒީލާ ވިސްނަން ފެށިއެވެ.
"ކޮންކަމަކާ ތިވިސްނަނީ ބަލީތަ؟" އަމީން ވާހަކަ ދެއްކީ އޭނާގެ އަނބިމީހާ ރީޝާއާއެވެ.
"އޭނ....ކިހިނެއްތަވަނީ.....ހިނގާ އަވަހަށް ޑޮކްޓަރަށް ދާން....." އަމީން ރީޝާގެ އަތުގައި ހިފެހެއްޓިއެވެ.
"ނޫން....ޑޮކްޓަރަށް ނުދެއްކިޔަސް އަދި ރަނގަޅުވާނެ.... ބާމުކޮޅެއް އުނގުޅާލީމާ ރަނގަޅުވެދާނެ.... ހިނގާ ސައިބޯން.....މިއަދު ހުންނާނެ ޕާން ބޯކިބާވެސް އަޅާފަ." ރީޝާ ކާގެއާ ދިމާއަށް ހިނގައިގަތެވެ.
"ސައިބޮއިގެން ޑޮކްޓަރަށް ދައްކަން ދާންވާނެ. މޭގައި ރިއްސުން ތިޔައީކީ ޑޮކްޓަރަށް ނުދައްކައި ދޫކުރާވަރުގެ ކަމެއް ނޫން." ރީޝާގެ ފަހަތުން ހިނގައިގަންނަމުން އަމީން ބުންޏެވެ. ނަމަވެސް ރީޝާ އެކަހަލަ ބައެއް ކަންތައްތަކުގައި ގޮތްދޫކުރާ އަންހެނަކަށް ނުވުމުން އެދުވަހު އޭނާ އެދުނުގޮތަށް އަމީނަށް މަޖުބޫރުވީ ހަތިޔާރު ބާއްވާށެވެ. ބޮޑުކޮޓަރީގައި ހުރި ފޯނު ރަނގަބީލުވާ އަޑު އިވެން ފެށީ އެވަގުތުއެވެ. ފުރަތަމަ އަމީން ހިނގައިގަތީ ފޯނާ ދިމާއަށެވެ.
"އައްސަލާމް އަލައިކުމް...." އަމީން ފޯނު ނެގިއެވެ. އެކޮޅުން ވާހަކަ ދެއްކީ ތޮއްޔިބެވެ.
"އަމީން....ފޯން އޮފް ކޮށްގެން ކީއްތިކުރަނީ...މިހާރު ކޮންއިރެއް އަހަރެން ގުޅަން އުޅޭތާ." ތޮއްޔިބު ބުންޏެވެ.
"އަޞްރު ނަމާދަށް އޮފް ކުރިގޮތަށް ހަނދާން ނެތިގެން އޮންނުކުރެވިއޮތީއޭ......އޭ އަވަސް އަރައިގަނެގެން ތިޔަގުޅަނީ މާބޮޑު ކަމެއް ލައިގަތީތަ؟" އަމީން އެއްއަތުން ޖީބުގައި އޮތް ފޯނު ނަގައި އޮން ކުރަމުން ވާހަކަ ދެއްކިއެވެ. އޭރު ރީޝާ ގޮސް ކާގެއަށް ވަދެއްޖެއެވެ.
"އޮފީސް ދަތުރެއްގަ ރާއްޖެތެރެއަށް ޖައްސާލަން އުޅޭތީ ކުޑަކޮށް ބާޒާރުކޮށްލަން ދާންކަމަށް ދެތިން ސޯޓާއި ޓީޝާޓްކޮޅެއްވެސް ގަންނަން އެބަޖެހޭވިއްޔަ." ތޮއްޔިބު އޮޅުންފިލުވިއެވެ.
"ކޮންރަށަކަށްތަ ދަނީ؟" އަމީން އެއްސެވެ.
"ލ މާންދުއަށް އެކޮޅުގައި މަހެއްހާ ދުވަސްވާނެ. އަހަރެން މިހާރު ދަންތަ ތިގެއަށް." އަމީނަށް ޖަވާބުދިނުމަށްފަހު ތޮއްޔިބު އެހިއެވެ.
"އާނ.....އަވަހަށް އަންނަންވާނެ.....އަހަރެން ސައިބޯން އުޅެނިކޮށް ތިގުޅީ.....އެކަމަކު ތިވީގޮތުން އަހަރެން ތޮއްޔިބު އަންނަންދެން މަޑުކުރާނަން.....އަވަހަށް އާދޭ......" އަމީން ފޯން ބާއްވާލިއެވެ.
ހަމައެވަގުތެވެ. ސާރާ ހުރީ ތޮލާލުގެ ގަމީހެއް އިސްތިރިކުރަން ކޮޓަރިތެރޭގައެވެ. ކޮޓަރި މޭޒުމަތީގައި ހުރި ފޯނު ރަނގަބީލުވާން ފެށީ ގަމީސް އިސްތިރިކޮށް ނިމެން އުޅެނިކޮށެވެ.
"ހަލޯ" ސާރާ އިސްތިރި ކުރުން ހުއްޓާލުމަށްފަހު ގޮސް ފޯނު ނެގިއެވެ
"ސާރާތަ؟ މިއީ ފަޒީލާ.....ކީއްވެތަ ފަހުން މީހަކާ އިންއިރު އަންގާވެސް ނުލީ......" ފަޒީލާ ވާހަކަ ދެއްކީ ސާރާގެ އަޑު ފާހަކަކޮށްގެންނެވެ.
"އަހަރެންގެ ވާހަކަ ދައްކާނެ.... ފަޒީވެސް ރަށަށް ދިޔަގޮތަށް ޚަބަރެއްވެސް ވީކީނޫން..... އަޅެ މާލެ އަންނަންވީނު. އަނެއްކާ ޝިޔާމް ކައިރިން ވަރިވެގެންގޮސް އެހެން މީހަކާ މެރީކުރީތަ މިހާރު؟" ފޯނުން ނަމަވެސް ކުރީގެ (މަދުރަސީ ދައުރުގެ) ރަޙްމަތްތެރިޔަކާ ދިމާވުމުން ސާރާހުރީ އިންތިހާއަށް އުފާވެފައެވެ.
********************
* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 53 އިން 56 ށެވެ.

ކިޔުންތެރިންގެ ހިޔާލު