ޞާދިރު ޢަލީދީދީ   30 ޖޫން 2021 - 15:27
ބޯގަންވިލާ
ބޯގަންވިލާ
17 ވަނަ ބައި

................

"ތެދެއް ތިބުނީ. ފިޔަވަޅު އެޅޭގޮތަކުން ޙަޔާތުގައި ކިތަންމެބޮޑު ލަކުނެއްވެސް ލާފާނެ." ތޮލާލު ސިގިރެޓް ދަމަމުން ހުލިކުރަމުން ވާހަކަ ދެއްކިއެވެ.

ޑޮކްޓަރުގެ ލަފާގެ މަތިން އަމީނު އޭނާގެ އަނބިމީހާ ރީޝާ ގޮވައިގެން އިންޑިޔާއަށް ދިޔައީ ޑޮކްޓަރު އެއިޝާރާތްކުރިތާ ދެތިން ދުވަސް ފަހުންނެވެ. އަމީނުމެނާއެކު އަމީނުގެ ރަޙްމަތްތެރިޔާ ތޮއްޔިބުވެސް ދިޔައެވެ.

އިންޑިޔާގެ ޓްރިވެންޑްރަމްގެ ހޮސްޕިޓަލަކުންވެސް ތިންމަސް ވަންދެން ރީޝާއަށް ބޭސްކުރިއެވެ. ނަމަވެސް ރީޝާގެ ބައްޔަކަށް ލުޔެއް ލިބުނުކަމަކަށް ނުވެއެވެ.

ރީޝާ ބަލީގައި ދިގުމުއްދަތެއް ހޭދަކުރަމުންދިޔަ ކަމުގައިވިޔަސް އަމީން އައީ ރީޝާއަށްޓަކައި ލޯބި ހުސްކުރަމުންނެވެ. ބައްޔާ ދޭތެރޭ ވިސްނާލުމަށް ފުރުޞަތުދޭކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ.

ނަމަވެސް އިންޑިޔާއިން ބޭސްކުރާތާ ހަތަރުވަނައަށްވީ ދުވަހު ރީޝާގެ އެދުމުގެ މަތިން ޑޮކްޓަރުގެ ހުއްދަވެސް ލިބިގެން އަމީނު ރީޝާ ގޮވައިގެން މާލެ އައީ އެއްވެސް ވަރެއްގެ ލުޔެއް ލިބިގެނެއް ނޫނެވެ.

"މިއީ އަހަރެންގެ ނަޞީބުގައި ހުރި ގޮތްބާއޭ ހިތަށްއަރާ.....އަލަތު ކައިވެނި ރޫޅިގެން ދިޔައީ އާކައިވެނީގެ ރޭގެ ރާހަތުވެސް ނުކޮށް.....މިފަހަރު ކުރިއަށްވުރެން މާހިތްދަތި......" މަޑުމަޑުން އަމީނުގެ ހިތްވަރު އެލެން ފެށިއެވެ.

"ހިތްވަރު ދެރަނުކުރޭ އަމީން. އިރާދަކުރެއްވިއްޔާ މިއީ އަދި އަމީނުގެ ނަޞީބު ރަނގަޅުވާނެވަރު......" ތޮއްޔިބު އަމީނަށް ހިތްވަރުދިނެވެ.

ފަޒީލާ ކޮންމެވެސް ކަމަކާ ހިތާމަކޮށް ރޮއި ހަދާކަން އޭނާ މާލެ އައިއްސުރެން ސާރާއަށް ފާހަގަކުރެވުނެވެ. އެހެންކަމުން އޭނާ ތަކުރާރުކޮށް އެތައްފަހަރަކުވެސް އޭނާއާ ސުވާލުކޮށްފިއެވެ.

"ތިޔައީ ސާރާއަށް ހީވާގޮތް......މާޒީއާމެދު ވިސްނޭ ބައެއް ވަގުތުތަކުގައި ދެރަނުވާ ވާހަކައެއް ނޫން." މިހެން ބުނެވުނުއިރު ފަޒީލާގެ ދެލޯވަނީ ފެންކަޅިވެފައެވެ.

"ދޮގުނަހަދާ ތެދަށް ބުނޭ.....ފަޒީ އަހަންނަށް ކޮންމެވެސް ކަމެއް ސިއްރުކުރޭ އެބަ....." ސާރާގެ މިޖުމްލައިން ފަޒީލާ ދިޔައީ ތެޅިގަނެގެންނެވެ. އޭނާއަށް ހީވީ އޭނާއާ ބެހޭގޮތުން ސާރާއަށް ކޮންމެވެސް އަޑެއް އިވިގެން އުޅޭހެނެވެ. އެހެންކަމުން އޭނާ ވަރަށް ކަންބޮޑުވެސްވެއްޖެއެވެ. އެއަށްފަހު އޭނާގެ ދެލޯ ކަރުނައިން ތެމެން ނެގީ ވަގުތުކޮޅެކެވެ. އޭނާގެ ދެލޮލުން އިސާހިތަކު ކަރުނަ އޮހެން ފަށައިފިއެވެ. އެވަގުތު އޭނާގެ ހިތަށްއެރިވެސްމެއެވެ. ހުރިހާ ޙަޤީޤަތެއް ސާރާއަށް ކިޔައިދޭންވީބާއެވެ؟

"އަހަރެން ސާރާއަށް އެއްވެސް ކަމެއް ސިއްރެއް ނުކުރަން. އަހަރެންގެ މާޒީއަށް ފެތުރުނު ފުސްވިލާތަކުގެ މަތިން ހަނދާންވެ، އެކަމާ މާބޮޑަށް ވިސްނާލެވުނީ." ފަޒީލާ އަތުގެ ނުފުށުން ދެލޯ ފޮހެލިއެވެ.

"އަހަރެން ފަޒީގެ ތިވާހަކައެއް ގަބޫލެއް ނުކުރާނަން....ފަޒީގެ ހާލަތު އަހަންނަށް ފަޒީގެ މޫނުމަތިން އެބަސިފަކުރެވޭ." ސާރާ ފަޒީލާގެ ގާތުގައި އިށީނެވެ. އެހާ ހިސާބުން ފަޒީލާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ޙަޔާތުގެ ހިތި ސިއްރު ރަޙްމަތްތެރިޔާއަށް ހާމަކޮށްދިނުމަށްޓަކައި ދޫ ޙަރަކާތް ކުރެވޭތޯ މަސައްކަތް ކުރަން ފަށައިފިއެވެ.

"ސާރާ.....އަހަރެން މިދަރިފުޅަށް ބައްޕައެއްގެ ލޯބި ހޯދައިދޭނީ ކިހިނެއްތަ؟....." ފަޒީލާ ރޮމުން ގިސްލަމުން ސާރާގެ ކޮނޑުގައި ބޯއަޅާލިއެވެ. ދެން އޭނާ މަސައްކަތްކުރީ އެސިއްރު ސާރާއަށް ހާމަކޮށްދެވޭތޯއެވެ. ނަމަވެސް އަނގަ ހުޅުވާއިރަށް އޭނާގެ ދޫ ބަންދުވާ ކަހަލައެވެ. އޭނާއަށް ޙަޤީޤަތް ހާމަކުރުމުގައި ނުކުޅެދުނެވެ. އޭނާ ގަބޫލުކުރާ ކަހަލައެވެ. އޭނާއަށް މިހާރު އެހުރެވުނީ ހަތަރުއަގޮޅި މެދެއްގައެވެ. އެއްފަރާތުގައިވަނީ އޭނާ ނުހަނު ލޯބިވާ ދަރިފުޅެވެ. އަނެއްފަރާތުގައި ވަނީ ހެޔޮއެދޭ ރަޙްމަތްތެރިއެކެވެ. އަނެއް ދެފަރާތުގައިވަނީ ލޯތްބާއި ދުނިޔޭގެ ލަދުވެތިކަމެވެ.

އެދުވަހަށްފަހު ސާރާ އަޒުމް ކަނޑައެޅިއެވެ. ރަޙްމަތްތެރިޔާގެ ލޮލުން ފައިބަމުންދާ ކަރުނަ ބަންދުކޮށް އޭނާ ބޭނުންވާ ލޯބި ހޯދައިދިނުމަށް އޭނާއަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރުމަށެވެ. އޭނާ ގަސްދުކުރިއެވެ. ކުޑަދަރިފުޅު ތޯއިންގެ ބައްޕަ ކަމުގައި އޭނާއަށް އެނގިފައިވާ ފަޒީލާގެ ކުރީގެ ފިރިމީހާ ޝިޔާމްއާ ބައްދަލުކޮށް، ފަޒީލާއާއި ދަރިފުޅު މާލޭގައި އުޅޭ ޚަބަރު ދިނުމަށެވެ. ނަމަވެސް ފަޒީލާއަށް ސިއްރުންނެވެ.

"އަހަރެން މިއަދު ޝިޔާމްއާ ބައްދަލުކުރާނަން....ފަޒީލާގެ އެމޮޅިވެރިކަން ބަލާކަށް އަހަންނަކަށް ކެތެއް ނުވާނެ. އަހަރެން އެގެއަށްގޮސް ޝިޔާމް ގާތު ހުރިހާ ވާހަކައެއްވެސް ބުނާނަން....." ފަޒީލާ މަޝްވަރާ ކުރީ އޭނާގެ ފިރިމީހާ ތޮލާލުއާއެވެ. އެމީހުން ވާހަކަ ދައްކަން ތިބީ ކޮޓަރިތެރޭގައެވެ.

"އޭނަ ކޮންމެހެން ތިބުނާ ޝިޔާމަކާ ބައްދަލުކުރަން އުޅޭނަމަ ކުރީހެއްނު." ތޮލާލަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

"އޭނާ ބޭނުމެއް ނުވެޔޭ ކޮންމެހެން ޝިޔާމްއާ ބައްދަލުކުރާކަށް. އޭނަ ބޭނުންވަނީ އެދަރިފުޅަށް ބައްޕައެއްގެ ލޯބި ހޯދައިދޭން..." ސާރާ ބުންޏެވެ. އެދުވަހު ސާރާ ޝިޔާމްއާ ބައްދަލުކުރުމަށްޓަކައި ޝިޔާމުގެ ގެއަށް ދިޔައެވެ. ނަސީބު ދިމާކުރިގޮތުން އާންމުކޮށް ގިނަވަގުތު ގެއިން ބޭރުގައި އުޅޭ ޝިޔާމް ގޭގައި އުޅެއެވެ.

"އަނހަ، ސާރާ ކޮންދަތުރެއް!؟" ދުވަސްތަކަކަށްފަހު ސާރާ ފެނުމުން ޝިޔާމް ކުޑަކޮށް ހައިރާންވެސްވިއެވެ. ސާރާ ވަގުތު ދިގުނުލާ އޭނާ ޝިޔާމް އާ ބައްދަލުކުރަން އައި މަޤުޞަދު ހާޞިލު ކުރުމާއިގެން އަވަސްވެގަތެވެ. ސާރާ ޝިޔާމްއަށް ދަރިއަކު ލިބުނު ވާހަކައާއި އެދަރިފުޅު ގޮވައިގެން އައިސް ފަޒީލާ މާލޭގައި އުޅޭ ވާހަކަ ޝިޔާމު ގާތު ބުނެ، އެދަރިފުޅު ދެކިލުމަށް އެގެއަށް އައިސްދިނުމަށް އެދުނެވެ. ނަމަވެސް ސާރާ ދެއްކި ވާހަކަތަކުން ޝިޔާމުގެ މޫނަށް އެއްވެސް އުފާވެރިކަމެއް ފާޅެއް ނުވޭމެއެވެ. އޭނާގެ މޫނުމަތިން ފާޅުވެ ފެންނަންފެށީ ހައިރާންކަމުގެ ކުލަވަރެވެ.

"އަހަރެންގެ ދަރިއަކު ފަޒީލާ ވިހައިފިޔޭ!؟ ނުވާނެ ތިހެނެއް. އަހަންނަށް ފަޒީލާ ދަރިއަކު ނުވިހާނެ....ފަޒީލާ ކީއްކުރަން އެއްވެސް މީހަކަށް އަހަންނަކަށް ދަރިއަކު ނުވިހާނެ.....އަހަންނަކީ ދަރިންލިބޭ މީހެއް ނޫން ފަޒީލާއަށްވެސް އެނގޭނެ....." ތެދެކެވެ. ސާރާ ކިތަންމެ ބާރެއްލާފައި ބުންޏަސް އޭނާއަށް އެވާހަކަ ގަބޫލު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެކަން އެންމެ ރަނގަޅަށް ފަޒީލާއަށް އެނގޭނެއެވެ. އޭނާއާއި ފަޒީލާގެ ކައިވެނީގެ ހެޔޮޙަޔާތުގައި ދަރިއަކު ނުލިބިގެން ތަފާތު އެތައް މަސައްކަތެއް ކުރިއެވެ. ދެފަހަރެއްގެ މަތިން އިންޑިޔާއަށްވެސް ދެވުނެވެ. ނަމަވެސް މާލެއެކޭ އެއްފަދައިން އިންޑިޔާއިން އޭނާއަށް ފަރުވާދިން ޑޮކްޓަރުވެސް ބުނެފައިވަނީ އެއްވާހަކައެކެވެ.

ދަރިން ލިބުމުގެ އުފަލުން މަޙްރޫމްވެފައިވަނީ ޝިޔާމް ކަމަށާއި، ދަރިއަކު ބޭނުންވަނީނަމަ އޭނާ ވަރުގަދަ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް އެދުވަސްވަރު ފައިސާގެ ތަނަވަސްކަން އެވަރަށް ނެތުމުން އޮޕަރޭޝަން ނުކޮށް އައީއެވެ. ފަޒީލާ އޭނާގެ ކިބައިން މިނިވަންވީ އެއުނިކަންވެސް އޭނާގެ ކިބައިގައި ހުރުމުންނެވެ.

ޝިޔާމްގެ ވާހަކައިން ސާރާގެ ހިތުގައި ތަފާތު ގިނަ ސުވާލުތައް ފުނިޖެހެން ފެށިއެވެ. ހިތަށް އެރިއެވެ. ޝިޔާމް އެދެއްކީ ކޮންކަހަލަ ގަބޫލުކުރަން ދަތި ވާހަކައެއް ހެއްޔެވެ؟ ފަޒީލާއަކީ އޭނާ އެހީކުރާކަހަލަ މީހެއް ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ.

ފަޒީލާ ކަހަލަ އަންހެނުން މުޅިރާއްޖޭގައިވެސް ވަރަށް މަދުވާނެއެވެ. ފަޒީލާގެ ބޮލުގައި އެފަދަ ބޮޑު ތުހުމަތެއް އަޅުވާކަށް ނުވާނެއެވެ.

"އަހަރެން ކިހިނެއް ތިވާހަކަ ގަބޫލުކުރާނީ؟ ތިކަހަލަ ދޮގު ވާހަކަތައް ދައްކައިގެން ފަޒީލާ ބަދުނާމު ކުރުމުގެ އެއްވެސް ޙައްޤެއް ޝިޔާމަކަށް ނޯންނާނެ." ސާރާ ހިތްހަމަނުޖެހުން ފާޅުކުރަމުން ބުންޏެވެ.

"މިއީ އަހަރެން ފަޒީލާ ބަދުނާމު ކުރަނީކީ ނޫން....އަހަރެންނަށް ކިތަންމެހާވެސް ރަނގަޅު ދަރިއަކު ލިބެނިކޮށް.....އެހެން ނަމަވެސް އަހަރެން މިބުނީ ޙަޤީޤަތް....ތިބުނާ ދަރިފުޅަކާ އަހަންނާ އެއްވެސް ގުޅުމެއްނެތް." ޝިޔާމް ބުންޏެވެ.

"ފަޒީލާ ހެކިވާނެ....އިތުރަށް އޮޅުންފިލުވަން ބޭނުމިއްޔާ ފަޒީލާގާތު އަހާ....." ޝިޔާމް ބުންޏެވެ. އިތުރަށް އެބަހުސް ކުރިއަށް ގެންދާކަށް ސާރާ ބޭނުމެއް ނުވިއެވެ. އޭނާ ނުކުމެގެން ހިނގައިގަތެވެ.

އަމީންއާއި ތޮއްޔިބު ނިކަން އޮލަ ވާހަކައިގައި ތިބެ ދުއްވާލާފައި އެދަނީ މާފަންނުގެ މެދެއްހާ ހިސާބުގައި ހުރި ފިހާރައަކަށް ދިއުމަށެވެ. ސައިކަލް ދުއްވަން އިނީ ތޮއްޔިބެވެ. އަމީން އިނީ ފަހަތުގައެވެ. ޝިޔާމްގެ ގެއިން ނުކުމެގެން ގެއާދިމާއަށް ދަތުރުކުރަމުންދިޔަ ސާރާ ފުރަތަމަ ފެނުނީ ސައިކަލުގެ ފަހަތުގައި އިން އަމީންއަށެވެ.

"ތޮއްޔިބު.....ސާރާއެއްނޫންތަ އެދަނީ. ވަރަށް ނުވާކަމެއް....އެކަނިމާއެކަނި ހިނގާފައި ކޮންތާކަށްބާ އެދަނީ." އަމީން ތޮއްޔިބުގެ ކޮނޑުގައި ކޮއްޓާލިއެވެ.

"އެއީ ސާރާ ނޫނިއްޔާ އޭނަގެ ރޫޙު. އެކަމަކު އަހަރެމެންނަށް ކީއްތަ އޭނަ ކޮންމެތާކަށް ދިޔައިއްޔާ." ތޮއްޔިބު ސާރާ ފެނުނީތީއޭ ކިޔާފައެއް ސައިކަލުގެ މިސްރާބު ބަދަލެއް ނުކުރެއެވެ.

"ތޮއްޔިބު......ކިތަންމެ ބުންޏަސް އަދިވެސް ހިތުގައި އޮވެޔޭ. އަދިވެސް އެފުރިހަމަކަން ވެޔޭދޯ؟" އަމީންއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

"އޭނަ ކިތަންމެ ފުރިހަމަޔަސް އަމީންއަށް އޮތީ ކޮންއުފަލެއް؟" ތޮއްޔިބު ދިމާކުރިއެވެ.

"އަހަންނަށް ލިބިފައިވާ އުފަލަކީ ހިތްހަމަޖެހުމެއް ނުލިބުނަސް އެއްކޮޓަރިއެއްގައި ނިދާލެވުން." އަމީނަށް މިހެން ބުނެވުނު ވަގުތަކީ ސައިކަލް ސާރާ ފަސްދިން ވަގުތެވެ. އެވަގުތު ސާރާއަށްވެސް ސައިކަލް ފަހަތުގައި އިން އަމީނު ފެނުނެވެ.

"ތޮއްޔިބު..... އިހަށް އެފިހާރައަށް ދާނެ ކަމެއް ނެތް. ފުރަތަމަ އަހަރެން ގެއަށް ވައްޓާލަބަލަ....." އަމީނުގެ ޚިޔާލު ބަދަލުވިއެވެ.

"ސާރާ ފެނުނީމަ ހިތަށް އުނދަގޫވީދޯ؟ އެކަމަކު ބުނަން ރީޝާ ބަލިހާލުގައި އުޅޭއިރު އަމީނުގެ ހިތް ރީޝާއަށް ނުދައްކާތި....." ތޮއްޔިބު އައިކޮޅަށް ސައިކަލް އަނބުރާލިއެވެ.

"ތިބުނީ ކީކޭ؟" ތޮއްޔިބު ބުނި އެއްޗެއް އަމީނަކަށް ނުވިސްނުނެވެ.

"އަހަރެން މިބުނީ އަމީނުގެ ހިތް ހުޅުވާފައި ރީޝާއަށް ނުދައްކާށޭ......ތިހިތް ދައްކައިފިއްޔާ ތިހިތުގައި އަދިވެސް ބިންވަޅު ނެގިފައިވާ ސާރާގެ ތަޞްވީރު ފެނި ރީޝާގެ ބަލި ކުރިއަށްވުރެވެސް ގޯސްވެދާނޭ." ތޮއްޔިބު ސައިކަލުގެ ދުވެލި ކުރިއަށް ވުރެންވެސް ބާރުކޮށްލިއެވެ.

"ތީދޯ ތިކިޔާ އެއްޗަކީ....." އަމީނުގެ ގާތަށް ހިނިއައެވެ. އެއަށްފަހު އެމައުޟޫއަކަށް އޭނާ ވާހަކައެއް ނުދައްކައެވެ.

ސާރާ ގެއަށް ވަންނަމުން ފަޒީލާ ފެނޭތޯ ކަޅި އުކަން ފެށިއެވެ. އޭނާ ފަޒީލާ ނިދާ ކޮޓަރިއާ ދިމާއަށް ހިނގައިގަތީ ބޮޑުކޮޓަރިތެރޭ ފަޒީލާ ފެންނަން ނެތީމައެވެ. ސާރާ ނިކަން މަޑުމަޑުން ހިނގާފައި ގޮސް ކޮޓަރި ދޮރުމައްޗަށް ހުއްޓި ކޮޓަރި ދޮރު ހުޅުވާލިއެވެ. ހަމައެއާއެކު ފެނުނު މަންޒަރާއެކު އެތެރެޔަށް އެޅި ފިޔަވަޅާއެކު ސާރާ ހުއްޓިއްޖެއެވެ. ފަޒީލާ އިނީ ނިދާފައި އޮތް ތުއްތު ދަރިފުޅު ތޯއިންއަށް ބަލަހައްޓައިގެން ރޮއިރޮއިއެވެ. އަޑު ވީއްލާ ނުރުޔަސް އޭނާގެ ދެލޯ ފުރި ބަންޑުންވަމުންދިޔަ ކަރުނަތަކުން އޭނާގެ ހިތުގެ ކެކުޅުންތައް ފެނުނު ކޮންމެ މީހަކަށްވެސް ހާމަވާނެއެވެ. އެކަރުނަތަކުން އޭނާގެ ހިތް ގިސްލާ ރޮމުންދާކަން ހާމަވެއެވެ. ނިދާފައި އޮތް ދަރިފުޅުގެ މޫނުމަތިން އޭނާއަށް ސޫރަވަނީ އެހެން ތަސްވީރެކެވެ. އޭނާގެ ހިތް އޭނާ ގާތު ބުނާ ކަހަލައެވެ. ތެދެކެވެ. ޠޯއިންއަކީ ހަމަކުޑައިރުގެ ޠޮލާލެވެ. އެއްވެސް ތަފާތެއް ނެތެވެ.

ސާރާ އިރުކޮޅެއް ވަންދެން ރޮއިރޮއި އިން ފަޒީލާގެ ހަރަކާތްތަކަށް ބަލަން ހުއްޓި ހުރުމަށްފަހު އެތެރެއަށް ވަދެއްޖެއެވެ.

"ފަޒީ.....!؟" ސާރާ އެތެރެއަށް ވަންނަމުން ގޮވާލިއެވެ. ފަޒީލާ ސިއްސައިގެންގޮސްފައި އޭނާގެ ދެލޯ ފޮހެލިއެވެ.

"ފަޒީ އަހަންނަށް ސިއްރު ނުކުރޭ.....ފަޒީ ތިއޮހޮރާ ކަރުނަތަކުގައި ކޮންމެވެސް ސިއްރެއްވޭ....އަހަރެން ފަޒީއަށް އެހީވެދޭނަމޭ.....އަހަރެންގާތު ސިއްރު ނުކޮށް ބުނެބަލަ...." ސާރާ ފަޒީލާއާ ޖެހި ފިތިގެން ކަހަލަ ގޮތަކަށް އިށީނެވެ. ސާރާގެ މިޖުމްލައާއެކު ފަޒީލާއަށް އަޑު ވީއްލާ ރޮއިގަނެވިއްޖެއެވެ.

"އަހަރެން ސާރާއަށް...." ފަޒީލާއަށް ގިސްލެވެގެން ފެށުނެވެ. ނަމަވެސް ސާރާގެ ހަމްދަރުދީއާއި އޯގާތެރިކަމުގެ ސަބަބުން ޙަޤީޤަތް ސާރާއަށް ސިއްރުކޮށްގެން ހުރުމަކީ އޭނާއަށް ކުޅަދާނަ ކަމަކަށްވެސް ނުމެވޭމެއެވެ. އެހެން ނަމަވެސް ރަހްމަތްތެރިޔާގެ ހައްގުގައި އޭނާގެ ހަޔާތުގެ ހިތި ސިއްރު ހާމަކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ އެކަމަށް ހިތްވަރުކޮށް ސާބިތުވެ ހުރުމަށް އަޒުމް ކަނޑައެޅިއެވެ.

"އާދޭސް ކުރަން ސާރާ އަހަރެންގެ ލޮލުން މިފައިބާ ކަރުނަތަކުގެ ސިއްރު ހޯދަން މަސައްކަތް ނުކުރޭ....މިވަގުތު ކިޔާނުދިނަސް އަހަންނަށް ހިތްވަރު ލިބުނު ވަގުތެއްގައި ހުރިހާ ވާހަކައެއްވެސް ސާރާއަށް ކިޔައިދޭނަން. ފަޒީލާއަށް ރޮމުން ސާރާގެ މޭގައި ބޯއަޅާލެވުނެވެ. ކޮޓަރިދޮރުމަތީގައި އެމީހުންގެ ވާހަކަ އަޑުއަހަން ހުރި ތޮލާލު ފަޒީލާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ފަޒީލާއަށް ވަގުތުން އިސްޖެހުނެވެ. ތޮލާލު ހުރީ ބިރުންގޮސް ދާހިއްލާ ފޯވެފައެވެ. އޭނާ ހީކުރިއެވެ. ފަޒީލާ ސާރާ ގާތު ހުރިހާ ވާހަކައެއްވެސް ކިޔައިދީފާނެއެވެ. އިރުކޮޅަކުން ސާރާއަށްވެސް ހުއްޓިހުރި ތޮލާލު ފެނުނެވެ.

******************

* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 65 އިން 68 ށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން