އޮލިމްޕިކްސް ކޮމިޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މަރްޒޫގް އަހްމަދު
އޮލިމްޕިކްސް ކޮމިޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މަރްޒޫގް އަހްމަދު
ސިޔާސީ އެނބުރުންތަކަށް ކުޅިވަރު ނުވެއްދުމަށް ކުޅިވަރު ޢާއިލާއާއި ކުޅިވަރު ނޫސްވެރިންގެ ކިބައިން ވަރަށް އާދޭހާއެކު އެދިވަޑައިވަޑައިގަންނަވާ ކަމަށް އޮލިމްޕިކްސް ކޮމިޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މަރްޒޫގް އަހްމަދު (މަރޭ) ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި މަރްޒޫގް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވާހަކަ ފަށާނެ ހިސާބެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް މިހާރު ހިނގަމުންދާ ސިޔާސީ އެނބުރުންތަކަށް ކުޅިވަރު ނުވެއްދުމަށް މަރޭވަނީ ވަރަށް އާދޭހާއެކު އެދިވަޑައިގެންފައެވެ.

ދިވެހި އެތްލެޓިކްސް ޓީމްގައި ހިމެނިގެން ބިދޭސީ ދުވުންތެރިއަކު ދުވި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ މަރޭ ވިދާޅުވީ، ބައިނަލްއަގްވާމީ އިވެންޓެއްގައި މިކްސްޑް ޓީމެއް ދުވުމަކީ އަލަށްވީ ކަމެއް ނޫން ކަމަށެވެ. އަދި މީގެކުރިންވެސް ބައެއް މުބާރާތްތަކުގައި ރާއްޖޭގެ ފަޚުރުވެރި ޖާސީ ލައިގެން މޭ މަތީގައި ދިވެހި ދިދަ ޖަހައިގެން އެހެން ގައުމުތަކުގެ ކުޅުންތެރިން ކުޅެފައިވާ ކަމަށް މަރޭ ވިދާޅުވިއެވެ. އެގޮތުން ދިވެހި ޖާޒީގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމަށް ބޭރުގެ ފަސް ކުޅުންތެރިއަކު ކުޅެފައިވާކަންވެސް މަރްޒޫގް ފާހަގަކުރެއްވިއެވެ.

"އޭރަކު މައްސަލައެއް ނެތް. ނޫސްތަކުންވެސް އެކަމަކަށް އަޅާ ނުލާ." މަރްޒޫޤް ވިދާޅުވެފައިވެއެވެ.

މަރްޒޫޤު ވިދާޅުވީ، އޮލިމްޕިސަމް އަކީ ކުޅިވަރު މައިދާނުގައި ޒުވާނުން އެޑިއުކޭޓް ކޮށްގެން ސުލްހަވެރި އަމާން އެކުވެރި ދުނިޔެއެއް ހޯދުންކަމަށެވެ.



ދިވެހި ޓީމާއެކު އިންޑިއާ އެތުލީޓަކު ދުވެފައިވާތީ ކިޔަމުންދާ ފާޑުކިއުންތަކަށް ޖަވާބުދެމުން، އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ މިމަހު 25 އިން 29 އަށް އިންޑިއާގައި ކުރިއަށްދިޔަ ސްޓޭޓް ޗެމްޕިއަންޝިޕްގައި ގިނަ ގައުމުތަކެއްގެ އެތުލީޓުން ވާދަކުރިއިރު، އަންހެނުންގެ ހަތަރެއް ގުނަ 100 ގެ ރިލޭގައި ރާއްޖޭގެ ޓީމުގައި ހިމެނޭ ކުޅުންތެރިން ވާދަކުރީ އިންޑިއާ އެތުލީޓަކު ވެސް ޓީމުގައި ހިމަނައިގެން ކަމަށެވެ.

މުބާރާތަށް ފުރުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް އެއް އެތުލީޓު ކޮވިޑަށް ޕޮޒިޓިވް ވުމުން މުބާރާތަށް ދިޔައީ ރާއްޖޭގެ އަންހެން ރިލޭ ޓީމުގެ ޖުމްލަ ތިން އެތުލީޓުން ކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. ރާއްޖޭގެ އަންހެން ޓީމު ތިން އެތުލީޓުންނަށް ވުރެ މަދުވުމުން މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އަންހެން ޓީމަށް ވަނީ ގެއްލިފައި ކަމަށާއި، މި މުބާރާތުގައި ރާއްޖޭގެ ގައުމީ އަންހެން ރިލޭ ޓީމު ވާދަކޮށްފައިނުވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެން ނަމަވެސް އިންޑިއާއަށް ގޮސް މުބާރާތުގައި ވާދަނުކޮށް އެނބުރި އައުމުގެ ބަދަލުގައި އެތުލީޓުންނަށް ތަޖުރިބާގެ ފުރުސަތެއް ހޯދައިދިނުމުގެ ބޭނުމުގައި އިންޑިއާ އެތުލީޓަކު ހިމަނައިގެން ރިލޭ އިވެންޓްގައި ވާދަކުރަން އެސޯސިއޭޝަނުން ނިންމި ކަމަށާއި، އެގޮތަށް ނިންމާފައި ވަނީ ފާއިތުވި ދެ އަހަރެއްހާ ދުވަހު ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ލިބިފައި ނުވާތީ ފަހު ވަގުތު އެ ފުރުސަތު ގެއްލެން އެތުލީޓުން ވެސް ބޭނުންނުވާތީ ކަމަށެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ ކުރެވުނު މަސައްކަތުން މުބާރާތް އިންތިޒާމްކުރާ ފަރާތުން ރާއްޖޭގެ ތިން އަންހެން އެތުލީޓުންނަށް ފުރުސަތު ދޭން ނިންމީ އިންޑިއާގެ އެތުލީޓަކު ހިމަނައިގެން ވާދަކުރެވޭ ގޮތަށް ކަމަށާއި އޭގެ ބޭނުން ހިފަން އެސޯސިއޭޝަނުން ނިންމީ ކަމަށެވެ. މިއީ ރާއްޖޭގެ ގައުމީ އަންހެން ރިލޭ ޓީމަށް ލިބުނު ފުރުސަތެއް ނޫން ކަމަށާއި މިއީ އެ އެތުލީޓުންނަށް ދިން ފުރުސަތެއް ކަމަށް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.

އަދި އިންޑިއާގެ އެތުލީޓު ދުވުނުއިރު، ބޭނުންކޮށްފައިވަނީ ރާއްޖޭގެ ގައުމީ ޓީމު ދުވާއިރު، ބޭނުންކުރާ ކިޓު ނޫން ކަމަށާއި، ނަމަވެސް ރިލޭގައި ވާދަކުރާ ހުރިހާ އެތުލީޓުން ވެސް ތިބެން ޖެހެނީ އެއްވައްތަރެއްގެ ހެދުމެއްގައި ކަމުން، 4 އެތުލީޓުން ވެސް އިވެންޓްގައި ބޭނުންކޮށްފައިވަނީ އެތުލެޓިކްސް އިން ޓްރެއިނިންގައި ބޭނުންކުރާ ޓީޝާޓު ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން