މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ދެމުންގެންދިޔަ ބަހުގެ ހިދުމަތް ރަސްމީކޮށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ މިއަދު ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ގްރޭޓަރ މާލެ ބަސް ޓާރމިނަލްގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްގެ ސީއީއޯ ޝާހިދު އަލީއާއި ދެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިރަސްމިއްޔާތުގައި ވަނީ ސަރުކާރާ އެމްޓީސީސީއާއި އެމްޕީއެލާއި ދެމެދު 50 އަހަރުގެ ސަރވިސް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ.

މި ބަދަލު ގެނެވުނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި މިނިސްޓްރީ އޮފް ފިނޭންސާއި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑާއި އެމްޓީސީސީން މަޝްވަރާތައް ބޭއްވުމަށްފަހުގައެވެ. މި ބަދަލާއެކު މި މަސައްކަތަށް ބޭނުންކުރަމުން ގެންދިޔަ އުޅަނދުފަހަރާ މުއައްޒަފުންވެސް އެމްޓީސީސީގެ ދަށަށް ބަދަލުވާނެއެވެ. މިގޮތުން، 35 ބަސް، 5 ސްޕީޑް ބޯޓު އަދި 2 ދޯނި އެމްޓީސީސީގެ ދަށަށް ބަދަލުކުރެވޭނެއެވެ. އަދި މި ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވި 282 މުވައްޒަފުންވެސް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ވަނީ ނިންމާފައެވެ.

މިއަދު މިގެނެވުނު ބަދަލާއެކު، ކަނޑުދަތުރުފަތުރުގެ ޚިދުމަތުގެ ޒޯން 6، (އައްޑޫ، ފުވައްމުލައް) އަދި އެއްގަމު ދަތުރުފަތުރުގެ މާލެ، ހުޅުލެ، ހުޅުމާލެ ބަހުގެ ލިންކް އެމްޓީސީސީން ދެމުން ގެންދާ ޚިދުމަތަކަށް ބަދަލުވެ، މުޅި ރާއްޖެއަށް ދަތުރުފަތުރުގެ ޚިދުމަތް ދެމުންގެންދާ ކުންފުންޏަކަށް އެމްޓީސީސީ ވެގެންދާނެއެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަޒުމަކީ ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތުގެ ފެންވަރު އެއްދުވަހުން އަނެއްދުވަހަށް މަތިކުރަމުން ގެންދިއުން ކަމަށެވެ. އަދި ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން