ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް
ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް
ރަޝިއާ ވެކްސިން ގެނައުމަށް އެޤައުމުގެ ސަރުކާރާއެކު އަދިވެސް އެއްބަސްވުމުގައި ސޮއި ނުކުރެވޭ ކަމަށް ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން މީޑިއާއަކާ ވާހަކަ ދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ، މިހާރު އުންމީދު ކުރެވެނީ ކުރިއަށް އޮތް ޖުލައި މަހުގެ 12 ވަނަ ދުވަހާއި 20 ވަނަ ދުވަހާ ދެމެދުގެ ތާރީޚެއްގައި އެ އެގްރީމެންޓްގައި ސޮއިކުރެވޭނެ ކަމަށެވެ.

މީގެ ކުރިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ، ސަރުކާރުން އަންނަނީ ރަޝިޔާ ސަރުކާރު މެދުވެރިކޮށް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންކަމަށެވެ. އެގޮތުން ސީދާ ރަޝިއާގެ ސަރުކާރު މެދުވެރިވެގެން ގަންނަ ސްޕަޓްނިކް ވެކްސިންގެ ދެލައްކަ ޑޯޒް ވެކްސިން ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެއްބަސް ވުމުގައި ސޮއިކުރާތާ ހަތަރު ވަރަކަށް ހަފުތާގެ ތެރޭގައި ވެކްސިން ލިބޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އަންނަ ޖުލައި މަހު ރާއްޖެއަށް ސިންގަޕޫރުން ގެންނަ 500،000 ޑޯޒްގެ ވެކްސިން ލިބޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރަނީ ކޮން ކަހަލަ ވެކްސިނެއް ކަމެއް އަދި ނޭނގޭ ކަމަށާއި އެކަމާ މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ރަޝިއާއާ ދެމެދު ވެކްސިން ގެނައުމަށް އެއްބަސްވުމުގައި ސޮއިކުރާތާ ހަތަރު ހަފްތާއެއްގެ ތެރޭގައި ރާއްޖެއަށް އެ ވެކްސިންގެ 200،000 ޑޯޒު ގެނެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރަޝިޔާގެ ސްޕަޓްނިކް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދިނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން