ހުޅުމާލެ ބްރިޖް | ރަސް ފޮޓޯ
ހުޅުމާލެ ބްރިޖް | ރަސް ފޮޓޯ
ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް 10 ދުވަސްތެރޭ ކޮންޓްރެކްޓަރާ ޙަވާލު ކުރެވޭނެ ކަމަށް ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން މީޑިއާއަކަށް ދެއްވި އިންޓަވިއު އެއްގައި މިނިސްޓަރ އަސްލަމް ވިދާޅުވީ، ހިނގަމުންދާ މަސައްކަތްތަކަށް ބަލާއިރު ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ކޮންޓްރެކްޓްގައި ސޮއިކޮށް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

މީގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ، ތިލަމާލެ ބްރިޖް އެޅުމަށް މިމަސް ނިމުމުގެ ކުރިން ކުންފުންޏަކާ ޙަވާލުކުރެވޭނެ ކަމަށެވެ. ރައީސް ވިދާޅުވީ މިހާރު ކުރިޔަށްދަނީ ބިޑުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށާއި، އުންމީދަކީ ވީހާއަވަހަކަށް އެމަސައްކަތްތައް ނިންމާ ބްރިޖްގެ ޢަމަލީ މަސައްކަތް ފެށުން ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރައްގީގެ އެންމެ ބޮޑު މަޝްރޫޢު، ތިލަމާލެ ބްރިޖް އެޅުމުގެ މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ 400 މިލިއަން ޑޮލަރުގެ އެހީ ހަމަޖައްސައިދީފައެވެ. މި ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ މަޝްރޫއު ނިމޭތާ ފަސް އަހަރު ދުވަސް ފަހުން ކަމަށާއި ލޯނު އަނބުރާ ދައްކަން 20 އަހަރު ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ. މި މަޝްރޫއަށް އިންޑިއާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭއެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ 67 ކިލޯމީޓަރުގެ ބްރިޖުތަކާއި ކޯޒްވޭ ތަކުގެ މައްޗަށް އެކުލެވޭ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ވެގެންދާނީ މާލެ، ހުޅުލެ، އަދި ހުޅުމާލެ ގުޅީފަޅު ޕޯޓް އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން ގުޅުވައިދޭ ލައިފްލައިން އަކަށް ކަމުގައި ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. އަދި މި މަޝްރޫއަށް އިންޑިއާގެ އެހީ ފޯރުކޮށްދޭނެކަން އިއުލާނު ކޮށްފައިވަނީ ހުސްވިއަހަރުގެ އޮގަސްޓްމަހު އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖެއިޝަންކަރާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބޭއްވި ވާޗުއަލް ބައްދަލުވުމުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން