ރެސްޓޯރެންޓް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ މުޒާހަރާ
ރެސްޓޯރެންޓް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ މުޒާހަރާ
ކޮވިޑާ ގުޅިގެން މިހާތަނަށް ހޮޓާ. ކެފޭ އަދި ރެސްޓޯރަންޓްތައް ހިންގާ 161 ފަރާތަށް ލޯނުއެހީ ފޯރުކޮށްދީފައިވާ ކަމަށް އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް ވިދާޅުވީ، ކޮވިޑާ ގުޅިގެން ބީއެމްއެލްގެ ފަރާތުން ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތަކަށް ސްޓިމިއުލަސް ޕެކޭޖްގެ ގޮތުގައި 10 މިލިއަން ރުފިޔާ ގެ ލޯނު ދޫކޮށްފައި ވާ ކަމަށެވެ. އެއީ ފަސް ފަރާތަކަށް ދިން ލޯނު ކަމަށާއި، މީގެ އިތުރުން އެސްޑީއެފްއެސީން ވަނީ ހޮޓާ، ކެފޭ އަދި ރަސްޓޯރެންޓް ހިންގާ 156 ފަރާތަށް 33 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މީގެ ތެރެއިން 90 ލޯނަކީ މާލެ ސަރަހައްދަށް ދޫކުރި ލޯނުތައް ކަމަށެވެ.

އެސްޑީއެފްސީ އިން މިހާތަނަށް ދޫކުރި ލޯނުގެ އަދަދު 1.3 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މިހާތަނަށް 765 ފަރާތަކަށް އެއް ބިލިއަން ރުފިޔާގެ ލޯނު ދީފައިވާ ކަމަށާއި، މީގެ އިތުރުން އެޗްޑީއެފްސީ މެދުވެރިކޮށް ކޮވިޑް ރިލީފް ލޯނުގެ ގޮތުގައި ފުރަތަމަ 363 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އެއީ ގާތްގަނޑަކަށް 1519 ވިޔަފާރިއާއި، އަމިއްލަ މަސައްކަތްކުރާ 685 މީހުންނާއެކު ޖުުމްލަ ދެހާސް ދުއިސައްތަ މީހަކަށް ދޫކުރެވުނު ޢަދަދު ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން ރިލީފު ލޯނުގެ ގޮތުގައި ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 357 މިލިއަން ރުފިޔާ އަދި ބޮޑެތި ވިޔަފާރިތަކަށާއި މެދު ފަންތީގެ ވިޔަފާރިތަކަށް ކޮވިޑާއި ގުޅިގެން ސްޓިމިއުލަސް ޕެކޭޖްގެ ދަށުން 585 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން މިއަދު ވަނީ، ކާފިއުގެ ނޫން ވަގުތުގައި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުގެ އެތެރޭގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމަށް ހުޅުވާލައި އެކަން އިޢުލާނު ކޮށްފައެވެ.

ރެސްޓޯރެންޓް އެސޯސިއޭޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ސަރުކާރުން ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ތަކަށް ދޫކުރި ރިލީފް ލޯނަށް ފާޑު ކިޔާފައެވެ. އެގޮތުން ކޯވިޑް-19ގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ދޫކުރި ލޯނު ލިބުނީ އެދާއިރާގެ އެންމެ ހަތަރު ވިޔަފާރިއަކަށް ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސުން ވަނީ ބުނެފައެވެ.

ހޮޓާ، ކެފޭ، އަދި ރެސްޓޯރެންޓްތަކަށް ލިބެމުންދާ ގެއްލުމާއި ގުޅިގެން ބަދަލެއް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަމަވެސް ބަދަލު ދިނުމަށް ތާއީދު ލިބިފައެއް ނުވެއެވެ. ނަމަވެސް ސަރުކާރުން ވަނީ މި ގެއްލުންތަކުން އަރައިގަތުމަށް ޚާއްޞަ ލުއި ލޯނު ސްކީމެއް ތަޢާރަފުކޮށްފައެވެ. މާލޭގައި ހިންގާ ހޮޓާ، ކެފޭ، އަދި ރެސްޓޯރަންޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގާތްގަނޑަކަށް 99 އިންސައްތައަކީ ބިދޭސީން ކަމަށްވާތީ އެތަންތަނަށް ލިބޭ ގެއްލުމުގެ އަސަރު ވަކިވަކި ދިވެހީންނަށް ކުރާ މިންވަރު ކުޑަ ނަމަވެސް ގިނަ ބަޔަކު ޚިދުމަތް ހޯދާތީ އެތަންތަން ބަންދުކުރުމުން ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށްބޮޑަށް ދަތިވާކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން