ޞާދިރު ޢަލީދީދީ   27 ޖޫން 2021 - 14:32
ބޯގަންވިލާ
ބޯގަންވިލާ
15 ވަނަ ބައި

................

"އަހަރެންގެ ވާހަކަ ދައްކާނެ.... ފަޒީވެސް ރަށަށް ދިޔަގޮތަށް ޚަބަރެއްވެސް ވީކީނޫން..... އަޅެ މާލެ އަންނަންވީނު. އަނެއްކާ ޝިޔާމް ކައިރިން ވަރިވެގެންގޮސް އެހެން މީހަކާ މެރީކުރީތަ މިހާރު؟" ފޯނުން ނަމަވެސް ކުރީގެ (މަދުރަސީ ދައުރުގެ) ރަޙްމަތްތެރިޔަކާ ދިމާވުމުން ސާރާހުރީ އިންތިހާއަށް އުފާވެފައެވެ.

"ސާރާ....ބުނެލާހާ ފަސޭހައިން އަހަރެން ކިހިނެއް މާލެދާނީ.....ކޮންތާކު ހުންނާނީ.....މިހާރު ކިޑެއްވެސް އެބައޮތް....." ފަޒީލާގެ އަޑު ހިތާމައިގެ އަސަރުން ބެދެން ފެށިއެވެ.

"އަޅެ......ރަށަށް ދިޔައިރު ބަލިވެއިން ވާހަކަ ނުވެސް ބުނަމެއްނު.....އަޅެ އަހަރެން މިހާރު ފަޒީލާގެ ދަރިފުޅުވެސް ދެކިލާހިތްވެއްޖެ. އަހަރެން ހުންނަ ތަނެއްގަ ފަޒީއަށް ހުރެވޭނެ. އަހަރެން ފިރިމީހާއާ ވާހަކަ ދައްކައިގެން ހުރިހާ ކަމެއްވެސް ހަމަޖައްސާނަން. ކާކު މިގޭ ނަންބަރު ދިނީ؟" ސާރާ ވާހަކަ ދައްކަމުން ގޮނޑީގައި އިށީނެވެ.

"ހުސްނާ ނާދޭތަ؟ ސާރާއަށް ކިޑެއް ލިބޭކަށް ނޫޅޭތަ؟" ސާރާއަށް ޖަވާބު ދިނުމަށްފަހު ފަޒީލާ އެއްސެވެ.

"ކިޑަކަށް އިންތިޒާރު އެބަކުރެވޭ.... އަޅެ ފަޒީއަށް ގުޅޭނެ ނަމްބަރުދީބަލަ......" ސާރާ ފޯން ބޭއްވީ ފަޒީލާގެ ނަމްބަރުވެސް ނޯޓް ކުރުމަށްފަހު ހުރިހާ ކަމެއް ނިންމާފައި ފަހުން ގުޅާނެ ކަމަށް ބުނެފައެވެ. އެފޯން ކޯލަށްފަހު ފަޒީލާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ކަހަލައެވެ.

"މަންމާ......އަހަރެން އެބަ ގަސްދުކުރަން ދަރިފުޅު ގޮވައިގެން މާލެދާން...." ފަޒީލާ ފުރަތަމަ ފަހަރަށް މާލެ ދިއުމާ ބެހޭގޮތުން މަންމައާ މަޝްވަރާ ކުރިއެވެ.

"މާލެ ދާންށޭ" ކޮންތާކުގޮސް ހުންނާނީ. ޝިޔާމްމެން ގެއަކު ނުއެއް ހުރެވޭނެއެއްނު.....ހުރެވުނަސް ކައިވެނިނުކޮށް އެގޭގައި އުޅޭކަށް މަންމަ ގަބޫލެއް ނޫން." ފާތުމަ ބުންޏެވެ.

"މަންމަ ދައްކަފާނެ ކޮންމެފަދަ ވާހަކައެއްވެސް. އަހަރެން ދެން އެގޭގަ ހުންނަން ޚިޔާލުވެސް ނުކުރާނެއެއްނު. ސާރާ ބުންޏޭ ގޮތެއް ހަމަޖައްސާފައި ގުޅާނަމޭ." ފަޒީލާ ނިދާފައި އޮތް ދަރިފުޅާ ލޯބިކޮށްލިއެވެ.

"ސާރާއަކީ ދަރިފުޅުގެ މާގާތް ރަޙްމަތްތެރިޔަކީތަ؟" މީހުން ބުނޭ މިހާރު މާލޭގައި ކުއްޔަށް ނޫނީ ނޫޅެވޭނެޔޭ......" ފާތުމަ ބުންޏެވެ.

"އާނ....ސާރާ ވަރަށް ރަނގަޅުވާނެ. އަހަރެމެން އެއްކުލާހެއްގައި ވަރަށްގިނަ ދުވަހު އުޅުނިން. ސާރާ މަންމަވެސް ވަރަށް ހެޔޮވާނެ." ފަޒީލާ ސާރާގެ އިތުރުން ސާރާގެ މަންމައަށްވެސް ތަޢުރީފު ކުރިއެވެ.

ޖެހިގެން އައި ދުވަހު ސާރާ ފަޒީލާއަށް ގުޅިއެވެ.

"ފަޒީ.....އާދޭ....ފަޒީއާއި ދަރިފުޅަށް ކިތަންމެ ދުވަހެއް ވަންދެންވެސް މިގޭގައި އުޅެވޭނެ.....މައިދައިތަ ނުލާހިކު ރަނގަޅުވާނެ. އަހަރެން ރައްޓެއްސަކު އަންނަ ވާހަކަ ބުނާއިރަށް މިގޭ ކުއްޔަށް ދީފައި ހުންނަ ދެކޮޓަރިން އެއްކޮޓަރި ހުސްކުރަން ބުނެފި....އެކަމަކު އަންނަމަހު އެކެއްގަ ހުސްވާނީ....ވަރިހަމަ އެއަށްވުރެން ކުރީގައި ފަޒީއަޔަސް.....މިއޮއް ދުވަސްކޮޅު މަންމަމެންގެ ކައިރީގައި ފަޒީއަށް ހުރެވިދާނެއެއްނު.....ޓިކެޓް ނަގަން ރުފިހާ ފޮނުވަންތަ؟" ސާރާ ދިނީ ފަޒީލާ އުއްމީދުކޮށް އިންތިޒާރު ކުރިފަދަ ޖަވާބެކެވެ.

"އަހަރެން ޓިކެޓް ނަގާފާނަން....ހުރިހާ ބުރައެއް ސާރާ އުފުލަން ނަހަދާ.....ފުރަންވީމަ އަހަރެން ގުޅާނަން....." ލިބުނު ހިތްހަމަޖެހުމާއެކު ފަޒީލާ ބުންޏެވެ.

"ފަޒީ ދެން ބާއްވަނިއްޔޭ.....މިގުޅީ ބަދިގެތެރޭ ވަރަށް އަވަދިނެތި ހުރެފައި......އަންނަންވީމަ ގުޅައްޗޭ.....އޭރުން އަހަންނަށް އެއަރޕޯޓަށް ދެވޭނީ....." ސާރާ ފޯނު ބޭއްވިއެވެ.

ދަރިފުޅުގެ ބައްޕައާއި އެއްފަސްގަނޑަކަށް ދެވޭތީ ފަޒީލާގެ ހިތް އުފަލުން ފުރުނުކަހަލައެވެ. އެދުވަހުން ފެށިގެން އޭނާ އިންތިޒާރުގެ ވަގުތުތައް ގުނަން ފެށިއެވެ.

"ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ. ސާރާ އަހަންނަށް މާލޭގައި އުޅެވޭނެ މަގު ތަނަވަސްކޮށްދީފި." ފަޒީލާ ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ޒުހުދާއާއެވެ. އެމީހުން ވާހަކަ ދައްކަން ތިބީ ފަޒީލާމެންގޭ ގޯތިތެރޭގައި އެލުވާފައި ހުރި އުނދޯލީގައެވެ.

"އެކަމަކު....މާލޭގައި އުޅެވިދާނެ. ފިރިހެނަކާ ދެކޮޅަށް ނުކުމެ އަހަރުމެންކަހަލަ ނިކަމެތި އަންހެނަކަށް ކުރެވޭނީ ކޮންކަމެއްތަ؟ އަހަންނަކަށް އެއްގޮތަކަށްވެސް ނުފެނޭ ފަޒީލާ ތޮލާލް އާ ކުރިމަތިލާކަށް....." ޒުހުދާގެ ޚިޔާލު ފަޒީލާގެ ޚިޔާލާ ތަފާތުވިއެވެ.

"ތިހެން ނުބުނޭ ޒުހުދާ، އަހަރެން މުޅި މާލޭގަ އަތްފުނާ އަޅައިގެންވެސް އޭނަ ހޯދާނަން." ފަޒީލާ ޢަޒުމް ކަނޑައެޅިއެވެ. ޙަޤީޤަތުގައިވެސް އޭނާއަކީ އެހާ ފަސޭހައިން ދިރިއުޅުމުގެ މައިދާނުގައި ވަރުބަލިވެ ހަތިޔާރު ބަހައްޓާނެ މީހެއް ނޫނެވެ. އޭނާގެ ފުރަތަމަ ޒަވާޖީ ހަޔާތްވެސް އޭނާ ހޭދަކުރީ ފިސާރި ވޭނާއި ހިތްދަތިކަން ބަރުދާސްތު ކުރަމުންނެވެ. އޭނާ ޝިޔާމްގެ ޙަޔާތުން އަމިއްލައަށް ދުރުވެގަތީ އެއީ އެއްވެސް މުސްތަޤްބަލެއް ނެތް ޒަވާޖެއް ކަމަށް އޭނާގެ ޒަމީރު އެއްބަސްވީމައެވެ. ނަމަވެސް އޭނާ އޭގެކުރިން ޝިޔާމްގެ ހުރިހާ ޙަޤީޤަތެއް ހޯދިއެވެ. އޭނާ ޝިޔާމްގެ ކިބައިން މިނިވަންވުމަށް އެދުނީ އެއަށްފަހުގައެވެ.

އޭނާ ތޮލާލު ދިއްކުރި އަތުގައި ހިފީ ކުރީގެ ފިރިމީހާގެ ކިބައިން ލިބުނު ހިތްދަތިކަމުން ސަލާމަތްވެ ހިތްހަމަޖެހުމާއި އުފާވެރި ކަމުގެ އައްސޭރިއަކަށް އާދެވޭނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ތޮލާލު ދިޔައީ އޭނާގެ އުއްމީދުތައް ވެއްޔާ މޮޑެލާފައެވެ.

ކޮންމެ މީހަކުވެސް ކޮންމެ ބަޔަކުވެސް ޙަޔާތާ ދޭތެރޭ ފޮނި ހުވަފެންތަކެއް ދެކޭނެއެވެ. އެފަދައެވެ. ރީޝާވެސް އަމީން އާއި ޒަވާޖީ ގުޅުމަކުން ބަނދެވުނީ ފޮނި އުއްމީދުތަކެއް ކޮށްފައެވެ. އެގުޅުމުގެ ކުރީކޮޅު އަމީނުގެ ލޯބި ހޯދުމުގައި އޭނާ ނުކުޅެދުނަސް މިހާރު އަމީންގެ ފަރާތުން އޭނާއަށް އިންތިހާއަށް ލޯބި ލިބެއެވެ.

"އަޅެ.....އަމީން އަހަރެން އެކަނިކޮށެއް ނުލާނަންދޯ؟" ރީޝާއަށް އަދިވެސް އަމީންގެ ލޯތްބާ ދޭތެރޭ ޔަގީންކަމެއް ނެތެވެ. އަބަދު އެސުވާލު އޭނާއަށް ތަކުރާރު ކުރެވެނީ އެހެންވެގެންކަން ގައިމެވެ.

"ރިޝާ.....ޔަގީންކުރޭ......ރީޝާތީ އަހަރެން މާޒީއާ ދުރަށް ގެންގޮސް މުޅިން އާ ދިރިއުޅުމުގެ މަގަކަށް އަޅުވާލަދިން މީހަކީ....އަހަރެންގެ އުމުރުގެ ބާކީ އޮތް ދުވަސްތައް އަހަރެން ހޭދަކުރަން ބޭނުންވަނީ ރީޝާ އުފާކޮށްދީ ލޯބިދޭން....." އަމީން ނުހަނު ލޯތްބާއެކު ރީޝާ މެޔާލާ ބޮނޑިކޮށްލިއެވެ. ލިބުނު ހިތްހަމަޖެހުމާއި އުފަލާއެކު ރީޝާއަށް އަމީންގެ މޭގެތެރޭގައި މޫނު ފޮރުވާލެވުނެވެ.

"ރީޝާ.....މިހާރުވެސް މެޔަށް ތަދުވޭތަ؟ ކުރީދުވަހުވެސް ބުނެބުނެ ޑޮކްޓަރަކަށް ދައްކަން ރީޝާ އެއްބަހެއްނުވި.....ދެން ރިއްސަންޏާ އަހަންނަށް ސިއްރު ނުކުރައްޗޭ....." އަމީން ރީޝާ އަތުލަފިކޮށްގެން ގޮސް އެނދުގައި އިށީނެވެ.

"މިހާރުވެސް ކޮންމެވެސް ވަރަކަށް އެބަރިއްސާ މާދަމާ ދާނީދޯ ހޮސްޕިޓަލަށް...." ރީޝާ ބުންޏެވެ. އަމީން ބޯޖަހާލަމުން އެނދުގައި އޮށޯވެއްޖެއެވެ. ރީޝާ ތެދުވެގެން ހިނގައިތެވެ.

"ކޮންތާކަށް؟" ސާރާ ވާހަކަ ދެއްކީ އޭނާގެ ފިރިމީހާ ތޮލާލުއާއެވެ. ސާރާ އެސުވާލުކުރީ ތޮލާލު އޭނާގެ އަތުގައި ހިފައިގެން ހިނގައިގަތުމުންނެވެ.

"މިރޭ އަހަރެން ކާލާހިތްވަނީ މިނޫން އެހެން މާހައުލެއްގައި، މިބުނީ ކާލަން ރެސްޓޯރެންޓަށްދާ ވާހަކަ....އާދޭ." ތޮލާލު ސާރާގެ އަތުގައި ހިފައިގެން ގޮސް ގޯތިތެރޭގައި ހުރި ސައިކަލަށް އެރިއެވެ. ސާރާ ހީލަމުން ފަހަތަށް އަރައި ހަމަޖެހިލިއެވެ. ތޮލާލު ސައިކަލް ދުއްވާލިއެވެ.

"ތޮލާ.....މިއަދު މަންމަމެންގެއަށް ދިޔައީމަ....ވަރަށް ވާހަކަ ދެއްކި....." ސާރާ ތޮލާލުގެ ކޮނޑުގައި ބޯއަޅާލަމުން ބުންޏެވެ.

"ކޮންވާހަކައެއްތަ ދެއްކީ؟ މާމަ ދަރިއަކު ބޭނުންވާ ވާހަކަދޯ؟" ތޮލާލު ސައިކަލުގެ ދުވެލި ތަންކޮޅެއް މަޑުކުރިއެވެ.

"އާނ! ކިހިނެއް އެނގުނީ؟"

"އަހަރެންގެ މަންމަވެސް މިހާރަކަށް އައިސް ކިޔާ އެއްޗެއްވިއްޔަ....އެހެންވެ ހިތަށްއެރީ ހަމަ....." ތޮލާލު ހީގަތެވެ. ތޮލާލު ސައިކަލް މަޑުކުރީ ސިންފަނީ ގޯޅިތެރެއަށެވެ. ސާރާ ސައިކަލުން ފޭބިއެވެ.

"ހިނގާ ވަންނަން." ސައިކަލް ޕާކް ކުރުމަށްފަހު ތޮލާލު ސާރާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ގާތްގަނޑަކަށްހެން ފުލްވެފައިވާ ރެސްޓޯރެންޓްގައި ހުހަށްހުރި ދެމޭޒުގެ ތެރެއިން އެންމެ ނިވާކަން ބޮޑު މޭޒުގައި ސާރާ އާއި ތޮލާލު އިށީނެވެ. އެއާއެކުހެން ވެއިޓަރަކު އައިސް މެނޫ ތޮލާލާ ދިމާއަށް ދިއްކުރިއެވެ.

"ކޯއްޗެއް ސާރާއަށް ގެންނާނީ؟" މެނޫއަށް ބަލަން އިނދެފައި ތޮލާލު އެއްސެވެ.

"ތޮލާއަށް ފެންނަ އެއްޗެއް ގެނައިމަ ރަނގަޅުވާނެ. ބޯން އަހަރެން ބޭނުމީ ކޮފީއެއް." ސާރާ ބުންޏެވެ.

"މިތާކުން އަހަންނަކަށް އެކައްޗެއްވެސް ނުފެނޭ.....ފެންނާނީ ބަދިގެއަށް ދިޔައީމަ...." ތޮލާލު ސާރާއާ ސަމާސާ ކޮށްލިއެވެ.

"ހެވޭ....ނުފެނުނަސް. ތިހެންވީއިރު ތޮލާލުއަށް ގެންނަ އެއްޗެއް އަހަންނަށް ގެނޭ." ސާރާ ތުން އަނބުރާލަމުން ތޮލާލާ ދިމާއަށް ލޯއަޅާލިއެވެ.

"އަހަރެން ގެންނަން މިއުޅެނީ ކްލަބް ސޭންޑްވިޗެއް. ސާރާއަށްވެސް ގެންނަންވީތަ؟" ތޮލާލު އެއްސެވެ.

"އާ....އެކަމަކު އަހަންނަށް ކެވޭނީ އެއްބައި. އަސްލު މިރޭ އެހާ ކާހިތެއްވެސް ނެތް." ސާރާ ބުންޏެވެ. ތޮލާލު އޯޑަރުދިނެވެ.

"ތޮލާ....މާދަމާ ނޫން އަނެއްދުވަހު ފަޒީ އަންނާނެ." ސާރާ ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ބުންޏެވެ. ސާރާގެ އެޖުމްލައާއެކު ތޮލާލަށް ތެޅިގަނެވުނެވެ.

"ފަޒީއޭ! ކޮންފަޒީއެއް؟" ތޮލާލުގެ ހިތް އަވަސްވިއެވެ.

"ކުރީ ދުވަހެއްގަ ބުނީމެއްނު.....އަހަރެންގެ ވަރަށް ގާތް ރައްޓެހި އައްޑޫ ކުއްޖަކު މާލެ އަންނަ ވާހަކަ....." ސާރާ އޮޅުންފިލުވައިދިނެވެ. ތޮލާލުގެ މޫޑު ވަގުތުން ބަދަލުވިކަހަލައެވެ. އޭނާގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަން ޓަކިޖަހަން ފެށިކަހަލައެވެ.

"އައްޑޫ ކޮންރަށަކު ކުއްޖެއްތަ؟" އިރުކޮޅެއްވަންދެން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނދެފައި ބޭއިޚްތިޔާރުގައި ތޮލާލަށް އަހާލެވުނެވެ.

"ހިތަދޫ.....އެއީ އެއަތޮޅުގައި ހުންނަ އަހަރެންގެ ހަމައެކަނި ރައްޓެއްސަކީ." ސާރާ ޖަވާބުދިނެވެ. ޖަވާބުދިން ވަގުތު އޭނާއަށް ތޮލާލުގެ މޫނަށް ސީދާ ބަލަހައްޓައިގެން ނުހުރެވުނީ ނަސީބެކެވެ.

ގައިމެވެ. އެހެން ނޫންނަމަ އެވަގުތު ތޮލާލުގެ މޫނުމައްޗަށް އަރާ ފޭބި ކުލަވަރުން އޭނާގެ ހިތުގައި ކޮންމެވެސް ޝައްކެއް އުފެދުނީހެވެ.

"އެއީ އަނެއްކާ އެފަޒީލާބާ؟" މިސުވާލު ހިތަށްއެރި ނަމަވެސް ޔަގީންކުރަން ސާރާ ގާތު އަހާލާކަށް އޭނާއަކަށް ނުކެރުނެވެ. އަމިއްލައަށް ކުރެވޭ ކަމަކުން ފަޟީހަތްވެދާނެތީއެވެ.

އެރޭ ގެއަށްގޮސްވެސް ތޮލާލު ވިސްނިއެވެ. ކުރިމަތިވާން އުޅެނީ ކޮންފަދަ ކަންތައްގަނޑެއްބާއޭވެސް އޭނާގެ ހިތަށް އެތައްފަހަރަކު އެރިއެވެ. ނިދިޖެހޭއިރަށްވެސް އެރޭ އޭނާއަށް ސިފަވަނީ ފަޒީލާއެވެ. ފަޒީލާ ގާތު އޭނާވީ ވަޢުދުތަކުގެ ހަނދާންތަކެވެ.

"އައިމް ސޮރީ ފަޒީލާ....." ކިތަންމެފަހަރަކު ހިތާހިތާ ފަޒީލާގެ ކިބައިން މަޢާފަށްވެސް އެދެވުނެވެ. ސާރާގެ ރަޙްމަތްތެރިއަކީ އެފަޒީލާއަށް ނުވުމަށްއެދި ދުޢާވެސް ކުރެވުނެވެ. އެރޭ ހަތަރުދަން ފާއިތުވެދިޔައީ އެނުތަނަވަސްކަމުގައެވެ. އެހެންކަމުން އިރު އެރިއިރު އޭނާގެ ދެލޯވެސް ވަނީ ރަތްވެފައެވެ. މިހާރު ސާރާއަށް ވުރެން ބޮޑަށް ސާރާގެ ރަޙްމަތްތެރިޔާއަށް އިންތިޒާރު ކުރެވެނީ އޭނާއަށެވެ. ވުމާއެކު އޭނާއަށް ބޭއިޚްތިޔާރުގައި ފަޒީލާއާ ބެހޭގޮތުން ސުވާލުކޮށްލެވުނު ވެސްމެއެވެ.

"ސާރާގެ ރަޙްމަތްތެރިޔާ އަންނަނީ ޗުއްޓީއަކަށްތަ؟" ކޮޓަރި ހުސްކުރަން ތިބި މީހުންނަށް ނަޒަރު ހުއްޓައިގެންހުރެ ތޮލާލު އެއްސެވެ.

"ނޫން.....ދުވަސްކޮޅަކު މާލޭގައި ހުރެލަން...." ސާރާ ބުންޏެވެ.

"އެހެންތަ؟ އެބައަންނަން އޮފީހަށް ގޮސްލާފައި." ތޮލާލު ނުކުތެވެ. އޭނާ ބޭރަށް ނުކުމެ މޯބައިލް ފޯނުން އައްޑުއަށް ގުޅިއެވެ. އޭނާ ގުޅީ މަޞީހުގެ ގެއަށެވެ. ފޯނު ނެގީވެސް މަޞީހެވެ.

"މަޞީހު.....އަހަންނޭ.....މިގުޅީ ވަރަށް ބޮޑުކަމަކު....އެއްކަލަ ފަޒީލާ މާލެ ފުރަން އުޅޭތޯ ބަލައިދީފާނަންތަ؟ މިއުޅެނީ ވަރަށްބޮޑު ހެޑޭކަކާ ކުރިމަތިވެގެން....ސާރާގެ މާގާތް ރެއްޓެހި ފަޒީލާ ކިޔާ ކުއްޖަކު މާލެ އަންނަނީޔޯ ސާރާ ބުނާތީ...." ތޮލާލު އެއްނޭވާއިން ގިނަވާހަކަތަކެއް ދައްކާ ނިންމާލިއެވެ.

"ތިއޮތީ ކަންތަކާ ޖެހިފައި. ސާރާ ބުނާ ފަޒީލާއަކީ އޭނާއަށް ވެއްޖެއްޔާ ބޮޑު ހައިޖާނަކަށްވާނެދޯ؟" މަޞީހު ހީގަތެވެ. ނަމަވެސް ތޮލާލު ހިންޏެއް ނާދެއެވެ.

"އޭތް....ސަމާސާނުކޮށް ބަލައިދީބަލަ." ތޮލާލު ހުރީ ވަރަށް ސީރިއަސް މޫޑެއްގައެވެ.

"އެންމެ ރަނގަޅު ހަމަ މިހާރު މިދަނީ." މަޞީހުގެ ވާހަކަވެސް ސީރިއަސްވިއެވެ.

********************

* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 57 އިން 60 ށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން