ރިލޭ ޓީމުގައި ހިމެނިގެން ދުވި އިންޑިއާ އެތުލީޓު.
ރިލޭ ޓީމުގައި ހިމެނިގެން ދުވި އިންޑިއާ އެތުލީޓު.
އެތުލެޓިކްސް ޓީމު އުޅެނީ ތަމްރީނެއްގައި ކަމަށާއި، ބައިނަލްއަގުވާމީ އިދާރާއެއްގެ މުބާރާތެއްގައި ނޫން ކަމަށް މަޤާމުން ސަސްޕެންޑް ކޮށްފައިވާ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

އިންޑިއާގައި ކުރިއަށްދިޔަ އިންޓަރ ސްޓޭޓްސް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ރިލޭ ޓީމުގައި ހިމެނިގެން އިންޑިއާގެ އެތުލީޓަކު ރާއްޖެ ތަމްސީލްކޮށްފައިވާ ކަމަށް ރާއްޖޭގެ މީޑިއާތަކުގައި މިއަދު ވަނީ ރިޕޯޓް ކޮށްފައެވެ. އެކަމާ ގުޅިގެން އެތުލެޓިކްސް އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެއީ ހަގީގަތާ ހިލާފު ދޮގު ވާހަކައެއް ކަމަށާއި، ދިވެހި ޤައުމީ ޓީމެއްގައި ބިދޭސީ އެތުލީޓަކު ހިމަނާފައި ނުވާނެ ކަމަށެވެ.

ދިވެހި ޓީމާއެކު އިންޑިއާ އެތުލީޓަކު ދުވި މައްސަލާގައި، މަޙްލޫފް މިރޭ ވިދާޅުވީ، ބައިނަލްއަގުވާމީ މުބާރާތްތަކުގައި އެގައުމެއްގެ ރަށްވެހިކަން އޮތް ރައްޔިތެއް ފިޔަވައި އެހެން ގައުމެއްގެ ރައްޔިތަކަށް ވާދަ ނުކުރެވޭނެ ކަމަށެވެ. ހަމައެކަނި އެ ފުރުސަތު ދީފައި އޮންނަނީ ކްރިކެޓްގައިކަމަށާއި، އެންމެ ކުރީއްސުރެ ރާއްޖޭގެ ކްރިކެޓް ޓީމުގައި އައިސީސީގެ ގަވައިދާ އެއްގޮތަށް ރާއްޖޭގައި ދިރިއުޅޭ ބޭރު ގައުމެއްގެ ދެތިން ކުޅުންތެރިން އެހެން ގައުމު ތަކެކޭ އެއްގޮތަށް ހިމަނާ ކަމަށް ވެސް މަޙްލޫފް ވިދާޅުވިއެވެ.

ރާއްޖޭގެ އެތުލެޓިކްސް ޓީމް އުޅެނީ ތަމްރީނެއްގައިކަން ފާހަގަކުރަށްވައި މަޙްލޫފް ވިދާޅުވީ، ދިވެހި އެތުލީޓުންނާއެކު އެހެން ގައުމުތަކުގެ އެތުލީޓުން ބައިވެރިވެ ތަމްރީންތައް ލިބުމަކީ، ކުރިއަށް ތާވަލް ކޮށްފައިހުރި ގައުމީ ޓީމުން ވާދަކުރާ ބައިނަލްއަގުވާމީ މުބާރާތްތަކަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ.

"އެހެން ދިމާވީވެސް ކުއްޖެއް ޕޮސިޓިވް ވެގެެން. ދުވީ ގައުމީ ޓީމެއް ނޫން އަދި ލައިގެން ތިބީ ގައުމީ ޖަރޒީ ނޫންކަންވެސް އަޅުގަނޑަށް ވަނީ މައުލޫމާތު ލިބިފަ." ސަސްޕެންޝަންގައި ހުރުމުން އަމިއްލަ ޙައިސިއްޔަތުން މަޙްލޫފް ވިދާޅުވެފައިވެއެވެ.



ރާއްޖޭގެ އެތުލީޓުން އުޅުނީ ތަމްރީނެއްގައި ކަމަށް މަޙްލޫފް ވިދާޅުވި ނަމަވެސް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ މި މަހު 25 އިން 29 އަށް އިންޑިއާގައި ކުރިއަށްދިޔަ ސްޓޭޓް ޗެމްޕިއަންޝިޕްގައި ގިނަ ގައުމުތަކެއްގެ އެތުލީޓުން ވާދަކުރިއިރު، އަންހެނުންގެ ހަތަރެއް ގުނަ 100 ގެ ރިލޭގައި ރާއްޖޭގެ ޓީމުގައި ހިމެނޭ ކުޅުންތެރިން ވާދަކުރީ އިންޑިއާ އެތުލީޓަކު ވެސް ޓީމުގައި ހިމަނައިގެން ކަމަށެވެ.

މުބާރާތަށް ފުރުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް އެއްކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވުމުން މުބާރާތަށް ދިޔައީ ރާއްޖޭގެ އަންހެން ރިލޭ ޓީމުގެ ޖުމްލަ ތިން އެތުލީޓުން ކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. ރާއްޖޭގެ އަންހެން ޓީމު ތިން އެތުލީޓުންނަށް ވުރެ މަދުވުމުން މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އަންހެން ޓީމަށް ވަނީ ގެއްލިފައި ކަމަށާއި، މި މުބާރާތުގައި ރާއްޖޭގެ ގައުމީ އަންހެން ރިލޭ ޓީމު ވާދަކޮށްފައިނުވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެން ނަމަވެސް އިންޑިއާއަށް ގޮސް މުބާރާތުގައި ވާދަނުކޮށް އެނބުރި އައުމުގެ ބަދަލުގައި އެތުލީޓުންނަށް ތަޖުރިބާގެ ފުރުސަތެއް ހޯދައިދިނުމުގެ ބޭނުމުގައި އިންޑިއާ އެތުލީޓަކު ހިމަނައިގެން ރިލޭ އިވެންޓްގައި ވާދަކުރަން އެސޯސިއޭޝަނުން ނިންމި ކަމަށާއި، އެގޮތަށް ނިންމާފައި ވަނީ ފާއިތުވި ދެ އަހަރެއްހާ ދުވަހު ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ލިބިފައި ނުވާތީ ފަހު ވަގުތު އެ ފުރުސަތު ގެއްލެން އެތުލީޓުން ވެސް ބޭނުންނުވާތީ ކަމަށެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ ކުރެވުނު މަސައްކަތުން މުބާރާތް އިންތިޒާމްކުރާ ފަރާތުން ރާއްޖޭގެ ތިން އަންހެން އެތުލީޓުންނަށް ފުރުސަތު ދޭން ނިންމީ އިންޑިއާގެ އެތުލީޓަކު ހިމަނައިގެން ވާދަކުރެވޭ ގޮތަށް ކަމަށާއި އޭގެ ބޭނުން ހިފަން އެސޯސިއޭޝަނުން ނިންމީ ކަމަށެވެ. މިއީ ރާއްޖޭގެ ގައުމީ އަންހެން ރިލޭ ޓީމަށް ލިބުނު ފުރުސަތެއް ނޫން ކަމަށާއި މިއީ އެ އެތުލީޓުންނަށް ދިން ފުރުސަތެއް ކަމަށް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.

އަދި އިންޑިއާގެ އެތުލީޓު ދުވުނުއިރު، ބޭނުންކޮށްފައިވަނީ ރާއްޖޭގެ ގައުމީ ޓީމު ދުވާއިރު، ބޭނުންކުރާ ކިޓު ނޫން ކަމަށާއި، ނަމަވެސް ރިލޭގައި ވާދަކުރާ ހުރިހާ އެތުލީޓުން ވެސް ތިބެން ޖެހެނީ އެއްވައްތަރެއްގެ ހެދުމެއްގައި ކަމުން، 4 އެތުލީޓުން ވެސް އިވެންޓްގައި ބޭނުންކޮށްފައިވަނީ އެތުލެޓިކްސް އިން ޓްރެއިނިންގައި ބޭނުންކުރާ ޓީޝާޓު ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން